Saturday, January 4, 2020

ބަޔޮގުރަފީ

މަޑަވެލީގެ ފަސްގަނަޑުން ފަނޑުވުމެއްނެތި  ފާހަގަކޮށްލެވޭ ނަމޫނާ ޝަޚުސިއްޔަތެއް

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ އުޘްމާން ޒަކީ ޢާންމު ނަމުންނަމަ (އުޘްމާނުބެއްޖާ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1917މ. ވަނަ އަހަރު ގދ. މަޑަވެލީގައެވެ. ބައްޕާފުޅަކީ އަލްމަރުޙޫމް ކަލޯބެއްޔާގެ އާދަމްފުތެވެ. މަންމާފުޅަކީ ޗާރުލެއާގެ (ޗާރުޗީގެ) މުހައްމަދުގެ މަރްޔަމް ދިޔެއެވެ. އުޘްމާނު ޒަކީ ބޮޑުފުޅުވީ މައިންބަފައިންގެ  ލޯތްބާއި އަޅާލުން ލިބިވަޑައިގެން ފުރިހަމަ ތަރުބިއްޔަތެއްގެ މަތީގައެވެ.
ކިޔެވުމާއި ކިޔަވައިދިނުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ބެހެއްޓެވި އުޘްމާން ޒަކީ އެންމެ ފުރަތަމަ ތަޢުލީމް ޙާސިލްކުރައްވައިފައި ވަނީ ގދ. މަޑަވެލީގައެވެ. އެއަށްފަހު އިތުރަށް ތަޢުލީމް ހޯއްދެވުމަށްޓަކައި މާލެ ވަޑައިގަތެވެ. މިގޮތުން މާލޭގެ މަޝްހޫރު ބޮޑުގަލުގޭގައި ހުންނަވައި ޤުރުއާނާއި ތަޖްވީދު ޢިލްމާއި، ދީނިއްޔާތުގެ އިތުރުން ހިސާބު ޢިލްމާއި، އަރަބި ބަސް އުނގެނި ވަޑައިގަތުމުގެ ފުރުސަތު ހޯއްދެވިއެވެ.
ޤުރުއާނާއި ތަޖްވީދު ޢިލްމް އުނގެނި ވަޑައިގަތީ މަޝްހޫރު ބޮޑުގަލު "ތުއްތުމަނިކު" ގެ އަރިހުންނެވެ. އަދި ހިސާބާއި ދިވެހި  އުނގެނި ވަޑައިގަތީ "އިސްމާޢީލް ޢަބުދުﷲ" (އިސްމާއިލް ކަލެއިފާނުގެ ތުއްތު) ގެ އަރިހުންނެވެ. ދީނިއްޔާތާއި، އަރަބިބަސް އުނގެނިވަޑައިގަތީ އައްޝައިޚް ޙުސައިން ޞަލާޙުއްދީންގެ އަރިހުންނެވެ. އެނބުރި ރަށަށް ދުރުވީ ޤުރުއާނާއި، ދީނިއްޔާތު އަދި ދިވެހި  ކިޔަވައިދެއްވުމުގެ ސަނަދު ޙާސިލް ކުރައްވައިގެންނެވެ.
ތަޢުލީމުގެ މަރުޙަލާތައް ކަޑައްތު ކުރެއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި މަދަރުސާގެ މުދައްރިސްކަމާއި، މާލިއްޔާގެ ކާތިބުކަން، އަދި މަޑަވެލީ ހިރިގާ މިސްކިތުގެ (ކުދެމިސްކިދާގެ) މުދިމެއްގެ ވަޒީފާ ހިމެނެއެވެ.
ހަމަމިއާއެކު އުޘްމާން ޒަކީ ވަނީ  އިޖްތިމާޢީ ކަންކަމުގައި އެއް ރޮނގަށްވުރެ ގިނަ ރޮނގުރޮނގުން ރަށާއި އަތޮޅަށް ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ގދ. އަތޮޅުގެ އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، މަޑަވެލީގެ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. މީގެއިތުރުން ޒަކީއަކީ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ފާހަނގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކުދިފެޅުމާއި، ބޭސްއެޅުން (އެޒަމާނުގެ ބަހުރުވައިންނަމަ "ދޮނެވައްޅެން ޖެހުމާއި، އުމަގެތެލެ ޖެހުން") ފަދަ ޚިދުމަތްތައް ފާހަގަވެއެވެ. އަދި ހަމައެހެންމެ ޢީދު ދުވަސްފަދަ މުހިންމު ދުވަސްތަކުގައި ކުޅިވަރު އިންތިޒާމްކޮށް  ޢަމަލީ ގޮތުން ކުޅިވަރުތަކުގައި ބައިވެރިވެ ވަޑައިގެން އިޖްތިމާޢީ ރޫޙް ދިރުވާ އާލާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. ޚާއްސަކޮށް ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އިސްވެ ހުންނަވައިގެން މަސައްކަތަށް ރައްޔިތުން ނެރުއްވައި ރައްޔިތުންގެ މެދުގައި ވަޠަނީ ރޫޙް އުފެއްދުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައި ވެސް އުޘްމާން ޒަކީއަކީ ނަމޫނާ ބޭފުޅެކެވެ. މީގެ އިތުރުން އުޘްމާން ޒަކީއަކީ ރަށުގެ މައުލޫދު އޮޅީގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.
އުޘްމާން ޒަކީގެ ދިރިއުޅުއްވުމުގައި ދެމެހެއްޓެނިވި ގޮތަކަށް ކުރެއްވި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ޑައިރީ ލިޔުއްވުމާއި، ގޭގައި އެނދުރުގެއެއް ހެއްދެވުމަށްފަހު ކުދިންނަށް ޤުރުއާން އުންގަންނައި ދެއްވުމާއި، ކުދިންނަށް ގޭގައި ހިސާބު ކިޔަވައިދެއްވުން ހިމެނެއެވެ.  އަދި  ގޭގެ ފެންޑާގައި ހުންނަ ޗޯކް ބޯޑެއްގައި ދުވަހުގެ ތާރީޚް ( ޙިޖްރީ ތާރީޚާއި  މީލާދީ ތާރީޚް  އަދި މޫސުމާއި ނަކަތް ހިމެނޭގޮތަށް) ފަތިސްނަމާދަށް ފަހު ކޮންމެ ދުވަހަކު ހެނދުނު ބަދަލުކުރައްވައި ބެލެހެއްޓެވުން ހިމެނެއެވެ. މި ހުރިހާ ކަމަކީ ވެސް ހިލޭސާބަހަށް (ދަރުމައަށް) ކުރެއްވި ކަންކަމެވެ.
އުޘްމާނު ޒަކީ އަވަހާރަވެފައިވަނީ ހުމުގެ އާލާސްކަންފުޅެއްގައި ދެތިން ދުވަހު އޮންނެވުމަށްފަހު 11މާރޗް 1992 ވަނަ ދުވަހުއެވެ. އަވަހާރަވުމުގެ ކުރިން އެންމެ ފަހު ކަމެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ވަރަށް މަޑުމަޑު އަޑަކުން ބަންގި ގޮވާލެއްވުމާއި، އަނބިކަނބަލުންގެ ލިބާހުގެ ފަސްބައިގައި ޤުރުއާނުން (ވޮށިފިލާ ލިޔާގޮތަށް) ލިޔުއްވުމުގެ ޙަރަކާތްޕުޅެކެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 75 އަހަރެވެ. އޭރު އަނބިކަނބަލަކާއި  ފިރިހެން 2 ބޭފުޅުންނާއި އަންހެން ބޭފުޅަކު  ތިއްބެވިއެވެ.
     އުޘްމާން ޒަކީ އަވަހާރަވިތާ 23 އަހަރު ވެފައިވީއިރު ވެސް، އެބޭފުޅާގެ އަގުހުރި ޚިދުމަތްތަކުގެ މަތިން އަދިވެސް މަޑަވެލީގެ ގިނަބަޔަކު ހަނދާންކުރަމުން ދެއެވެ. އޭގެ ދަލީލަކީ މިހާރު ވެސް ޢީދު ކުޅިވަރުތަކުގައި އުޘްމާން ޒަކީގެ ވާހަދެއްކުމާއި، ގިނަ ދުވަސްވެ ރަގަޅު ނުވެހުންނަ ޒަޚަމްތަކަށް އުޘްމާން ޒަކީގެ ފަރުވާގެ މޮޅުކަމުގެ ވާހަކަ ދައްކާކަމެވެ. މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތް ﷲ، ގެ ޙަޟުރަތުން މިންވަރު ކުރައްވާށިއެވެ. އާމީން!

No comments:

Post a Comment