Friday, January 17, 2020


ކިޔުމުގެ ދޭހައެއް ތައްޔާރު ކުރާނަމަ ވިސްނަންޖެހޭ ކަންކަން
ދޭހައަކީ ކިޔާ ކިޔުމަކުން ނުވަތަ އިވޭ ވާހަކައަކުން ނުވަތަ ފެންނަ މަންޒަރަކުން ދޭހަވި އެއްޗެއް އެހެން މީހަކަށް ބުނެދޭން އެނގުމެވެ. އެގޮތުން ލިޔުމެއް ކިޔުމަށްފަހު ލިޔުންތެރިޔާ ދޭން ބޭނުންވާ މެސެޖު ސާފުވުމަކީ އެ ލިޔުމެއްގައި ބުނެފައިވާ އެއްޗެއް ނުވަތަ ކަމެއް ރަނގަޅަށް ދޭހަވުމެވެ. ހަމަ އެގޮތަށް ލިޔުމުގައި ދައްކާފައިވާ ވާހަކައިން އެހެން މާނައެއް ނެގޭކަމަށް ވާނަމަ އެ ނެގޭ މާނައެއް ބުނެދޭން އެނގުމަކީ ވެސް އެ އެއްޗެއް ދޭހަ ވެއްެޖެކަމުގެ ހެއްކެކެވެ.
ދޭހައެއް ތައްޔާރު ކުރުމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ދޭހައެއް ހަދާއިރު އެއީ ދަރިވަރުންގެ އުމުރާއި ފެންވަރާއިގުޅޭ ކިޔުމަށް ޝައުޤު އުފެދޭ ކަހަލަ ލިޔުމަކަށް ވުން ކޮންމެހެން ބޭނުމެވެ. އެހެނީ އެ ދޭހައަކީ ދަރިވަރުންގެ އުމުރާއި ނުގުޅޭ މާ ފެންވަރުމަތި ދޭހަކަށް ވިޔަސް ދަރިވަރުން ފޫހި ވެދާނެއެވެ. އަދި ހަމަ އެހެންމެ މާ ފެންވަރު ދަށް ދޭހައެއް ދިނަސް އެ ދޭހައެއް ކިޔަން ދަރިވަރުން ފޫހިވާނެއެވެ. އެހެންކަމުން މިއީވެސް ދޭހައެއް ދިނުމުގައި ވިސްނަންވީ ކަންކަމުގެ ތެރެއިން އެއްކަމެވެ.

"ދޭހައަކީ ދީފައިވާ ޕެސެޖަކާއި ގުޅޭގޮތުން ދީފައިވާ ސުވާލުތަކަށް ދަރިވަރުން ޖަވާބުދިނުމެވެ. ދޭހައިގެ ބޭނުމަކީ ދީފައިވާ ދޭހަ ދަރިވަރަށް އެނގި ވިސްނިފައި ވޭތޯ ބެލުމެވެ. މިއީ އެނގުމުގެ ދޭހަވުމުގެ ހުނަރު ކުރިއެރުވުމެވެ. ދޭހައިން ދެކަމެއް ކުއްޖާއަށް ހާސިލް ވެއެވެ. އެއް ކަމަކީ ޢިބާރާތެއްގައި ބުނާއެއްޗެއް ކުއްޖާއަށް ރަނގަޅަށް ދޭހަ ވުމެވެ. އަނެއް ކަމަކީ އަމިއްލަ އިބާރާތުން (ޕެސެޖްގައިވާ ޢިބާރާތްނޫން) ކުށެއްނެތި ލިޔަން ދަސްވުމެވެ. ދޭހައިގެ ތަފާތު ބާވަތުގެ ލިޔުން ހުރެއެވެ. އޭގެ ތެރޭގައި ޅެމާއި ވާހަކަ، ޑްރާމާ، މަޒުމޫން ، އިޢުލާން. އިޝްތިހާރު ، މިއުޒިކް، ނޯޓް. އަދި ފަދަ ލިޔުންތައް ހިމެނެއެވެ." (ނަދުވީ, 2003)
މީގެ އިތުރުން ދޭހައެއް ދޭނަމަ އެދޭހައެއް ދޭންވާނީ ދަރިވަރުންނަށް ފަސޭހައިން ކިޔާލެވޭފަދަ ގޮތަކަށް ތައްޔާރުކޮށްފައެވެ. މިގޮތުން ފޮންޓްސައިޒާއި، ލިޔެފައިހުންނަ އަކުރުގެ ސައިޒާއި ބައްޓަމާއި، ދެފޮޅުވަތް ދެމެދުގެ ދުރުމިން ވެސް އެކަށޭނެފަދަ ގޮތަކަށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ.
އަދި ދޭހައާއި ގުޅޭ ފަދަ ތަސްވީރުތަކެއް ދޭހައިގެ ގޮތުގައި ދެވޭ ލިޔުމުގެ އެކި ހިސާބުތަކުގައި ހިމަނާލުމަކީވެސް ދަރިވަރުން އެ ލިޔުމެއް ކިޔަން ޝައުޤުވެރި ވާނޭކަމެކެވެ. ފަހަކަށް އައިސް ދަރިވަރުންގެ ފޮތްތަކުގައި ދީފައިވާ ކިޔުމުގެ ދޭހައިގެ ބައެއްފިލާވަޅު ތަކުގައި ވެސް މިގޮތަށް ފާހަގަ ކޮށްފައި ހުރެއެވެ. 
ހަސަން ޒަހީން (2015)، ދޭހައެއް ހެދުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ފާހަގަ ކުރައްވާފައި ވެއެވެ. އޭގެތެރޭގައި :-
ސުވާލަށް ޖަވާބު ދިނުން
 ދޭހައިގެ ސުވާލުގައި އޮޅުން ފިލުވުމަށް އެދެނީ ވަކިކަމެއް ކުރިގޮތް ކަމަށްވާނަމަ، ދޭހައިގައި އެކަން ކުރިގޮތް ބުނެދީފައިވާ ގޮތަށް ބުނެދޭން ވާނެއެވެ. ހަމައެގޮތަށް ސުވާލު ބިނާވެފައިވަނީ ލަފުޒެއްގެ މާނަ ހޯދުމަށްކަމަށްވާނަ، ދޭހައިގައި އެލަފުޒެއްގެ މާނަ ކޮށްފައިވާގޮތަށް ބުނެދޭން ވާނެއެވެ. ނުވަތަ ސުވާލު ބިނާކޮށްފައިވަނީ ދަރިވަރުގެ ވިސްނުމާއެކު ދޭހައިގެ ލިޔުމުގައި ބުނެދީފައިވާ އެއްޗެއް ދެނެގަންނަށް ކަމަށްވާނަ އެކަމަށް ސަމާލުވާން ވާނެއެވެ. އެހެންކަމުން ދޭހައިގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ސުވާލުން އޮޅުން ފިލުމަށް އެދޭ ކަންތައް ފިޔަވައި އިތުރު ވާހަކަ ލިޔެގެން ނުވާނެއެވެ.
 ސުވާލު ދޭހަވެގެން ޖަވާބު ދިނުން.
 ދޭހައިގެ ސުވާލުތައް ހެދުމުގައި، ސުވާލު އޮޅުން ފިލުން ލާޒިމެވެ. ސުވާލުގައި ބުނެދޭން އުޅޭ ވާހަކަ އެނގެން ޖެހެއެވެ. ހަމައެއާއެކު ދޭހައިގެ ސުވާލުން ހާސިލްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަކީ ކޮބައިތޯ ވެސް ވިސްނަން ޖެހެއެވެ. މިސާލަކަށް ދޭހައިގައި އާފަލެއްގެ ކުލައަކީ ހުދުކުލަކަމަށް ބުނެދީފައިވާނަމަ، އާފަލުގެ އަސްލު ކުލައަކީ ކޮންމެ ކުލައެއް ނަމަވެސް އާފަލުގެ ކުލައޮޅުން ފިލުވުމަށް ކުރެވޭ ސުވާލުގެ ޖަވާބަކަށް ވާންވާނީ ހުދުކުލައެވެ. ސަބަބަކަށް ވަނީ ޖަވާބު ދެނީ ދޭހައިން ދޭހަވި އެއްޗެއްގެ މައްޗަށް ބިނާކޮށް ކަމަށްވުމެވެ. އަދި ސުވާލު ބިނާކޮށްފައިވަނީވެސް ދޭހައިން ދޭހަވި މިންވަރު ވަޒަން ކުރަންކަމަށް ވާތީއެވެ.
މާކުހަށް ވިސްނައިގެން ޖަވާބު ބިނާކުރުން.
 ދޭހައިގެ ސުވާލު ބިނާކޮށްފައިވަނީ ކަމެއް އޮޅުން ފިލުވަންކަމަށްވާތީ، އެސުވާލުގެ ޖަވާބަށް ދީފައިވާ މާކުހެއްގެ ނިސްބަތުން، ސުވާލުގެ ޖަވާބުގައި އެކަމެއް ތަފްސީލްކޮށް އޮޅުން ފިލުވައި ދޭންވާނެއެވެ. މިއީ ބައެއް މުދައްރިސުންނަށް ޤަބޫލުކުރަން ދަތިކަމަކަށް ވެދާނެއެވެ. އެހެންނަމަ ވެސް ދޭހަ ހެދުމުގައި ސުވާލު ބިނާކޮށް އެއަށް މާކުސް ކަނޑައެޅުމުގައި ބޭނުމެއް އޮންނާނެއެވެ. އެހެންކަމުން ސުވާލަށް ކަނޑައަޅާފައިވާ މާކުހަކީ ވެސް ޖަވާބު ދިނުމުގައި ބަލަންޖެހޭ ކަމެކެވެ.

No comments:

Post a Comment