Thursday, January 16, 2020

1.1 އިސްބަސް

މިއީ އަޅުގަނޑު ހަދަމުންދާ ކޯހުގެ މޮޑިއުލްއެއްކަމަށްވާ ކްއަންޓިޓޭޓިވް ރިސާރޗް މެތަޑްގެ ގެދަށުން ހަދަންޖެހޭ ރިސާރޗް ޕްރޮޕޯސަލްއެވެ. މި އެސައިންމެންޓް ބިނާވަނީ ތަޢުލީމީ ދާއިރާއަށް ޚާއްސަކޮށްގެން ހަދާފައިވާ ކޮލިޓޭޓިޓޭޓިވް ރިސާރޗް ސްޓަޑީ އާރޓިކަލްއެއް ހޯދުމަށްފަހު އޭގައިވާ މަފުހޫމްތައް ބޭނުންކޮށްގެން ކްއަންޓިޓޭވް ރިސާރޗް ޕްރޮޕޯސަލްއެއް އެކުލަވާލުމުގެ މައްޗަށެވެ.
މި ރިސާރޗްގައި ރިސާރޗް އަމާޒުކޮށްފައިވާ ސުވާލާއި، ރިސާރޗް ޑިޒައިނާއި ބައިވެރިވާ ފަރާތްތަކުގެ ސާމްޕްލިންއާއި، އިންސްޓްރޫމެންޓޭޝަންއާއި، ޑަޓާ ހޯދުމަށް މަސައްކަތްކުރިގޮތާއި، ޑާޓާ އެނަލައިޒްކުރިގޮތުގެ ފްރޭމްވާރކް ހިމެނިފައިވާނެއެވެ. މީގެ އިތުރުން ކްއަންޓިޓޭޓިވް ރިސާރޗް މެތޮޑްލެޖީއާއި މެދު ވާހަކަދެކެވިފައިވާނެއެވެ.  
 މިދިރާސާއަކީ ޕްރީސްކޫލް މަރުޙަލާ (ފައުންޑޭޝަން ސްޓޭޖް) ނިންމާ ދަރިވަރުންނަކީ ގްރޭޑް1ގައި ކިޔެވުމުގެ ފެންވަރަށް ތައްރާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއެކެވެ.

1.2 ރިސާރޗް ޓޮޕިކް

ފައުނޑޭޝަން ސްޓޭޖް (ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތު) ނިމޭއިރު ގްރޭޑް1ގައި ކިޔެވުމަށް ދަރިވަރުން ތައްޔާރުވެފައިވާ މިންވަރު: ކްއަންޓިޓޭޓިވް ދިރާސާ.

1.3 ތަޢާރަފް

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖްގައި ތަޢުލީމުގެ ފުރަތަމަ މަރުޙަލާއަކީ ފައުންޑޭޝަން މަރުހަލާގެ ތަޢުލީމްކަމަށް ކަނޑައަޅުއްވާފައި ވެއެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، 2014). އެހެންކަމުން އުމުރުން 4 އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށް ވެސް ރަސްމީތަޢުލީމުގެ ނިޒާމުގެ ތެރެއިން ތަޢުލީމް ލިބިދިނުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔު ކޭޝަން، (2015) ބާޔާންކުރައްވާ ގޮތުގައި ފައުންޑޭޝަން ސްޓޭޖްގެ މުޤައްރަރު އަމާޒު ކުރެވިފައި މި ވަނީ އިސްލާމްދީނުގެ ބިންގާ، ކުދީންގެ ހިތްތަކުގައި ލޯބި އުފެއްދުމާއި ޤުރުއާން ކިޔެވުމަށް ޝައުޤުވެރި ކުރުވާ މަ ޚްރަޖާއި އަޑު އަދާ ކުރާނެ ގޮތް ދަސްކޮށްދީ، އިސްލާމީ ރިވެތި އަދަބު ތަކާއި ރިވެތި އުސޫލު ތަކުގެ ބޭނުން ހިފާ އަޚްލާޤުން ޒީނަތްތެރިވެފައިވާ ހުނަރުވެރި ދުޅަހެޔޮ ޤާބިލް ކުދީންތަކެއް ތައްޔާރުކުރުމަށެވެ. ވީމީ މި މަރުހަލާ ނިންމާ ދަރިވަރުން ކީސްޓޭޖް 1 ގެ ފުރަތަމަ ގްރޭޑް 1 ގއި ތަޢުލީމު ޙާޞިލްކުރުމަށް ތައްޔާރު ތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ދަރިވަރުން ގެ މި ބަދަލުވުން ނުވަތަ ޓްރާންސިޝަން އަކީ ވަރަށް އަމާން ކޮށް ހުރަހެއްނެތް ކަމެއްކަމުގައި ވެސް ކަށަވަރުކުރުން އެހާމެ ބޭނުންތެރިއެވެ (Winter & Kelly, 2008).

1.4 ޕްރޮބްލަމް ސްޓޭޓްމެންޓް

ޕްރީ ސްކޫލް ތަޢުލީމަކީ އޭގެ ސަބަބުން ތަފާތު އެކި ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަނެގެންދާނެ މަރުހަލާ އެކެވެ. ދިވެހި ރާއްޖޭގެ ޤައުމީ މަންހަޖް ގެ  ފައުންޑޭޝަން ސްޓޭޖް ގެ ވެސް އަމާޒު ކަމުގައި އިސްލާމީ ރިވެތި އަދަބު ތަކާއި ރިވެތި އުސޫލު ތަކުގެ ބޭނުން ހިފާ އަޚްލާޤުން ޒީނަތްތެރިވެފައިވާ ހުނަރުވެރި ދުޅަހެޔޮ ޤާބިލް ކުދީންތަކެއް ތައްޔާރުކުރުން ކަމުގައި ވީ ހިނދު ތަފާތު އެކު ހުނަރުވެރި ދަރިވަރުން ގެ ގޮތުގައި ހެދުން ވެސް ލާޒިމްވެއެވެ (ނޭޝަނަލް އިންސްޓިޓުޓް އޮފް އެޑިއުކޭޝަން، 2015).
އެހެންކަމުން މި މުޤައްރަރުގައި ހަމައެކަނި ދަރިވަރުންނަށް ކޮންމެހެން ލިޔުމާއި ކިޔުން ދަސްކޮށްދިނުން ލާޒިމެއް ނުކުރެއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ވެސް ހާމަކުރައްވަނީ "މިމަންހަޖު ތަންފީޒު ކުރުމުގައި ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދެވޭނީ ދިވެހި ބަހުންނެވެ." (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން 2014). ނަމަވެސް، އޭގެ ބަދަލުގައި ދަރިވަރުންނަށް އިޖްތިމާޢީ ހުނަރު ކުޅުމުގެ ތެރެއިން ދަސްކޮށްދިނުމާއެކު އެކުދިންގެ ހޮލިސްޓިކް ޑިވެލޮޕްމެންޓް ތަރައްޤީ ކުރެވޭނެ ގޮތަށް އުނގަންނައި ދިނުން ބައްޓަންކުރުމަށެވެ. (ނާޝިޔާ މުޙައްމަދު 2007) އާއި ޙަވާލާދެއްވައި ނާފިޒާ އަލިމަނިކް (2014)، ހާމަކުރައްވަނީ ޕްރީސުކޫލުގައި ބަސްކިޔަވައިދިނުމުގެ މަޤްސަދުތަކުގެ ތެރޭގައި ހަތަރު ހުނަރު ކަމުގައިވާ އަޑުއެހުން، ވާހަކަދެއްކުން އަދި ކިޔުމާއި ލިޔުމުގެ ހުނަރާއި ކުރިއެރުވުން ހިމެނޭ ކަމަށާއި ކޮންމެ ބަހެއް ދަސްކުރި ކަމުގައިވިޔަސް އެންމެ ފުރަތަމަ އަންނާނީ އަޑުއެހުމުގެ ހުނަރުކަމަށެވެ. އެހެންނަމަ ވެސް ގްރޭޑް 1 ގެ ސިލަބަހުގައި އާއި ފޮތްތަކުގައި ކޮންޓެންޓް އަތުރާލައިފައި ވާ ގޮތުން ދަރިވަރުންނަށް އެންމެ ކުޑަ މިންވަރަކަށް ސުރުޚީތައް ކިޔައި ދޭހަވާން ޖެހޭ ކަމުގައި ގްރޭޑް 1 ގެ މުދައްރިސުން ދެކެއެވެ. އަދި މި މަރުޙަލާގެ މުޤައްރަރު ތަކުގެ ތެރެއިން ޤުރުއާނާއި، އިސްލާމް އަދި ދިވެހިބަސް ފިޔަވައި އެހެން ހުރިހާމާއްދާއެއް ވެސް ކިޔަވައިދޭން ޖެހެނީ އިނގިރޭސި ބަހުންކަމަށް ވެސް ދިވެހިރާއްޖޭގެ ޤައުމީ މަންހަޖްގައި ބަޔާންކޮށްފައިވެއެވެ.  ހެޗަރ، ނަނަރ އަދި ޕައުލްސެލް (2012) ލިޔުއްވާ ގޮތުގައި ދަރިވަރުން ތައްޔާރު ވާންޖެހޭ މިންވަރާއި ފެންވަރަކީ ހަމައެވަކި އެކަޑަމިކް ސްކިލްސް އަށް ބަލައިގެން އަންދާޒާ ނުކުރެވޭނޭ އެޗެކެވެ. އެހެން ނަމަވެސް ކޮންމެފަދަ ރެޑިނަސް ޕްރޮގަރާމެއްގައި ވެސް މަލްޓިޑައިމެންޝަނަލް ސްކިލް ހިމެނެން ޖެހެއެވެ. އަދި މި ފަދަ ކަންތައްތައް ތަކުގައި އެކި ސްޓޭކް ހޯލްޑާރސްދެކޭގޮތް ތަފާތު ވުމަކީ ވެސް ދަރިވަރުން ތައްޔާރުކުރުމުގައި ހުރި ގޮންޖެހުމެކެވެ.
 ވީމާ، މިފަދަ ޚިޔާލު ތަފާތު ވުންތަކެއް ވާތީ މި ދެ މަރުހަލާގައި އެއް މަރުޙަލާއިން އަނެއް މަރުހަލާ އަށް ދަރިވަރުން ބަދަލުވާއިރު ދަރިވަރުން ތައްޔާރުތޯ ބެލުމަކީ ކޮންމެހެން ލާޒިމްކަމެކެވެ.

 1.5 ދިރާސާގެ މަޤްސަދާއި ސުވާލުތައް

މައިގަނޑު ބޭނުން
މި ދިރާސައިގައި ބެލޭނީ މުދައްރިސުންގެ ނަޒަރުގައި ފައުންޑޭޝަންގެ މަރުހަލާ ނިމޭއިރު ދަރިވަރުންގެ ހުނަރާއި ފެންވަރު ގްރޭޑް 1 ގައި ތަޢުލީމު ޚާޞިލުކުރުމަށް ތައްޔާރު ކުރެވިފައިވާ މިންވަރާއި ، އެ ކަމުގައި ހުރި ގޮންޖެހުންތަކަށެވެ.

1.5.1 ދިރާސާގެ ސުވާލު

ފައުންޑޭޝަން މަރުޙަލާގެ ތަޢުލީމު ނިމޭއިރު ގްރޭޑަ1 ގައި ތަޢުލީމް ޙާޞިލުކުރެވޭ ވަރަށް ދަރިވަރުންގެ އިޖުތިމާޢީ ހުނަރު ތަރައްޤީވޭ ހެއްޔެވެ؟
ފައުންޑޭޝަން މަރުޙަލާގެ ތަޢުލީމު ނިމޭއިރު ގްރޭޑަ1 ގައި ތަޢުލީމް ޙާޞިލުކުރެވޭ ވަރަށް ދަރިވަރުންގެ ލިޔުމާއި ކިޔުމުގެ ފެންވަރު ތަރައްޤީވޭ ހެއްޔެވެ؟

1.5.2 ދިރާސާގެ މަޤުސަދު:

ފައުންޑޭޝަން މަރުޙަލާގެ ތަޢުލީމު ނިމޭ ދަރިވަރުންގެ އިޖުތިމާޢީ ހުނަރު ތަރައްޤީ ވެފައިވާ މިންވަރު ހޯދުން.
ފައުންޑޭޝަން މަރުޙަލާގެ ތަޢުލީމު ނިމޭދަރިވަރުންގެ ކިބައިގައި ހުންނަ ލިޔުމާއި ކިޔުމުގެ ފެންވަރު ދެނެގަތުން.

1.6 ދިރާސާގެ ވޭރިއަބަލްސް

މި ދިރާސާގެ ވޭރިއަބަލް އަކީ އިންޑިޕެންޑެންޓް މެޝާރޑް ވޭރިއަބަލްއެވެ. ކްރެސްވެލް (2012) ހާމަ ކުރައްވާ ގޮތުގައި ހަތަރު ބާވަތެއްގެ ވޭރިއަބަލް އެއް ކްއަންޓިޓޭވް ރިސާޗްގައި ހިމެނެއެވެ. އޭގެ ތެރެއިން ސާވޭ ގައި ބެލެވޭ އެޓިޓިއުޑުސް ފަދަ ކެޓަގަރިކަލް ޑާޓާތަކަށް ނިސްބަތްވަނީ މެޝާޑް، އިންޑިޕެންޑެންޓް ވޭރިއަބަލްއަށެވެ.

 1.7 ދިރާސާގެ ސިގްނިފިކެންސް

ޤައުމީ މަންހަޖު ތަޢާރަފް ވެ އެކްޓިވް ސްޓޫޑެންޓް ލާރނިންގ ޕެޑަގޮޖީ ތަކެއް ބޭނުން ކުރަން ފެށިވައި ވީ ހިނދު ތަޢުލީމުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވުމުގައި ދަރިވަރުން ތައްޔާރުތޯ ބެލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ޚާއްސަކޮށް ޕްރީސްކޫލް ނިމިގެން ގްރޭޑް 1 ގެ ތަޢުލީމު ފަށާ އިރު ދަރިވަރުންގެ ކިބައިގައި އިޖްތިމާޢީ ހުނަރާއި ބަހައްޓަންޖެހޭ ޢަޚްލާގީ މިންގަނޑު އަށަގަނުވައި ދީ އެ ކުދިން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުން ވަރަށް މުހިންމެވެ. (Winter & Kelly, 2008). އަދި، މޮރީސަން (2008) ލިޔުއްވާ ގޮތުގައި ޕްރީސްކޫލް އަދި ގްރޭޑް 1 ގެ ޓީޗަރުން ނަޒަރުގައި ދަރިވަރުން ގެ ފެންވަރާއި ހުންނަން ޖެހޭ މިންވަރު ދެނެގަންނަން ހެދި ފައިވާ ދިރާސާ ވަރަށް މަދު ނަމަވެސް އެއީ ޓްރާންސިޝަން ސްމޫތު ކުރުމަށް އެހާމެ މުހިންމުކަމެކެވެ. މީގެ އިތުރުން މި ދާއިރާއަށް ދިވެހިރާއްޖޭގައި ހެދިފައިވާ ދިރާސާތައް މަދުވުމުން ވެސް މި ރިސާޗް ހެދުމުގެ މުހިންމުކަން ހާމަވެއެވެ.
މިގޮތުން މި ދިރާސާއިން  ޕްރީސްކޫލް ނިމޭއިރު ދަރިވަރުންގެ އިޖުތިމާޢީ ހުނަރު ތަރައްޤީ ވެފައިވާ މިންވަރާއި ފެންވަރު ދެނެގަތުމުގެ އިތުރުން ގްރޭޑް 1 ގެ ތަޢުލީމަށް ދަރިވަރުން ތައްޔާރުކުރުމުގައި ހުރި ދަތިތަކާއި މައްސަލަތައް އެގިގެންދާނެއެވެ.

1.8 ދިރާސާގައި ހިމެނޭ މުހިންމު ލަފްޒުތަކުގެ މާނަ: (ޑެފިނިޝަން އޮފް ޓާރމްސް)

ދިވެހިރާއްޖޭ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖް: މިއީ ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖެއެވެ. އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެ މުހިންމު ތަޢުލީމީ އެއް ސިޔާސަތަކީ މި މަންހަޖެވެ. މި މަންހަޖުގައި ބަޔާންކޮށްފައިވާނީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އުނގެނުމާއި އުނގަންނައިދިނުން ރޭވިވިފައިވާގޮތެވެ. މި މަންހަޖުގެ ދަށުން ކިޔަވައިދެވޭނީ ޕްރީސްކޫލް ތަޢުލީމާއި ފަށާތަޢުލީމާއި ދަށުސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން, 2014).
ކީ- ސްޓޭޖް: ދަރިވަރުންގެ ޢުމުރާގުޅޭގޮތުން މަދުރަސީ ތަޢުލީމުގައި ޙާޞިލުކުރަންވާ މަޤުޞަދުތައް ބަހާލެވިފައިވާ މަރުޙަލާތައް
 ފައުންޑޭޝަން ސްޓޭޖް: ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ
އިޖުތިމާޢީ ހުނަރު: މުޖުތަމަޢެއްގެ ތެރޭ ގެންގުޅޭނެ ރީތި އަދަބުތަކާއި ދޭދޭ ގުޅުމާއި ރަނގަޅު އާދަތައް
މުޤައްރަރު: ތަޢުލީމީ ގޮތުން ވަކި މަޤުޞަދެއް ނުވަތަ ޙާސިލުކުރުމައްޓަކައި ބަޔަކަށް ފޯރުކޮށްދޭން ކަނޑައަޅައި ތަރުތީބު ކޮށްފައިވާ މަޢުލޫމާތާއި ހުނަރާއި ސިފަތަކާއި، އޭގެ މިންވަރު.
ހޮލިސްޓިކް ޑިވެލޮޕްމެންޓް: )ދަރިވަރުންގެ މުޅިޖުމްލަ ތަރައްޤީ(  ދަރިވަރުންގެ ރޫޙާނީ، ޖިސްމާނީ، ޖަޒުބާތީ، އިޖުތިމާޢީ، އަދި ވިސްނުމާއި އުފެއްދުންތެރިކަމުގެ ތަރައްޤީއަށް ބާރުއެޅިގެން ދެވޭ ތަޢުލީމު.
ކުއެސްޓަނިއަރ:  ދިރާސާގެ ބައިވެރީން ޖަވާބު ދިނުމަށްޓަކައި ލިޔުމުން އެކުލަވާލެވޭ ސުވާލުތައް
2. މެތެޑޮލޮޖީ

2.1 ދިރާސާގެ ޑިޒައިން

ރިސާރޗްގެ ޕެރަޑައިމްގެ ތެރޭގައި ތެރޭގައި ކޮލިޓޭޓިވް ރިސާރޗާއި ކްއަންޓިޓޭޓިވްރިސާރޗް އަދި މިކްސް މެތެޑް ހިމެނެއެވެ. މި ދިރާސާއަކީ ކްއަންޓިޓޭޓިވް ދިރާސާއެކެވެ. ސަބަބަކީ ކްއަންޓިޓޭވިވް ދިރާސާގައި ޑިޑަކްޓިވް މެތެޑް ބޭނުން ކޮށްގެން ކޯސް އެން އެފެކްޓް ބަލައި ދިރާސާކޮށް ބޮޑެތި އާބާދީތަކަށް ނަތީޖާ ޖެނެރެލައިޒް ކުރެވޭތީއެވެ. އަދި ހަމައެހެންމެ ދިރާސާ ކުރެވޭ މައްސަލަ ނުވަތަ ހިމެނޭ ވޭރިއަބަލްސް ވަރަށް ހަނި ކޮށް އަދި ފުންކޮށް ދިރާސާ ކޮށްލެވެއެވެ. (Johnson & Christensen, 2010). މީގެ އިތުރުން މެކްރޯ ލެވެލް ގައި ޑާޓާ އެއްކުރެވި ތަފާތު ސްޓެޓިސްޓިކަލް މެތްޑް ބޭނުންކޮށްގެން އެނަލަސިސް ކުރެވޭތީ ދިރާސާގެ ވެލިޑިޓީ އިތުރުކޮށްދެއެވެ.
ރިސާރޗް ޑިޒައިނަކީ ދިރާސާ ކުރިއަށް ގެންދާ ކޮންސެޕްޗުއަލް ސްޓްރަކްޗަރއެވެ. ކްއަންޓިޓޭޓިވް ރިސާރޗް ޑިޒައިންތަކުގެ ތެރޭގައި ހިމެނެނީ ސާރވޭ ޑިޒައިން، އެކްސްޕޭރިމެންޓަލް ޑިޒައިން، ކޯރިލޭޝަން ޑިޒައިންއެވެ. މީގެ ތެރެއިން މި ދިރާސާގައި ބޭނުންކުރާނީ ސާރވޭ ޑިޒައިނެވެ.
ސާރވޭ އަކީ ވަކި އާބާދީއެއްގެ ސަބްސެޓް ނުވަތަ ސާމްޕަލަކުން މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރެވޭ މެތަޑެކެވެ. ޢާއްމުގޮތެއްގައި ސާރވޭ ބޭނުންކުރެވެނީ އަޚްލާޤާއި، ޚިޔާލުހޯދުމާއި، އެޓިޓިއުޑާއި، ޤަބޫލުކުރުންތަކާއި، ޢަލާމާތްތަކާ އަދި ޑިމޮގްރެފިކް ކެރެކްޓަރިސްޓިކްސް ތަކާއި ގުޅިގެން ސުވާލު ކުރުމަށެވެ (ކްރެސްވެލް، 2012). އަދި ސީދާ ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް ސުވާލުކޮށްގެން ނޫނީ ނުހޯދޭނެ މަޢުލޫމާތު ހޯދުމަށްޓަކައި ސާރވޭ ބޭނުންކުރެވެއެވެ. މައިގަނޑު ގޮތެއްގައި ސާރވޭ ޑިޒައިން ދެބަޔަކަށް ބާހަލެވެއެވެ. އެއީ ކްއެސްޓަނެއަރ އެއް ބޭނުންކުރުމާއި އިންޓަރވިއު އެވެ. އަޅުގަނޑު ކުރަން ބޭނުންވާ ދިރާސާގެ އަމާޒަކީ ވެސް ދިރާސާކުރެވޭ މައްސަލައާއިމެދު މީހުންގެ ޚިޔާލާއި އެމައްސަލައާއިމެދު މީހުންދެކޭގޮތާއި ޤަބޫލުކުރުންތައް ހޯދުން ކަމުގައި ވާތީ ސާރވޭ ޑިޒައިނެއްގެ ތެރެއިން މި ދިރާސާ، އަމާޒު ކުރެވިފައިވާ ސުވާލުތަކަށް ޖަވާބު ދެނެގަނެވޭނެއެވެ.  ކްރެސްވެލް (2009) ހާމަކުރައްވާގޮތުގައި ސާރވޭއަކީ ދިރާސާކުރަން ބޭނުންވާ އާބަދީއާއި ގުޅޭގޮތުން ޖެނެރަލައިޒް ކުރެވޭގޮތަކަށް ހޯދާ ހޯދުންތައް ހުށަހެޅުމެވެ. މީގެ އިތުރުން ސާރވޭގައި ހުށަހަޅައިދެނީ ހިސާބު ޢަދަދުތަކުން ހުށަހަޅައިދެވޭ ފަދަ މަޢުލޫމާތުތަކެވެ. ވުމާއެކު، ސާވޭ ޑިޒައިނަކީ މި ދިރާސާ ހެދުމަށް އެންމެ އެކަށޭނަ ކްއަންޓިޓޭޓިވް ޑިޒައިންއެވެ.
އެކްސްޕަރިމެންޓަލް ޑިޒައިންގައި އަސަރު ނުވަތަ ކޯޒް-އެންޑް-އިފެކްޓް ގުޅުން ހޯދާއިރު، ކޮރިލޭޝަނަލް ދިރާސާ ތަކުގައި އެއްވެސް ވޭރިއެބަލެއް ބަދަލުނުކޮށް ދިރާސާވެރިޔާގެ ދައުރަކަށް ވަނީ ޑޭޓާ އެއްކޮށް ވޭރިއެބަލްތަކުގެ މެދުގައި ކޮރިލޭޝަނަލް ރިލޭޝަންޝިޕެއް ފާހަގަވާފަދަ ޕެޓާރނެއް ފާހަގަވޭތޯ ބަލައެވެ (ކްރެސްވެލް، 2012). މި ދިރާސާ ގައި މިފަދަ އެއްވެސް ގުޅުމެއް ހޯދައި ނުވަތަ ކޯސް އެން އެފެކްޓް ހޯދައި ދިރާސާއެއް ނުކުރެއެވެ. ވުމާއެކު، މި ދިރާސާއަށް އެއްމެ އެކަށީގެން ވަނީ ސާރވޭ ޑިޒައިން ކަން ކަށަވަރުވެއެވެ.
2.2 ދިރާސާގެ އާބާދީއާއި ސާމްޕަލް

2.2.1 ދިރާސާގެ އާބާދީ

ދިރާސާގެ އާބާދީ އަކީ ދިރާސާ އަމާޒު ކުރެވޭ ޖުމްލަ ގްރޫޕެވެ )ކްރެސްވެލް، 2012). އެގޮތުން އަޅުގަނޑުގެ މި ދިރާސާ އަމާޒުކުރަނީ މާލޭ ޒޯންގެ ސްކޫލަށް ވާތީ މި ދިރާސާގެ އާބާދީއަކީ މާލޭ ޒޯންގައި ހިމެނޭ ސްކޫލަތަކުގެ ގްރޭޑް1 ގެ ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖްގެ އެންމެހާ ޓީޗަރުންނެވެ.
2.2.2 ސާމްޕްލިންގ
ސާމްޕްލިންގ އަކީ ބޮޑު އާބާދީ އަކާއި ގުޅޭގޮތުން ނޭނގޭ މައުލޫމާތެއް ނުވަތަ ޙާލަތެއް ނުވަތަ ނަތީޖާއެއް ތަކުރާރުވާ މިންވަރު އަންދާޒާ ކުރުމަށް އަސާސެއްގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި ބޮޑު އާބާދީއެއް (ޕޮޕިއުލޭޝަން)ގެ ތެރެއިން މަދު މިންވަރެއް (ސާމްޕަލް) ޚިޔާރު ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮސަސް އެކެވެ (ކޮތަރި،2004). ސާމްޕަލް ޑިޒައިންއަކީ ކަނޑައެޅޭ އާބާދީއަކުން ސާމްޕަލް ނެގުމުގައި ގެންގުޅޭ އުޞޫލުތަކާއި މިންގަނޑުތަކުގެ މައްޗަށް ތައްޔާރުކުރެވޭ ޕްލޭނެކެވެ.   އޭގައި ހިމެނޭނީ، ހޮވާލެވޭ ސާމްޕަލް ސައިޒާއި، ސާމްޕަލްނެގުމުގައި ގެންގުޅޭނެ ގޮތްތަކާއި މިންގަނޑުތަކެވެ. ދިރާސާތަކުގައި ޢާންމުގޮތެއްގައި ސާމްޕަލް ނެގުމުގައި ގެންގުޅޭ އުޞޫލަކީ އާބާދީގެ ތެރެއިން ހޮވާލެވޭ ސާމްޕަލްއެއް ނެގުމަށްފަހު އެ ސާމްޕަލުން ލިބޭ ނަތީޖާ މުޅި އާބާދީއަށް ނިސްބަތްކުރުން ކަމުގައި ވާތީ ކޮންމެ މި ފަދަ ޕްލޭނެއް ކޮންމެ ދިރާސާއެއްގައި ވެސް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން މި ދިރާސާ އަށް މަޢުލޫމާތު އެއްކުރުމަށް ސާމްޕަލް ޑިޒައިނެއް އެކުލަވާ ލެވިފައިވާނެއެވެ.
ސާމްޕަލިންގ ޑިޒައިންކުރުމުގައި ސާމްޕްލިންގ ޑިޒައިންކުރުމުގެ ފުރަތަމަ ފިޔަވަޅަކީ އާބާދީގެ ހިމެނޭ ބައިތައް ފާހަގަކޮށް ދެނެގަތުމެވެ. މިގޮތުން އާބަދީއަކީ ވަކިއަދަދަކަށް ބައިތައް ހިމެނޭ (ފައިނައިޓް) ނުވަތަ މިންވަރެއް ނެތް (އިންފައިނައިޓް) އާބާދީއެއްކަން ދެނެގަތުން މުހިންމެވެ. އަދި ސާމްޕަލްގައި ހިމެނޭ ބައިތައް ހޮވުމުގައި ބޭނުންކުރާނެ ސާމްޕަލިންގ ޔުނިޓެއް ފާހަގަކުރުމަކީ ވެސް މުހިންމު ކަމެކެވެ. ސާމްޕްލިންގ ޔުނިޓަކީ އާބާދީގައި ހިމެނޭ ވަކިވަކި ބައިތަކުގެ ބައިތަކުގެ ތެރެއިން ސާމްޕަލް ހޮވުމުގައި ބޭނުންކުރާނެ އެންމެކުޑަ ޔުނިޓްގެ މިންވަރެވެ.  މިގޮތުން މި ދިރާސާގައި ސާމްޕަލް ސައިޒް ނުވަތަ ޔުނިޓް,  ކަލްލިއުލޭޓް ކުރާނީ ސާވެރ މަންކީ އޮންލައިން ކަލްކިއުލޭޓަރ ބޭނުންކޮށްގެންނެވެ. ސާމްޕަލް ސައިޒް ކަނޑައަޅާ އިރު ދިރާސާގެ އާބާދީގެ އަދަދަށް ބަލައި އެންމެ ކުޑަ މިނަވަރަކަށް އާބާދީގެ 80% ، ކޮންފިޑެންސް ލެވެލް 95% ގައި އެރަރ މާޖިން ވީހާވެސް ކުޑަކޮށް ނެގޭ ގޮތަށް ބަލައިގެން ކަޑައަޅާނީއެވެ. ކްރެސްވެލް (2012) ލިޔުއްވާ ގޮތުގައި ދިރާސާގެ އާބާދީ ކުޑަނަމަ ސާމްޕަލް ޕޮޕިއުލޭޝަން  ވީހާވެސް ބޮޑު ކުރުމުން މާޖިން އެރާރ ދަށްވެގެންދާނެއެވެ. ވީމާ،
މި ދިރާސާއަށް ސާމްޕަލް އެކުލަވާލެވޭނީ ޕްރޮބަބްލިޓީ ސާމްޕްލިންގެ ތެރެއިން ރޭންޑަމް ސާމްޕްލިންއެވެ. ރެންޑަމް ސާމްޕަލް ޑިޒައިން ގައި ދިރާސާގެ އާބާދީގެ ކޮންމެ އެލެމެންޓެއް ވެސް ދިރާސާގެ ބައިވެރީންގެ ނުވަތަ ސާމްޕަލްގެ ގޮތުގައި ހިމެނުމުގެ ހަމަހަމަ ފުރުޞަތު އޮވެއެވެ (ވިއްލަމް، 2006). އެގޮތުން މިއީ މުޅި ގްރޫޕަކުން ވަކި ބައެއް ގަސްތަކާއި ނުލައި ހޮވުމަށް ޓަކައި މެކޭނިކަލް ޕްރޮސަސް އެއްގެ ދަށުން ގެންދެވޭ ގުރުއަތު ނެގުމެކެވެ. ޕްރޮބަބިލިޓީ ސާމްޕަލް ގެ މައިގަނޑު ދެ ފައިދާ އެއް އޮވެއެވެ. އެއީ
ü ސާމްޕަލަކީ މުޅި އާބާދީ ރަމްޒު ކޮށްދޭ ސާމްޕަލެއް ކަމުގައި ވުމުން ނަތީޖާ މުޅި އާބާދީއަށް ޢާއްމު ކުރެވުން ނުވަތަ ޖެނެރަލައިޒް ކުރެވުން.
ü   ޕްރޮބަބިލިޓީ ތިއަރީތަކަށް ބިނާކޮށް ހަދާ ބައެއްކަހަލަ ސްޓެޓިސްޓިކަލް ޓެސްޓް ތައް ބޭނުންކުރެވޭނީ
ހަމައެކަނި ރޭންޑަމް ސާމްޕްލް ބޭނުންކޮށްގެން ޑޭޓާ އެއް ކުރުމުން ކަމުގައިވުން.
ރެންޑަމްކޮށް ސާމްޕްނެގުމަށް މީހުން ކަނޑައެޅުމަށް މި ދިރާސާގައި އަޅުގަނޑު ބޭނުންކުރާނީ ކޮމްޕިއުޓަރ ޕްރޮގްރާމްއެވެ. ކޮންޕއުޓަރ ޕްރޮގްރާމްގައި ދިރާސާގެ އާބާދީގައި ހިމެނޭ ހުރިހާ ފަރާތެއް ކޮމްޕިއުޓަރ ޕްރޮގްރާމަކަށް ފީޑް ކުރުމަށްފަހު އެ ޕްރޮގްރާމް ނުވަތަ ސޮފްޓްވެއަރ ގެ އެހީގައި ރޭންޑަމްކޮށް ސާމްޕަލެއް ނެގުމެވެ. އެގޮތުން މި ދިރާސާގެ އާބާދީގެ ތެރެއިން މަދުވެގެން %50 އިންސައްތަ ސާމަޕަލްގައި ހިމެނޭހެން މައިކްރޯ ސްފްޓް އެކްސެލް ފަދަ ޕްރޮގްރާމެއް ބޭނުންކޮށްގެން ސާމްޕަލް ޕޮޕިއުލޭޝަން ކަނޑައަޅާނެއެވެ. ދިރާސާއެއްގެ ސާމްޕަލް ޕޮޕިއުލޭޝަން އއަކީ  ދިރާސާގެ އާބާދީގެ ސަބް ގްރޫޕެކެވެ(. (R. Kumar 2011
3. ދިރާސާއަށް މަޢުލޫމާތު އެއްކުރާނޭގޮތް (އިންސްޓްރުމެންޓޭޝަން)
ދިރާސާ މަސައްކަތުގައި ރިސާރޗް އިންސްޓްރުމަންޓް ނުވަތަ ޓޫލް އުފެއްދުމަކީ ދިރާސާއެއްގެ އެންމެ މުހިންމު އެއްކަމެވެ. އެހެނީ ދިރާސާގެ ނަތީޖާއާއި ގުޅިގެން ނިންމާ ނިންމުންތަކާއި ހޯދާ ހޯދުންތައް ބިނާވަނީ އެއްކުރެވޭ ޑޭޓާ ތަކުގެ ޒަރީއާއިން ލިބޭ މަޢުލޫމާތުގެ މައްޗަށެވެ. އަދި އެއްކުރެވޭ ޑޭޓާ ބިނާވަނީ ދިރާސާގެ ބައިވެރީންނާއި ކުރާ ސުވާލުތަކުގެ މައްޗަށެވެ. ( Muijs, D. (2004).  ޑޭޓާއަކީ މަޢުލޫމާތުގެ އެތިކޮޅެކެވެ. ދިރާސާގެ ބަހުރުވައިގައި ޑޭޓާއަކީ ދިރާސާކުރާކަމަކާއި ގުޅޭގޮތުން ގޮތެއްނިންމުމަށް ބޭނުންކުރާ މަޢުލޫމާތުގެ ބައިތަކެވެ. (އަޙުމަދު ޝާހިދު، 2017). ދިރާސާއަށް އިންޕުޓް ނުވަތަ ޑޭޓާ ފޯރުކޮށްދޭ ވަޞީލަތަކީ ރިސާރޗް އިންސްޓްރުމެންޓް ކަމުގައި ވުމުން ދިރާސާގެ ނަތީޖާގެ ޞައްޙަކަން ކަށަވަރުވެ އަދި އިތުބާރު ކުރެވޭ ނަތީޖާއެއްކަމުގައި ވުން ބިނާވެފައިވަނީ  މި އިންސްޓްރުމެންޓްގެ ފުރިހަމަ ކަމުގެ މައްޗަށެވެ. ކްއަންޓީޓޭޓިވް ރިސާރޗް މެތެޑަގެ ޓޫލްތަކުގެ ގޮތުގައި ބޭނުންކުރަނީ ކްއެސްޓަނެއަރ އާއި އިންޓަވިޔުއެވެ.
އެހެންކަމުން މި ދިރާސާއަށް މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޓޫލްއަކަށް އަޅުގަނޑު ބޭނުންކުރާނީ ކްއެސްޓަނިއާރއެކެވެ.
ކުއެސްޓަނިއަރ އަކީ ދިރާސާގެ ބައިވެރީން ޖަވާބު ދިނުމަށްޓަކައި ލިޔުމުން އެކުލަވާލެވޭ ސުވާލުތަކެވެ. (ލަވަރަކާސް, 2008) ހާމަކުރައްވާ ގޮތުގައި ކްއެސްޓަނެއަރއަކީ ސާރވޭޑިޒައިނެއްގެ ޑާޓާ އެއްކުރުމަށް ބޭނުންކުރާ މައިގަނޑު އިންސްޓްރޫމެންޓެކެވެ. ޖުމުލަގޮތެއްގައި ކްއެސްޓަނެއަރއެއްގައި ސުވާލުތައް އަމާޒުކޮށްފައި ހުންނާނީ ވަކިވަކ ދާއިރާތަކަކަށް ބިނާކޮށެވެ. އެގޮތުން ކްއެސްޓަނެއއަރ އެއްގެ ކޮންމެ ސުވާލަކީ އެއް އައިޓަމެވެ.
ކުއެސްޓަނިއަރ ގައި ހިމެނޭ ސުވާލުތަކަކީ ފަސޭހައިން ބައިވެރީންނަށް ދޭހަވާ ފަދަ ގޮތަކަށް ލިޔެވިފައިވާ ސުވާލުތަކެއް ކަމުގައި ވާން ޖެހެއެވެ. އެހެނީ އެސުވާލުތައް ބައިވެރީންނަށް ތަފްޞީލުކޮށްދިނުމަށް މީހަކު ނުހުންނާނެތީއެވެ. މީގެ އިތުރުން ކުއެސްޓަނިއަރ އެކުލަވާލެވިފައި ވާންޖެހޭނީ އިންޓަރޭކްޓިވެ ސްޓައިލަކަށެވެ. އެއީ ބައިވެރީން ގަޔާވެގެން ފުރިހަމަ ކުރާ ކުއެސްޓަނިއަރ އަކަށް ހެދުމަށްޓަކައެވެ ކޮތަރި (2004).
އަޅުގަނޑުގެ މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކްއެސްޓަނިއަރއެއް ފަރުމާކުރާއިރު ވެސް ކްއެސްޓަނިއަރގައި ދިރާސާގެ ނަމުގެ އިތުރުން ލޭއައުޓާއި ތަރުތީބުކުރެވިފައިވާ ތަފާތުލެވެލްތަކުގެ ސްކޭލްތައް ހިމެނޭހެން އައިޓަމްތައް އަތުރާލުމަށް އިސްކަން ދެވިގެންދާނެއެވެ. ހަމައެހެންމެ ޖަވާބުދާރީވާ ފަރާތްތަކަށް ފަސޭހައިން ފަހުމްވާނޭ ސުވާލުތައް ޢިބާރާތްކުރުމާއި، ކުރުކޮށް އަދި ފަސޭހައިން ޖަވާބުދެވޭ ގޮތަށް ސުވާލުތައް ބައްޓަންކުރުމަށް ވެސް ސަމާލުކަން ދޭނަމެވެ. އަދި ކްއެސްޓަނިއަރގެ ބައިވެރިންނަށް ޙައްޤުޝުކުރު ވެސް ހިމެނާނަމެވެ. މީގެއިތުރުން މަލްޓިޕްލް ސްކޭލްގެ ލައިކްހާރޓްސްކޭލް ފަދަ ސްކޭލްތައް ހިމެނިގެން ދާނެއެވެ. ސަބަބަކީ މި ދިރާސާއަކީ ދިރާސާކުރެވޭ މައްސަލައިގެ ގޮތުން ތަފާތު ވޭރިއެބްލްތަކާއި އެޓިޓިއުޑް ފަދަ އެޓްރިބިއުޓްސް ދިރާސާ ކުރެވިގެން ދާނެތީއެވެ. މިގޮތަށް މަލްޓިޕްލް ސްކޭލް ހިމެނުމުން ދިރާސާގެ ރިލޭބިލިޓީ އިތުރުވެގެން ދާނެއެވެ.
ކްއެސްޓަނިއަރގެ ވެލިޑިޓީ އަދި ރިލޭބިލިޓީއަކީ އޭގެސަބަބުން ދިރާސާގެ ނަތީޖާއަށް އަސަރުކުރާނެ ކަންކަމެވެ. ވީމާ މިދިރާސާގެ ވެލިޑިޓީ އަދި ރިލޭބިލިޓީއަށް ވަރަށް ބޮޑަށް ބެލިގެންދާނެއެވެ.
އިންސްޓްރުމެންޓްގެ ވެލިޑިޓީ އަކީ ބޭނުންވާ މަޢުލޫމާތެއް ހޯދައިގަނެވޭ މިންވަރެވެ. މި ގޮތުން ކޮންޓެންޓް ވެލިޑިޓީ، ކްރައިޓީރިއަން ވެލިޑިޓީ އާއި ކޮންސްޓަރަކްޓް ވެލިޑިޓީ އަކީ ކުއަންޓިޓޭޓިވް ދިރާސާގެ ވެލިޑިޓީގެ ތިން ވައްތަރެވެ.
އަޅުގަނޑުގެ މިދިރާސާއަށް މިތަނުން އެންމެ ގުޅޭ ވެލިޑިޓީގެ ވައްތަރުތައް ބޭނުންކޮށްގެން ދިރާސާގެ ވެލިޑީ ހިފެހެއްޓުމަށް މަސަތްކަތް ކުރާނަމެވެ.
ކްއެސްޓަނިއަރއެއް އިޚްތިޔާރުކުރާއިރު ކްއެސްޓަނިއަރއިން ނިންމާ ނިންމުމަކީ ދިރާސާގެ ހޯދުންތަކަށް އަސަރުތަކެއް ކުރުވާނެ ކަމަކަށްވާތީވެ ކްއެސްޓަނެއަރ އެކުލަވާލުމުގެ ކުރިން ދިރާސާގެ ބާވަތަށް ސަމާލުކަން ދެވޭނެއެވެ އެގޮތުން ދިރާގެ ބާވަތްތަކަށާއި، ޖިއޮގްރަފީގޮތުން ދިރާސާގެ ބައިވެރިން ބެހިފައިވާގޮތަށާއި، ދިރާސާގެ އާބާދީގެ ވައްތަރުތަކަށް ވެސް ވިސްނުން ބަހައްޓާނަމެވެ.
މިދެންނެވި ގޮތުގެމަތިން ކްއެސްޓަނިއަރ އެކުލަވާލުމަށްފަހު ކްއެސްޓަނިއަރގައި ހިމެނުނު ސުވަލުތައް ބައިވެރިންނަށް ފޮނުވާލުމުގެ ކުރިން އެ ސުވާލުތައް ޗެކްކުރުމުގެ ގޮތުން ސުވާލު ކަރުދާސް ޕައިލެޓްކުރެވި އައިޓަމް އެނަލިސިސް ހަދައި ރިލަޔަބަލަޓީ ބަލާނަމެވެ.

3.1 ޑާޓާ ކަލެޝަން ޕްރޮސީޖާ

އަޅުގަނޑުގެ މި ދިރާސާ އަމާޒުވަނީ ހުޅުމާލޭގައި ހުންނަ ޣާޒީސްކޫލާއި ރެހެންދި  ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި ގްރޭޑް1ގެ ޓީޗަރުންނަށް ކަމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވެސް ދިރާސާގެ ބައިވެރިންގެ މެއިލް އައި.ޑީތައް ހޯދާނީއެވެ. އެއަށްފަހު ގޫގްލް ފޯމްގައި ހެދިފައިވާ ސުވާލުކަރުދާސް (ކްއެސްޓަނިއަރ) ގޫގްލް މެދުވެރިކޮށް ޝެއަރކުރާނީއެވެ. ބައިވެރިންގެ ރެސްޕޯންޑަކަށް ދެހަފުތާއަށް މަޑުކުރުމަށް ފަހު ރެސްޕޯންޑް ނުކުރާ ފަރާތްތަކަށް އަނެއްކާ ވެސް މެއިލް ކުރާނީއެވެ. އެއަށްފަހު ވެސް ކުރިއެރުމެއް ނުލިބުނުނަމަ ރެސްޕޯންޑް ނުކުރާފަރާތްތަކަށް ޕޯސްޓްކާޑަކާއެކު މެއިލްކުރާނީއެވެ. އެއަށްފަހު ސުވާލުތަކަށް ޖަވާބުދިނުމަށް އެދި ކަވަރ ސިޓީއެއް ތައްޔާރުކޮށް އެ ސިޓީ ވެސް މެއިލް ކުރާނީއެވެ. އެވަރުން ވެސް ޢަދަދު ހަމަވާ ވަރަށް ބައިވެރިންގެ ފަރާތުން އެއްބާރުލުން ނުލިބިއްޖެނަމަ ރެންޑަމްކޮށް ބައިވެރިންގެ ތެރެއިން ދިރާސާއަށް ބޭނުވާ ޑާޓާ ހަމަވާމިންވަރަށް މީހުން ހޮވުމަށްފަހު އަނެއްކާ ވެސް މެއިލް ކުރާނީއެވެ.
މިގޮތުގެ މަތިން ކުރިއަށް ގެންގޮސް ބައިވެރިންގެ ޑާޓާތައް ކަލެކްޓް ކުރާނީއެވެ. އެއަށްފަހު ޑޭޓާތައް އެނަލައިޒްކުރުމަށް ބޭނުންކުރާނެ ސްޓެޓިސްޓިކަލް ޕްރޮސީޖަރއެއް ކަނޑައެޅިގެން ދާނެއެވެ.

3.2 އެތިކަލް ކޮންސިޑަރޭޝަން. (އަޚްލާޤީ މިންގަނޑު)

އެތިކަލްކޮންސިޑަރޭޝަންއަކީ އެތިކަލް އިޝޫސްތަކުގެ ތެރެއިން ދިރާސާއަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި ބޭނުންކުރުމުގައި ހިފަހައްޓަންޖެހޭ ނަޒާހަތްތެރިކަމާއި، އޭގެ ޞައްޙަކަމުގެ މައްޗަށް ބަރޯސާވުމުގައި ބަލާނޭ ކަންތައްތަކެވެއެވެ (ކްރެސްވެލް, 2012)). ޢިލްމީ ދިރާސާއެއްގެ އުފެއްދުންތަކާއި އައު ހޯދުންތަކުގެ އަގުވަޒަންކުރެވޭ ފަދައިން ދިރާސާގެ އަޚްލާޤީ ޞައްޙަކަން (އެތިކަލް ވެރާސިޓީ) އެއީވެސް ދިރާސާގެ އަގުވަޒަންކުރުމުގައި ބަލަންޖެހޭނެ ކަންކަމެވެ. މިގޮތުން އަޅުގަނޑުގެ މި ދިރާސާގައި ވެސް ބައިވެރިންނަށް ރައްކާތެރިކަންދީ ބައިވެރިންގެ ސިއްރުހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ. އަދި ހަމައެހެންމެ ދިރާސާގެ އިންޓްރޫސިވްނަސް އާއި އަޚްލާޤް ހިފެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެވިގެން ދާނެއެވެ. އަދި މަޢުލޫމާތު ބޭނުންކުރުމުގައި އެހެންމީހުންގެ ޙައްޤުތަކަށް އަރައިނުގަނެ އެހެންމީހަކު ލިޔެފައިވާ މަޢުލޫމާތެއް މި ދިރާސާގައި ބޭނުންކުރާނަމަ އެމީހަކަށް ދޭންޖެހޭ ޙައްޤު ކްރެޑިޓް ދެވޭނެއެވެ. ވަލިމަން (2006)، އާއި ޙަވާލާދެއްވައި (އަޙުމަދު ޝާހިދު, 2017) ހާމަކުރައްވަނީ ފިކުރީ މުދަލަށް އިޙުތިރާމްކުރުމާއި، ދިރާސާގެ ބައިވެރިންގެ ޙައްޤުތަކަށް ސަމާލުކަން ދިނުންފަދަ ކަންކަމަކީ ރިސާރޗްގެ ހުރިހާ ހަރުފަތެއްގައި ވެސް ވަރަށް ބޮޑަށް އިސްކަންދޭންޖެހޭނެ ކަންކަން ކަމަށެވެ. އެހެންކަމުން އަޅުގަނޑުގެ މިދިރާސާގައި ވެސް މިދެންނެވި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވިގެންދާނެއެވެ.
އެންމެ ފުރަތަމައަށް މިނސްޓްރީ އޮފް އެޑިއުކޭޝަން އާއި ސްކޫލުގެ ކޮންސެންޓް ހޯދާނަމެވެ. ޢިލްމަށް ނިސްބަތްވާ ރިސާރޗްތަކުގެ އަޚްލާޤު ހިފެހެއްޓުމަށް އަބަދުވެސް އެންމެބޮޑު ސަމާލުކަމެއް ދޭންޖެހެނީ ދިރާސާގައި ބައިވެރިވާމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށެވެ. ކަންމިހެން އޮތްއިރު އިންސާނުން ބައިވެރިވާ ދިރާސާތަކުގައި އެއްވެސް ގޮތަކަށް މީހަކަށް ގެއްލުމެއް އަނިޔާއެއް ވެދާނެފަދަ ކުރެވިގެން ނުވާނެއެވެ. މިގޮތުން  އާއްމު ދިރިއުޅުމުގައި އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާއެކު އެންމެންނަށް ވެސް އެއްހަމައަކުން ކަންކަން ކުރުމުގެ އުސޫލު އަޅުގަނޑުގެ މިދިރާސާގައި ގެންގުޅޭނަމެވެ. ސުލޫކީ މިންގަނޑު ހިފެހެއްޓުމަކީ އެބަޔެއްގެ ނުވަތަ އެމާހައުލެއްގެ ގަވާއިދާ ޤާނޫނާއި އެބަޔެއްގެ އަގުކުރުންތަކުގައި ދެމިތިބުން ކަމަށް (އަތްމަތީ ކަރުދާސް (2018) ގައި ހާމަކުރައްވާފައި ވެއެވެ. ކްއެންޓިޓޭޓިވް ދިރާސާގެ އެތިކްސް ހިފެހެއްޓުމުގެ ގޮތުން އެތިކަލް އިޝޫސްގެ މައިގަޑު ޕްރިންސިޕަލްތަކަށް  ރިޢާޔަތްކޮށް  އެކަން ދެމަހެއްޓަން ޖެހޭނެކަމަށް ޖޯން.ކޭ (2000) ހާމަކުރއްވައެވެ. އެގޮތުން ތިރީގައި މިވަނީ ދިރާސާގެ އަޚްލާޤްގެ ތެރޭގައި ހިމެނޭ މައިގަނޑު އަސާސްތަކެވެ.
     - ތެދުވެރިކަން
     - ވަކިއަތަކަށް ބުރަނުވުން
     - ނަޒާހަތްތެރިކަން
     - ފަރުވާތެރިކަން
     - ހާމަކަން
     - ފިކުރީމުދަލަށް އިޙުތިރާމްކުރުން
     - ސިއްރުހިފެހެއްޓުން
     - ތަފާތުނުކުރުން
ތެދުވެރިކަން: ދިރާސާއާއި ގުޅޭ އެންމެހައި މުޢާމަލާތެއްގައި ވެސް ތެދުވެރިވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މިގޮތުން ދިރާސާއަށް ބޭނުންވާ ޑޭޓާ އެއްކުރުމާއި ރިޕޯޓްކުރުމާއި، ނަތީޖާ ކަނޑައެޅުމާއި، ދިރާސާކުރުމަށް ބޭނުންކުރާ ގޮތްތަކާއި، ދިރާސާގެ ރިޕޯރޓް ހުށަހެޅުމާއި. ދިރާސާ ޖެނެރެލައިޒް ކުރުމުގައި ވެސް ތެދުވެރިވާން ޖެހެއެވެ. މިއިން އެއްވެސް ކަމަކާއި ޚިލާފު ވެއްޖެނަމަ ދިރާސާގެ ތެދުވެރިކަމަށް އަސަރުކުރާނެއެވެ. އެހެންކަމުން އަޅުގަނޑުގެ މި ދިރާސާގައި ތެދުވެރިކަމާއެކު މިއެންމެހައި ކަންކަމަށްބަލައި އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ވަކިއަތަކަށް ބުރަނުވުން: ވަކިއަތަކަށް ބުރަނުވުމަކީ ދިރާސާއަށް އެއްކުރެވުނު ޑޭޓާތައް އެނެލައިޒުކުރުމާއި، ނަތީޖާތައް ތަފުސީލުކުރުމުގެ ހަރުފަތްތަކުގައި ވެސް އެއްވެސް ކޮޅަކަށް ބުރަނުވެ ހަމަހަމަ އުޞޫލުން ކަންކަން ކުރިއަށް ގެންދިއުމެވެ.
ނަޒާހަތްތެރިކަން: ދިރާސާއާއި ގުޅުންހުރި އެންމެހައި ކަންކަމުގައި ކުރެވިފައިވާ އިންތިޒާމްތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް އެއްވެސް ކަމެއް ފުށުނަރާގޮތަށް  އެންމެހައި ކަންކަމަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ދިރާސާވެރިޔާގެ އަމިއްލަ ވިސްނުމާއި ފިކުރާއި ދެކޭގޮތްތަކާއި ޤަބޫލުކުރުންތަކުން އެއްކިބާވެހުރެ ތެދުވެރިކަމާއެކު އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަކީ ދިރާސާގެ ނަޒާހަތްތެރިކަން ހިފެހެއްޓުމެވެ.

ފަރުވާތެރިކަން: ދިރާސާގެ ހުރިހާ މަރުޙަލާއެއްގައި ވެސް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ ދިރަސާގެ ޑޭޓާއާއި ނަތީޖާގައި ކުށްމަދުކުރުމަށް ކޮންމެހެން ބޭނުންކަމެކެވެ. އަދި ތިމާގެ އަމިއްލަ މަސައްކަތާއިމެދު ފާޑުކިޔުމުގެ ނަޒަރަކުން ބެލުމާއި، ދިރާސާގެ ހުރިހާ ފިޔަވައްސެއްގައި ވެސް އެއްކުރެވުނު މަޢުލޫމާތު ތަކުގެ ރެކޯޑްސްތައް ބެލެހެއްޓުމަށް ފަރުވާތެރި ވުމަކީ ދިރާސާއަށް ދިމާވެދާނެ އެތިކަލް އިޝޫސްތައް މަދުކުރުމަށް ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ.
ހާމަކަން: ދިރާސާގައި އެއްކުރެވޭ ޑޭޓާއާއި، ނަތީޖާތަކާއި، އައުޚިޔާލުތަކާއި، ދިރާސާއަށް ބޭނުންކުރާ އާލާތްތަކާއި އެހެނިހެން މަޢުލޫމާތުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި އެހެންފަރާތްތަކަށް ޙިއްސާކުރުމާއެކު އެފަރާތްތަކުގެ ފާޑުކިޔުންތަކަށް މަރުޙަބާ ކިޔައި ދެފުށް ފެންނަގޮތަށް މަސައްކަތް ކުރުމަކީ ދިރާސާ އިތުރަށް ފުރިހަމަވެ ދިރާސާގެ ތެދުވެރިކަން ކަށަވަރުވެގެން ދާނޭކަމެކެވެ.
ފިކުރީ މުދަލަށް އިޙުތިރާމްކުރުން: ކޮޕީރައިޓްސް ފަދަ އަދި އެހެންވެސް މީހެއްގެ އެއްޗެއް ތިމާގެ އަމިއްލަ ކަމެއްގައި ބޭނުންކުރާނަމަ އެމުދަލަކަށް ރައްކާތެރިވެ އިޙުތިރާމް ކުރާނަމެވެ. އެގޮތުން އެހެންފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތެއް އޭގެ ވެރިފަރާތުގެ ހުއްދައާއި އެކުގައި މެނުވީ ބޭނުން ނުކުރާނަމެވެ. މިފަދަ މަޢޫލޫމާތެއް ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ވެސް އޭގެ ޙައްޤުވެރިންނަށް ދޭންޖެހޭ ޙައްޤު ޤަދަރާއި އިޙުތިރާމްދީ އަމިއްލަ މަސްލަހަތަށް ވުރެ އެހެންމީހުންގެ މަސްލަހަތު އިސްކުރާނަމެވެ. މަސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދިން ފަރާތްތަކަށް ވެސް އެކަމަށް ދޭންޖެހޭ ޙައްޤު ޝުކުރު ރައްދުކުރުމަކީ އިޙުތިރާމް ކުރުމުގެ ތެރެއިން ހިމެނިގެންދާ ކަމަކަށްވާތީ ވީހާވެސް ރަގަޅަކަށް އެކަންކުރާނަމެވެ.
ސިއްރު ހިފެހެއްޓުން: ދިރާސާއަށް އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތު ހިމެނޭނަމަ އެއިން އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިދާނެ ގެއްލުމަކާއިމެދު ވިސްނައި އެމަޢުލޫމާތުތައް ބެލެހެއްޓުމުގައި ރައްކާތެރި ކަމުގެ ގޮތުން ޚާއްސަ ސަމާލުކަމެއްދީ ސިއްރު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނަމެވެ.
ތަފާތުނުކުރުން: އެއްވެސް މީހެއްގެ ނަސްލަކަށް ޖިންސަކަށް ނުވަތަ އިޖުތިމާޢީ އިޤުތިޞާދީ ފަންތިއައަކަށް ނުވަތަ ގިންތިއަކަށް ބެލުމެއްނެތި މިއިން އެއްވެސް ފަރާތެއްގެ މެދުގައި ތަފާތުކުރުމެއް ނުބެހެއްޓުމަށް ސަމާލުކަން ދޭނަމެވެ.

އަޅުގަނޑުގެ މި ދިރާސާ ކުރިއަށް ގެންދިއުމުގައި ދިރާސާގެ އެތިކަލް އިޝޫސް ހިފެހެއްޓުމަށް މީގެ ކޮންމެ ކަމަކަށް ވަކިވަކިން ބެލޭނެއެވެ.
4. ފްރޭމްވާރކް އޮފް ޑާޓާ އެނެލެސިސް
ކްއަންޓީޓޭޓިވް ޑޭޓާ އެނެލައިޒްކޮށް ދެނެގަތުމުގައި ބޭނުންކުރާނީ ހިސާބުޢިލްމެވެ. އެހެންގޮތަކަށް ބުނާނަމަ ތަފާސް ހިސާބެވެ. މިގޮތުން ބޭނުންކުރާނޭ ހިސާބުގެ މޮޑެލްތައް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލަނީ މެޝަރކުރުމާއި ޑޭޓާ އެއްކުރުމުގައި ބޭނުންކުރާނީ ކޮންބާވަތެއްގެ މިންގަނޑުތަކެއްތޯ ބަލާބެލުމެވެ. މިގޮތުން ކަނަޑައަޅާއިރު ނޮމިނަލް، އޯޑިނަލް، އިންޓަރވަލް، ނުވަތަ ރޭޝިއޯއެއްތޯ ބެލިގެން ދާނެއެވެ. އަޙުމަދު ޝާހިދު, (2017) ހާމަކުރައްވަނީ ކްއަންޓީޓޭޓިވް ޑާޓާ ތަޙުލީލު ކުރާއިރު ތަފާސް ހިސާބުގެ މިންގަނޑުތަކުން ތަޙުލީލުކުރުމުގައި އެންމެބޮޑަށް އިސްކަންދޭނީ އެއްކުރެވިފައިވާ ޑާޓާއާއި އެހެނިހެން މަޢުލޫމާތުގައި ހިމެނޭ ތަފާތު ވޭރިއެބްލްތަކުގެ މެދުގައި ހުރި ތަފާސްހިސާބުގެ ގުޅުން (ސްޓެޓިސްޓިކަލް ރިލޭޝަންސް) ދެނެގަތުމަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ތަފާތު ސާރވޭ މެތަޑްސްތައް ބޭނުންކޮށްގެން އެއްކުރެވޭ ޑޭޓާ ތަޙުލީލުކުރުމުގައި މިފަދަ މިންތައް ބޭނުންކުރެއެވެ.

4.1 ނޮމިނަލް ޑޭޓާ

ނޮމިނަލް ޑޭޓާ މިންކުރެވޭނީ އެކަތި އަނެކައްޗާއި އަޅާކިޔާނޭގޮތަށް ބަހާލެވިފައިވާ ގިންތިތަކެއްގެ މައްޗަށެވެ. އަދި ވަކިގިންތިތަކާއި ލޭބަލްތައް ބޭނުންކޮށްގެން ޑޭޓާ ގްރޫޕްތައް އަޅާކިޔައި ތަރުތީބުކުރާނެއެވެ. މިސާލަކަށް އޮޕްޒިޓް މާނަދޭހަވާ ފަދަ ބަސްތައް ބޭނުންކޮށްގެން ނޮމިނަލް ޑޭޓާ ތަޙުލީލުކުރެވެއެވެ. އަދި މިފަދަ ޑޭޓާ ބާރގްރާފް ނުވަތަ ތަފާސްހިސާބުގެ ފަސޭހަ ބައެއް މިންގަނޑުތަށް ބޭނުންކޮށްގެން އަޅާކިއިދާނެއެވެ. އަދި ނޮމިނަލް ޑޭޓާ ބޭނުންކޮށްގެން ޑޭޓާ އެނަލައިޒްކުރާއިރުއެކި ޑާޓާތަކުގެ މޯޑް ވެސް ހޯދިދާނެއެވެ (ކްރެސްވެލް، 2012).
ޢޯޑިނަލް ޑޭޓާގެ ޑޭޓާގައި އެއްކުރެވޭ މަޢުލޫމާތު ބިނާވެފައިވަނީ، ވަކިގޮތަކަށް ތަރުތީބުކޮށް އަތުރާލެވޭ ގޮތަށެވެ. އަދި އެނަލައިޒްކުރެވޭ ޑޭޓާތައް މިންކުރުމުގައި މީޑިއަމް ހޯދިދާނެއެވެ. (ކްރެސްވެލް، 2012).
އިންޓަވަލް ޑޭޓާ
އިންޓަވަލް ޑޭޓާ އެކުލެވިގެންވަނީ ކަނޑައެޅިފައިވާ ސްކޭލްތަކުގެ މައްޗަށް ބައިކުރެވިފައިވާ މަޢުލޫމާތުތަކުގެ މައްޗަށެވެ. އަދި މިގޮތަށް ކަނޑައަޅާފައިވާ ސްކޭލްތަކުގައި ކޮންމެ ދެ ދަރަޖައެއް ނުވަތަ ބައެއްގެ މެދުގައި ހަމަހަމަ މިންގަނޑެއް އޮތުން މުހިންމެވެ. ނަމަވެސް މިފަދަ މިންގަނޑުތަކުގައި މަޢުނަވީ 0 އެއް އެކުލެވިގެނެއް ނުވެއެވެ (ކްރެސްވެލް، 2012).
އަޅުގަނޑުގެ މި ދިރާސާގެ ޑޭޓާ ތަޙުލީލުކުރާނީ ތަފާސް ހިސާބުގެ މޮޑެލްތައް ކަނޑައަޅައި ދިރާސާކުރެވޭ މައްސަލައިގެ ބާވަތާއި އެއްކޮށްފައިވާ ޑޭޓާތަކުގެ މިންވަރާއި އައިޓަމްތަކުގެ މައްޗަށް ރިޢާޔަތް ކޮށްގެނެވެ. މިފަދަ ކޮންމެ ގޮތަކަށް ޑޭޓާ ތަޙުލީލު ކުރި ކަމުގައި ވިޔަސް ތަފާސް ހިސާބުގެ މޮޑެލްތައް ބޭނުންކޮށްގެން ޑާޓާ އެނަލައިޒް ކުރާނަމަ ވަކި އޯޑަރަކުން ޑޭޓާ އޯޑަރ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ކްއެސްޓަނިއަރގައި ހިމެނޭ ގުޅުންހުރި ވޭރިއެބްލަތަކުގެ އައިޓަމްތައް ތަރުތީބުކޮށް ކޮމްޕިއުޓަރ ސްފްޓްވެއަރ އެއްގެ (އެސް. ޕީ. އެސް. އެސް. ޝަޒާމް ފަދަ) އެހީގައި ކޮންމެ އައިޓަމެއް ވަކިވަކިން އެނަލައިޒް ކުރާނީއެވެ. އަދި މި ޑޭޓާ މިންކުރެވޭ ގޮތްތަކުގެ ތެރެއިން އަޅުގަނޑު ބޭނުންކުރާނީ ނޮމިނަލް ޑޭޓާގެ ގޮތެވެ. މިގޮތުން ޑިސްކްރިޕްޓިވެ ސްޓެޓިސްޓިކްސް އުޞޫލުތަކުގެ ތެރެއިން ތާވަލްތަކާއި ގްރާފްތަކުގެ އެހީގައި ޑާޓާތައް ތަޙުލީކުރެވިގެން ދާނެއެވެ. މިގޮތުގެ މަތިން ނަތީޖާ ތަޙުލީލުކޮށް ހުށަހެޅުމަށް ބާރޗާޓާއި ޕައިޗާޓް އަދި ހިސްޓޯގްރާމް ފަދަ ގްރާފްގެ ބާވަތްތައް ބޭނުންކުރެވޭނެއެވެ.
ޑިސްކްރިޕްޓިވް ސްޓެޓިސްޓިކްސްއަކީ ގިނަ ޢަދަދެއްގެ ޑޭޓާއިން ދޭހަކޮށްދޭ އެއްޗެއް ފަސޭހަކަމާއެކު ދެނެގަތުމަށް ވަރަށް ފަސޭހަގޮތެއްކަމަށް އަޙުމަދު ޝާހިދު (2017) ފާހަގަކުރައްވައެވެ. ތަފާސް ހިސާބުގެ ޢާންމު މިންތަކާއި ގްރާފް ފަދަ ގޮތްތައް ބޭނުންކޮށްގެން މިފަދަ ޑޭޓާ ހުށަހެޅުމުން ދިރާސާގެ ހޯދުންތަކާއި ޖުމުލަ ނަތީޖާ ހޯދަން ފަސޭހަވެއެވެ.
މި ގޮތުން ސާރވޭގައި ހިމެނޭ ހުރިހާ އައިޓަމްތައް ވަކިވަކިން ތަޙުލީލުކުރުމުގައި ވަކި ތަރުތީބަކުން ޑޭޓާ އަތުރާލުމަށްފަހު އެ ޑޭޓާ ހުށަހެޅުމާއެކު ނަތީޖާ ޚުލާސާކޮށް އޭގެއިން މާނަ ދެނެގަތުމަށްޓަކައި ތަފާސްހިސާބުގެ އެންމެ އެދެވިގެންވާ ގޮތްތައް ބޭނުންކުރެވިގެން ދާނެއެވެ. އެގޮތުން ލިބިފައިވާ ޑޭޓަތަކުގެ ފްރިކްއެންސީ ޓޭބަލްހަދައި ޑޭޓާތައް ތަކުރާރުވާގޮތް ބަލައި ފާހަގަކުރެވިގެން ދާނެއެވެ. އަޙުމަދު ޝާހިދު, (2017) ހާމަކުރައްވާގޮތުގައި ފްރިކްއެންސީ ޓޭބަލްއަކީ ދިރާސާގައި އެއްކުރެވިފައިވާ ޑޭޓާތައް ތަކުރާރުވަގޮތްތައް ފާހަގަކުރެވޭ ގޮތަށް އަތުރާލެވޭ ޓޭބަލްއެކެވެ.
ފްރިކްއެންސީ ޑިސްޓިބިއުޝަން ހޯދާ، ޕަސެންޓޭޖްގެ ގޮތުގައި ހުށަހަޅާނީއެވެވެ. އަދިމެޝާރ އޮފް ސެންޓްރަލްޓެންޑަންސީގައި ހިމެނޭ އެވްރެޖް ބަޔާންކޮށްދޭ ތަފާތު މިންތައްކަމުގައިވާ "މީން" "މޯޑް" އަދި " މީޑިއަމް" ހޯދިދާނެއެވެ. އެއަށްފަހު ސްޑޭންޑަރޑް ޑީވިއޭޝަން ރޭންޖް އަދި ވޭރިއަންސް ފަދަ ޑޭޓާ ފެތުރިފައިވާ މިންވަރު ބެލުމަށް ބޭނުންކުރާ މިންތައް އެސް.ޕީ. އެސްގެ އެހީގައި ހޯދިދާނެއެވެ. އަދި ސާމްޕްލިންގ ޑިސްޓިބިއުޝަންގެ ސްޓޭންޑަރޑްއެރަރ ހޯދައި ހުށަހެޅިގެން ދާނެއެވެ. މީގެއިތުރުން މިދިރާސާގައި ހިމެނިފައިވާނީ ނޮމިނަލް ގިންތިތަކުގައި ހިމެނޭ ވޭރިއެބްލްތައްކަމުން ކްރޭމާރ ކޯއެފިޝަންޓް ވެސް ޑޭޓާ އެނަލިސިސް ހެދުމުގައި މިންކުރުމަށް ބޭނުންކުރެވިދާނެއެވެ. ކޮރޭމާރ ކޯއެފިޝަންޓަކީ ނޮމިނަލް ގިންތިތަކުގައި ހިމެނޭ ނޮން ޕެރަމެޓްރިކް ޑޭޓާގެ ގުޅުން މިންކުރުމަށް ބޭނުންކުރެވޭ ޓެސްޓެކެވެ (ކްރެސްވެލް، 2012).

5. ނިންމުން
މި މަސައްކަތް ނިންމުމުގެ ވިސްނުމާއި ފިކުރު މިންވަރު ކުރެއްވި މާތްﷲގެ ޙަޒުރަތަށް ޙަމްދުކޮށް ޝުކުރު ދަންނަވަމެވެ.
ކްއަންޓިޓޭޓިވް ރިސާރޗް މެތަޑްގެ މި މާއްދާގެ ދަށުން ކުރެވިގެން ދިޔަ މި މަސައްކަތަކީ އަޅުގަނޑަށް މާއްދާގެ ވަރަށްގިނަ ބައިތައް ދަސްވެގެން ދިޔަ މަސައްކަތެކެވެ. އެގޮތުން ދިރާސާއެއް ފަރުމާކޮށް ޕްރޮޕޯސަލްއެއް އެކުލަވާލުމުގައި ހިމަނަން ޖެހޭނެ ބައިތައް އެގިގެން ދިޔައެވެ. އެގޮތުން ރިސާރޗް ކުރާނެ ދާއިރާއެއް ކަނޑައެޅުމުގައި ވީހާވެސް ބޮޑަކަށް ދާއިރާ ހަނިކޮށް ދިރާސާގެ ޓޮޕިކްގައި ބުނާއެއްޗެއް ފަސޭހައިން ދޭހަވާނޭފަދަ ތިލައިބާރާތަކުން ޓޮޕިކް ކަނޑައެޅުމާއި މަޤުސަދު އެކުލަވާލުމުގައި ދިރާސާކުރެވޭ ދާއިރާއާއި ގުޅޭގޮތަށް މަޤުސަދު ކަނޑައަޅާނެ ގޮތް ދަސްވިއެވެ. އަދި ދިރާސާގެ ޑިޒައިނާއި ދިރާސާކުރެވޭ އާބަދީކަނޑައެޅުމުގައި ބަލާނޭ ކަންކަން ވަރަށް ރަގަޅަށް އެގިގެން ދިޔައެވެ
އަދި ކޮލިޓޭޓިވް ރިސާރޗް ޑިޒައިންތަކަކޯ ކޮބައިކަމާއި ޑިސްކްރިޕްޓިވް ޑިޒައިނާއި، ކޯރިލޭޝަން ޑިޒައިނުގެ އިތުން ސާރވޭ ޑިޒައިނަކީ ކޮބައިކަން ދަސްވިއެވެ.
މީގެއިތުން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ސާރވޭ ޑިޒައިން ބޭނުންކޮށްގެން އެއކުރާނެ ގޮތް ދަސްވިއެވެ. އެގޮތުން ކްއެސްޓަނިއަރ ތައްޔާރުކޮށް ދިރާސާގެ ބައިވެރިންނަށް ސާރވޭފޯމް ފޮނުވައި ރެސްޕޯންޑް ނުލިބޭ ފަރާތްތަކާއި މެދު ކަންކަން ކުރާނެ ގޮތުގެ މަރުޙަލާއާއި ކަންކުރަންވީ ގޮތް ދަސްވިއެވެ.





ރިފަރެންސް

Johnson, B., & Christensen, L. (2010). Educational Research: Quantitative, Qualitative, and Mixed Approaches (4th ed.). London: SAGE.
R. Kumar. (2011). London EC1Y 1SP: SAGE Publications Ltd. Retrieved from http://www.sociology.kpi.ua.
Willam, M. K. (2006). Research Methods Knowledge Base. New York: Research methods Knowledge base.
Winter, S. M., & Kelly, M. F. (2008). forty years of school readiness research. Childhood Education, 84(5), 260-266.
ނާފިޒާ އަލިމަނިކް. (އ.ނ/ނޮވެމްބަރ/2014). ާލޭގެ ޕްރީސުކޫލު ދަރިވަރުން ބޮޑަށް. From http://saruna.mnu.edu.mv: http://saruna.mnu.edu.mv/jspui/bitstream/123456789/1115/1/NAAFIZA%20ALIMANIK.pdf
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔު ކޭޝަން . (2015, އ.ނ އ.ނ). ޤައުމީ މަންހަޖްގެ ފައުންޑޭޝަން ސްޓޭޖްގެ މުޤައްރަރު. Retrieved from www.moe.gov.mv: https://www.moe.gov.mv/assets/upload/National_Curriculum_FOUNDATION_STAGE_Syllabus.pdf
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން. (1/ޑިސެމްބަރ/2014). ދިވެހިރާއްޖޭގެ ޤައުމީ މަންހަޖް. ނެގީ މިނިސްޓްރީ އޮފް އެޑިއުކޭޝަން: https://www.moe.gov.mv/assets/upload/National_Curriculum_Framework_Dhivehi.pdf
ކްރެސްވެލް. (2012). އެތިކަލް ކޮންސިޑަރޭޝަން ފޯ މިކްސް މެތަޑް. އ.ނ: ސޭގެ ޕަބްލިކޭޝަން.
ކޮތަރި. (2004). ރިސާރޗް މެތޮދޮލެޖީ. ނިވްޑެލްހީ: އޭޖް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް.
އަޙުމަދު ޝާހިދު. (2017). ޢިލްމީދިރާސާގެ ވައްޓަފާޅި. މާލެސިޓީ: ވިލާކޮލެޖް.
ލަވަރަކާސް, ޕ. (އ.ނ/އ.ނ/2008). އެންސައިކޮލެޕީޑިއާ އޮފް ސާރވޭ ރިސާރޗް މެތެޑް. From http://mr.crossref.org: http://mr.crossref.org/iPage?doi=10.4135%2F9781412963947.n424
ޖޯން. ޑަބްލިއު ކްރެސްވެލް. (2009). ރިސާރޗް ޑިޒައިން: ކޮލިޓޭޓިވް،ކްއަންޓިޓޭވި އަދި މިކްސްޑް މެތަޑްސް އެޕްރޯޗްސް (ތާރޑް އެޑިީޝަން). ކެލިފޯނިއާ: SAGE Publications, Inc., 2009., str. 260.
ޖޯން.ކޭ. (2000, އ.ނ އ.ނ). އެތިކަލް ޕްރިނަސިޕަލްސް އޮފް ރިސާރޗް. Retrieved from A Regrettable Oversight or a Significant Omission? Ethical considerations: www.researchgate.net/publication/237714470




No comments:

Post a Comment