Saturday, January 4, 2020

ޖީން ޕިއާޖޭގެ ނަޒަރުގައި ބަސް ދަސްކުރުން

މަޝްހޫރު ނަފުސާނީ ޢިލްމުވެރިޔާ ޖީން ޕިއާޖޭ (1896-1980) ގެ ނަޒަރުގައި އުނގެނުމަކީ ކުއްޖާ އާއި މާހައުލާ ދެމެދުގައި ހިނގާ މުއާމަލާތު ތަކުގެ ސަބަބުން އަދި ކުއްޖާގެ އޭނާގެ މާހައުލު ދެނެގަތުމަށްޓަކައި ކުރެވޭ ތަޖުރިބާތަކެއްގެ ސަބަބުން ކުއްޖާ ވިސްނުން ބޭނުންކުރާ ގޮތްތަކަށް ހެޔޮބަދަލުތަކެއް އައިސް ކުރިއެރުން ލިބުމެވެ. ޕިއާޖޭ ގަބޫލު ކުރައްވާ ގޮތުގައި ކުދިންނަށް ލިބޭ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް އެކުދިން އަމިއްލައަށް މައުލޫމާތު އެއްކުރެއެވެ. އެއަށްފަހު އެ ލިބުނު މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ބަސް ދަސް ކުރަމުން ގެންދެއެވެ. އަދި އެ ތަޖްރިބާގެ ތެރެއިން ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތައް ގުޅުވައިގެން އަމިއްލައަށް އުނގެނުން ބިނާކޮށް ބަސްތަރައްޤީކޮށް ކުރިއަރަމުން ދެއެވެ.

ވައިގޮޓްސްކީގެ ނަޒަރުގައި ބަސް ދަސްކުރުން

ވައިގޮޓްސްކީ (1987) ދެކިލައްވާގޮތުގައި އުނގެނުމަކީ އިޖްތިމާއީ ހަރަކާތެކެވެ. އޭނާއަށް ތަފާތު ދިރާސާތަކުން ތަޖުރިބާ ކުރެވުނު ގޮތުގައި ކުދިން ބަސްދަސްކުރަނީ އިޖްތިމާއީ މުއާމަލާތްތަކުންނެވެ. ވައިގޮޓް ސްކީ އޭނާގެ މިތަޖްރިބާގެ އަލީގައި ކުދިން އުނގެނިދަސްކުރުމުގެ ދެ މަރުހަލާއެއް ފާހަގަކުރައްވައެވެ. އޭގެތެރޭގައި ކުއްޖާ އަމިއްލައަށް މަސައްކަތް ކުރާ މަރުހަލާއަކާއި އޭނާއަށް އަމިއްލައަށް ނުކުރެވޭ ކަންކަން އެހެންމީހެއްގެ އެހީތެރިކަމާއެކު މަސައްކަތް ކުރުމުގެ މަރުހަލާއެއް ހިމެނެއެވެ. މިގޮތުން ކުދިންނާއެކު ކުރެވޭ މުއާމަލާތްތަކުން ދަސްނުވާ ކިތަންމެ އެއްޗެއް ބޮޑެތި މީހުންނާ ކުރެވޭ މުއާމަލާތްތަކުން ދަސްވެއެވެ. އަދި އެހެންމީހުންގެ އެހީއާއި މަގުދެއްކުން ލިބުމުން އިތުރަށް އުނގެނުން ތަރައްޤީކުރެވެއެވެ.

ބީއެފް ސްކިނާރގެ ނަޒަރުގައި ބަސްދަސްކުރުން

ބީ.އެފް ސްކިނަރ(1957) ދެކެވަޑައިގަންނަވާ ގޮތުގައި ބަސް އަށަގަންނަނީ ކުދިން އުޅޭ މާހައުލުގައި ބަސްތަކުރާރު ކުރުމާއި ގުޅިގެނެވެ. މިގޮތަށް ބަސްދަސްކޮށް ދިނުމުގެ ޚިޔާލު ގުޅިފައިވަނީ ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށްޓަކައި ގެންގުޅެވިދާނެ ސްޓިމިއުލަސް – ރެސްޕޯންސް – ރިއިންފޯސްމެންޓް އުސޫލާ އެވެ. ސްކިނަރ ގަބޫލުކުރައްވާ ގޮތުގައި ބަސް ދަސްކުރުމަކީ ކުއްޖާގެ އުޅުމަށް ގެންނަ ބަދަލަކަށް ވާތީ، ކުއްޖާއަށް ހިތްވަރުދީ ތަރުހީބު ދެމުން ގެންދާނަމަ އޭނާއަށް މިބީދައިން ބަސް ބޭނުންކުރަން ދަސްވަމުން ދާނެއެވެ. ބަސްކިޔަވައި ދިނުމުގައި މިނަޒަރިއްޔާއިން ހާމަވާގޮތުގައި ދަރިވަރުން ރަނގަޅަށް ކިޔުމުން ތަރުހީބުދީ ތަކުރާރު ކުރުވައި ހަދާނަމަ ލަފުޒުތަކާއި ޖުމުލަތައް ދަސްވެ ކުދިންގެ ބަހުގެ ފެންވަރު ރަގަޅުވެ ކުރިއަރައިގެން ދެއެވެ.

ނޯމް ޗޮމްސްކީގެ ނަޒަރުގައި ބަސްދަސްކުރުން.

ނޯމް ޗޮމްސްކީ (1959 ހާމަކުރައްވާގޮތުގައި  ކުދިން ދުނިޔެއަށް އުފަންވާއިރު ވެސް ބަސް ދަސްކުރުމުގެ ޚާއްސަ ޤާބިލުކަމެއް ލައްވާފައިވެއެވެ. އިންސާނާގެ ސިނކުޑީގައިވާ މި ޚާއްސަ ޤާބިލިއްޔަތުގެ ސަބަބުން ކުއްޖާ ބޮޑުވަމުންދާ ވަރަކަށް އޭނާދަނީ ބަސް ދަސްކުރަމުންކަމަށް ޗޮމްސްކީ ހާމަކުރައްވައެވެ. ޗޮމްސްކީގެ ނަޒަރުގައި ބަސް އުފެދިފައިވަނީ އޮޅުންބޮޅުން ބޮޑު ޤަވާއިދުތަކެއް އެކުލެވިގެންވާ ނިޒާމެއްގެ މައްޗަށެވެ. މިގަވާއިދުތަކުގެ ބޭނުންކޮށްގެން އިންސާނާ، އަދަދު ނުކުރެވޭހާ ގިނަ ޖުމްލަ އުފައްދައެވެ. ނަމަވެސް މީގެތެރެއިން ގިނަޖުމްލަތަކަކީ އެމީހެއްގެ ހަޔާތުގައި އޭގެކުރިން ބުނެފައިނުވާ ޖުމްލަތަކެއްކަމަށް ވެސް ޗޮމްސްކީ ހާމަކުރައްވައެވެ.  އޭނާ ދެކިލައްވާ ގޮތުގައި ބަސް ދަސްކުރުމަކީ ކޮންޑިޝަންކޮށްގެން ކުރެވޭ ކަމެއްނޫނެވެ.

އަދި ދިވެހިބަސް ކިޔަވައިދޭ (ޕްރައިމަރީ) ކުލާހެއްގައި، ދިވެހިބަސް ކިޔަވައިދޭ ގަޑިއެއް ބަލައި އެކުލާހުގައި ކިޔަވައިދިން އިރު ބޭނުންކުރި އުކުޅެއް ދެނެގަންނާށެވެ. މިއަށްފަހު އެ އުކުޅު ބިނާވަނީ މަތީގައި ބުނެވުނު 4 ޕްރޮފެސަރުންކުރެ ކާކުގެ އުޞޫލަކަށްކަން ނުވަތަ އެއްވެސް އުޞޫލަކަށް ނުފެތޭކަން ސާބިތކޮށްދީ ހެއްކާއެކު ބަޙުސެއް ލިޔާށެވެ.

މިސުވާލުގެ ޖަވާބު ލިޔުމަށްޓަކައި ގްރޭޑް:1ގެ ދިވެހިބަސް ކިޔަވައިދިން ގަޑިއެއް އަޅުގަނޑު އޮބްޒާރވް ކޮށްލީމެވެ.
ތިރީގައި މިވަނީ އޮބްޒާރވް ކުރި ފިލާވަޅާއި ގުޅޭ ބައެއްމަޢުލޫމާތެވެ.

މާއްދާ: ދިވެހިބަސް                                         
ސުރުޚީ: ކާނާބެހިގެންވާ ބައިތައް                                 
އެކްޓިވިޓީގެ ނަން: ކާނާގެ ބާވަތްތައް ވަކިކޮށްލަމާ
ގެންދިޔަގޮތް:

އެންމެފުރަތަމަ ކްލާސް 5ގްރޫޕަކަށް ބާހަލުމަށްފަހު ގްރޫޕްތައް  ކުލާހުގެ ޓައިލްސްމަތީގައި ބޭތިއްބީއެވެ. އެއަށްފަހު ކޮންމެ ގްރޫޕަކަށް ކާނާބަހާލެވިފައިވާ ކޮންމެވެސް ގްރޫޕެއްގެ ނަން ބޮޑުކޮށްލިޔެފައިވާ ކާޑެއް ދިނުމަށްފަހު އެއީ ކޮންގްރޫޕެއްކަން  އެނގޭ ގޮތަށް ޓައިލްސްމަތީގައި ހަރުކޮށްލީއެވެ. ދެން ގެނައި ކާނާގެ ބާވާތްތައް ގްރޫޕްތަކަށް ބަހަން  ފަހަރަކު ގްރޫޕެއް ކާނާ ބެހެއްޓިފައިވާ ތަނަށް އައިސް އެގްރޫޕަކަށް ނިސްބަތްވާ ކާނާގެ ބާވަތްތައް ވަކިކޮށް ގްރޫޕަތަކަށް ގެންދިޔައެވެ. އެގޮތަށް ފަހަރަކު ގްރޫޕެއް އައިސް އެގްރޫޕެއްގައި ހިމެނޭ ކާނާގެ ހުރިހާބައެއް ވަކޮކޮށްލީއެވެ.
މި މަސައްކަތުގެ ތެރެއިން ދަރިވަރުން ބައެއްތަކެތީގައި ވަސްބަލާ އެއަށްފަހު ކޮންމެ ގްރޫޕަކަށް އޭފޯ ސައިޒުގެ ގަނޑެއް ހަވާލުކުރުމަށްފަހު އެގްރޫޕެއް  ހިމެނޭ ކާނާގެ ބާވަތްތަކުގެ ނަންލިސްޓްކޮށް އެތަކެތި ނިސްބަތްވަނީ ކާނާގެ ބައިތަކުން ކޮންގްރޫޕަކަށް ކަން ތާވަލް ކުރިއެވެ. ބައެއްގްރޫޕްތަކުން ކާނާގެ ނަންލިސްޓްކުރަމުން ދިޔައިރު ބައެއް ގްރޫޕްތަކުން ކުރަހައިގެންވެސް ގްރޫޕްކުރިކަން ފާހަގަކުރެވުނެވެ.  ދަރިވަރުން މި މަސައްކަތް ކުރަމުން ގެންދިޔައިރު ގްރޫޕްގެ ހުރިހާކުދިންގެ ބައިވެރިވުން ލިބުނުކަން ފާހަގަވިއެވެ. އަދި މިމަސައްކަތްކަތް ކުރަމުންދިޔައިރު ދަރިވަރުންގެ ތަފާތު ހިއްސުތަކުގެ ބޭނުންކުރެވުނެވެ.
މަތީގައި ބަޔާންކުރެވުނު ފިލާވަޅު ގެންދިއުމުގައި މުދައްރިސް ބޭނުންކޮށްފައިވަނީ "ގުޅިގެން އެއްބާރުލައިގެން (ކޯޕަރޭޓިވް ލާރނިންގ) އުނގެނުމުގެ އުކުޅެވެ. ކޯޕަރޭޓިވް ލާރނިންގ ގެ އެންމެ މުހިއްމު ބަޔަކީ ކުދި ގުރޫޕުތަކުގައި ކުރެވޭ މަސައްކަތްތަކެވެ. ގުރޫޕު މަސައްކަތްތައް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައި ގުރޫޕުގެ ހުރިހާ ދަރިވަރުންގެ އެހީތެރިކަން ބޭނުންވާނެއެވެ. މި ވައްތަރުގެ އުނގަންނައިދިނުން ފެތޭނީ މަތީގައިވާ ޕްރޮފެސަރުންގެ ތެރެއިން މަޝްހޫރު ސްއިކޮލޮޖިސްޓް ޖީން ޕިއާޖޭގެ ކޮގޮނިޓިވް ލާރނިންގ ތިއަރީ އާއެވެ. ކޮގްނިޓިވް ލާރނިންގ ތިއަރީގައި ބުނާ ގޮތުން އުނގެނޭ ފަރާތާ މާހައުލާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ޕިއާޖޭ ހާމަކުރާގޮތުގައި "ކުދިން އެކުދިންގެ މާހައުލުން ފެންނަކަންތައްތައް ތަޖްރިބާކުރަމުންދާއިރު އެކުދިންނަށް ހޯދޭކަންތައްތަކާއި މައުލޫމާތު ދާނީ އެކުދިންގެ ސިކްނޑީގައި ތަރުތީބުކުރަމުންނެވެ. އެގޮތުން އެއެއްޗެއްގެ އެންމެ އާންމު ސިފަތަކާއި ގުޅޭގޮތުން އެއްޗެހި ބައިބަޔަށް އަޅައި ގްރޫޕްކުރަމުން ގެންދާނެއެވެ."  މިގޮތަށް މަސައްކަތް ކުރަމުން ގެންދާއިރު ގްރޫޕްތަކުގައި މުޢާމަލާތުކުރެވި ކުރިން އެނގިފައިވާ އެއްޗަކާއި ކޮށްފައިވާތަޖްރިބާތަކުގެ އަލީގައި ދަރިވަރުންގެ ބަސް ކުރިއަރަމުން ގެންދާނެއެވެ. މިވައްތަރުގެ ހަރަކާތްތަކުން ކުދިން އެ ކުދިންނަށް ކުރެވޭ ތަޖުރިބާގެ އަލީގައި  އުޅޭ މާޙައުލާއި މުޢާމަލާތް ކުރަން ބޭނުންވާނެއެވެ. މިގޮތުން ލިބޭ މަޢުލޫމާތުތައް ސިކުނޑީގައި ރާވާތަރުތީބު ކޮށްލާނެއެވެ. ޕިއާޖޭގެ އެނާގެ ތިއަރީގައި ހާމަކޮށްފަވަނީ " ކުދިން އެކުދިންގެ މާހާއުލުން އުނގެނުމަށް ހުއްޓަނުލައި ގަދައަޅައި މަސައްކަތް ކުރަމުންދާއިރު، އެކުދިންނަށް މިކަން ހާސިލްވާނީ އެކުދިންނަށް މާޙައުލުންފެންނަތަކެއްޗާއި މުޢާމަލާތުކުރުމުގެ ފުރުސަތު ދީގެންނެވެ." 
3- ދިވެހިބަސް ކިޔަވައިދޭ ކުލާހެއްގައި ކުދިން އަޑުއެހުމަށް ސަމާލުކަން ދޭ މިންވަރު ދެނެގަންނާށެވެ. މިއަށްފަހު އެ ދަރިވަރުން އަޑުއެހުމަށް ދޭ ސަމާލުކަން އިތުރުކުރެވިދާނެ ގޮތް ބްލޮކް 1 އިން އެނގުނު މަޢުލޫމާތެއްގެ އަލީގައި، އަދި އިތުރަށް ހޯދައިގެން ބަޔާންކުރާށެވެ.
މިސުވާލުގެ ޖަވާބު ލިޔުމަށްޓަކައި ގްރޭޑް:2ގެ ދިވެހިބަސް ކިޔަވައިދިން ކުލާހެއް އަޅުގަނޑު އޮބްޒާރވް ކޮށްލީމެވެ. ފިލާވަޅުގެ ތީމެއްގެ ގޮތުގައި ގެންދެވުނީ " ރާއްޖޭގައި ހެއްދޭ މޭވާތަކައި ރާއްޖެއިންބޭރުން ގެންނަ މޭވާ" އެވެ.
 މުދައްރިސު ފިލާވަޅުފަށއިގެން ފިލާވަޅާއިގުޅޭގޮތުން އިރުޝާދު ދެމުން ގެންދިޔައިރު މުޅި ކުލާހަށް އަމާޒު ކުރެވުނު ސުވާލުތަކަށް އެއްމެ ފުރިހަމަ އަށް އިޖާބަ ނުދެވޭ ކަން ފާހަނގަ ކުރެވެނެވެ. އަދި ދަރިވަރުން ހުށަހަޅައިދެމުން ގެންދިޔައިރު ބައެއް ކުދިން އެހެނިހެން ކަންތައްތަކުގައި މަޝްޣޫލު ވެގެން ތިއްބެވެ. މިހެންވުމުން އަޑުއެހުމަށް ސަމާލުކަންދޭ މިންވަރު އެކަށިގެންވާ ވަރަށްވުރެ ކުޑަކަން ފާހަގަވިއެވެ.
ފިލާވަޅަކީ ވަރަށް ޝައުޤުވެރިކަމާއެކު ގެންދެވިދާނެ ފިލާވަޅެއްކަމުން ދަރިވަރުން ވަރަށް ޝައުޤުވެރިކަމާއެކު އަޑުއަހާނެ ގޮތަކަށް ފިލާވަޅު ރާވާލެވިދާނެއެވެ. މިގޮތުން ފިލާވަޅާއިގުޅޭ އަރަތެއް ހުށަހަޅައި އަރަތުގެ ޖަވާބު ހޯދިދާނެއެވެ. އެއަށްފަހު
ކޭ. ޑަބްލިޔޫ. އެލް. ޗާޓެއްގެ އެހީގައި ދަރިވަރުންނަށް ފިލާވަޅާއި ގުޅޭގޮތުން އެނގިފައިވާ މަޢުލޫމާތުތަކާއި، އެގެން ބޭނުންވާ މަޢުލޫމާތު ހޯދުމަށްފަހު  ފިލާވަޅުގައި ދަސްކޮށްދޭން ބޭނުންވާ ބައިތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައިގެން ދަރިވަރުން އަޑުއެހުމަށްދޭ ސަމާލުކަން އިތުރު ކުރެވިދާނެއެވެ. މިއަށްފަހު ފިލާވަޅާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހެއް ދީ ފިލާވަޅުގައި ގެންދެވުނު މަޢުލޫމާތު ހިމެނޭ އޯޑިއޯ ރެކޯޑިންގ އެއް އަޑުއިއްވައި އަޑުއަހަމުން ދާއިރު ސުވާލުކަރުދާހުގައިވާ ސުވާލުތަކުގެ ޖަވާބު ފުރިހަމކުރަން ދެވިދާނެއެވެ.
މިފަދަ ހަރަކާތްތައް ކުލާހުގައި ގެންދިއުމުން ދަރިވަރުންގެ އަޑުއެހުމަށްދޭ ސަމާލުކަން އިތުރު ކުރެވިދާނެއެވެ.
4- ކޮމިޔުޓޭޓިވް ލެންގްއޭޖް ޓީޗިންގގެ އުކުޅު ބޭނުންކުރާނަމަ ކުލާހުގައި އުފެދޭނެ ޝައުޤާއި އުނގެނުމުގައި ލިބޭނެ ފައިދާއާއިމެދު އަމިއްލައަށް ހޯދައިގެން (ނެޓުން، ފޮތްތަކުން، އެހެންގޮތަކުން) ތިބާގެ ޚިޔާލު ހާމަކުރާށެވެ.
ކޮމިޔުނިކޭޓިވް ލެންގްއޭޖް ޓީޗިންގެ އުކުޅު ބޭނުންކުރުމަކީ ބަސްކިޔަވައިދޭ ކުލާހެއްގައި ވަރަށް ޝައުޤުވެރިކަމާއެކު ބޭނުން ކުރެވިދާނެ އުކުޅެކެވެ. މިއުކުޅު ބޭނުންކޮށްގެން ކިޔަވައިދޭއިރު ދިރިއުޅުމުގެ އަސްލު ޙާލަތްތައް ކުލާހަށް ކުރިމަތިކުރުވައިގެން އެހާލަތުތައް ކުލާހުގައި އެކިގޮތްގޮތަށް ތަމްސީލުކުރުވައިގެން ދަރިވަރުންގެ ޝައުގުވެރިކަން ދެމެހެއްޓެއެވެ. އަދި މިއީ ކުދި ގްރޫޕްތަކުގައި ގެންދެވޭކަހަލަ ހަރަކާތްތަކެއް  ކަމުން ކުލާހެއްގައި ހިމެނޭ ހުރިހާ ފަންތިއެއްގެ ދަރިވަރުން މިފަދަކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޝައުގުވެރިކަމާއެކު އެކުއްޖެއްގެ ޒިންމާ ފުރިހަމކުރަމުން ގެންދާނެއެވެ. މިގޮތަށް ގެންދެވޭ ޙަރަކާތްތަކުން ދަރިވަރުންނަށް ނޭގި ބަސްދަސްވަމުންދާނެއެވެ. އަދި މިއީ އުނގެނެވެނީ ކަންވެސް ދަރިވަރުންނަށް ނޭގި  އުނގެނޭ އުނގެނުމެކެވެ. ބަސް ދަސްވެ ތަރައްޤީވާނީ ދިރިއުޅުމުގެ ބޭނުމާއި ޙާލަތުގެ ތެރެއިންނެވެ. އެހެނީ ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައިވެސް ބޭނުންކުރާ ވަކިޚާއްސަ ބަސްމަގެއް އޮވެއެވެ. މިސާލަކަށް ދަނޑުވެރިކަމާއި ބެހޭ ޙާލަތެއް ގެނުވައިފިނަމަ ބޭނުންކުރާނީ ވަކިވައްތަރެއްގެ ބަސްމަގެކެވެ. "ގަސްކާނާ، މޯޅިވުން، ގަސްތައް ރުވުން" ފަދަ ބަސްތައް
ފެހުމުގެ މަސައްކަތްތަކުގެ ތެރެއިން ބޭނުން ނުކުރާނެއެވެ. އެހެންކަމުން މިފަދަ ކޮންމެ ހާލަތަކުންވެސް ދަރިވަރުންގެ ބަސްކޮށާރަށް އާބަސްތަކެއް އިތުރުވެ ބަސްބޭނުންކުރުމުގެ ހުނަރު ކުރިއަރައިގެން ދާނެއެވެ. މިގޮތަށް އެކިދުވަސްދުވަހު ދިރިއުޅުމުގެ ބޭނުމާއި ހާލަތާއި ގުޅުވައިގެން އެކިކަހަލަ ޙާދިސާތައް ގެންދެވިދާނެއެވެ.
ކޮމިޔުނިކޭޓިވް އެޕްރޯޗް ނިޒާމެއްގެ ކުލާހެއްގައި ދަރިވަރުން ތަރުބިއްޔަތުވާނަމަ ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި:
ކުދިން އެކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުން.
 ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވުން
އަދި ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ދިމާވާ މައްސަލަތައް ހައްލުކުރުމު ގާބިލުކަން ލިބުން
ހިތްވަރާއެކު ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން
ވާހަދެއްކުމުގެ ބޭނުމާއި މަގުސަދަށް އިސްކަން ދިނުން
މިނިވަންކަމާއެކު އުނގެނުމަށް ފުރުސަތުލިބުން
ބަސްކޮށާރު މުއްސަދިވެ ބަހުގެ ތަފާތުފެންވަރާއި، ހާލަތާއި ގުޅުވައި ބަސްބޭނުންކުރަން އެނގުން.
އަޅުގަނޑުގެ ނަޒަރުގައި ކޮމިޔުނިކޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ކިޔަވައި ދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މިގޮތަށް ގެންދެވޭ ކިޔައިދިނުމުގެ ތެރެއިން އުންގަންނައި ދިނުމުގެ މަގުސަދު ފަސޭހައިން ހާސިލުވެ ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި ދަރިވަރަކު އުފެއްދިދާނެއެވެ.
5- މަތީގައިވާ 4 ނުކުތާގައި ފާހަގަކުރެވުނު ވާހަކަތަކުގެ އަލީގައި "ކާމިޔާބު ކުލާހެއް އުފެއްދުން" 
"ކާމިޔާބު ކުލާހެއް އުފެއްދުން
އުނގެނުމާއި އުނގަންނައިދިނުމުގެ މަސައްކަތް ކުރާ ކޮންމެ މުދައްރިސެއްގެ ވެސް އެންމެ ބޮޑު އެއްބޭނުމަކަށް ވެފައި އޮންނަނީ އެ މުދައްރިސް ކިޔަވައިދެއްވާ ކުލާހަކީ ކާމިޔާބު ކުލާހަކަށް ހެދުމެވެ. މިގޮތުން މަތީގައިބަޔާންކުރެވުނު ވާހަކަތަކަށް ބަލާއިރު ކާމިޔާބު ކުލާހެއްގައި ގެންދާނެ ހަރަކާތްތައް ބިނާވާންޖެހޭނީ ދިރިއުޅުމުގެ ޙާލަތާއި ބޭނުމާއި ގުޅޭގޮތަކަށެވެ. ގުޅިގެން އެއްބާރުލައިގެން އުނގެނުމުގެ މައްޗަށް ބިނާވެފައިވާ މިވައްތަރުގެ އުނގެނުމުގައި ދަރިވަރުން ދަސްކުރާނީ އެކުދިން އަމިއްލައަށެވެ. މިގޮތަށް ކިޔަވައިދިނުމުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެއެވެ. މިފަދަ ކުލާސްތަކުގައި ދަރިވަރުން މަސައްކަތްކުރާނީ ކުދި ގްރޫޕްތަކުގައްޔާއި ގިނަކުދިންގެ ގްރޫޕްތަކުގައެވެ. މިފަދަ ކްލާސްތަކުގެ އެންމެބޮޑު ކާމިޔާބަކީ މިފަދަ ހަރަކާތްތަކުން ދަރިވަރުންގެ ވިސްނުން ތަރައްޤީވެ ވާހަކަދެއްކުމުގެ ހުނަރު ކުރިއަރައިގެން ދާކަމެވެ.

No comments:

Post a Comment