އެ
ބިރުވެރި ކަޅު ދުވަސް
ދުވަސްވަރަކީ ނިމި ދިޔަ ރިޔާސީ ދައުރުގެ މެދުތެރެއެވެ. ގދ.
ތިނަދޫގެ އިމާރާތް ތަކުގައި ހުޅުޖަހާ އެންދި ބިރުވެރި ހާދިޘާ އަކީ އަތޮޅުގެ
ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔަހާދިޘާއެކެވެ.
ޢިމާރާތްތައް އަދާ
ހުލިވެގެންދިޔައިރު، ތިނަދޫގެ ކުދިބޮޑު އެންމެންމެ ތިބީ ހަދާނެގޮތް ހުސްވެ، ހަތަރު
އުދަރެސް ފެނުޖެހިފައެވެ. ތިނަދޫ ފަޅުކުރި ހާދިޘާގެ ހަނދާންހުރި މީހުން ހިތްހަމަ
ނުޖެހިގެން ދެއްކިހާ ވާހަކަތައް ދިޔައީ ފަނު ފުލުންނެވެ.
އަދި ހަމައެހެންމެ މަންޒަރު ބަލަން މަގުމައްޗަށް
ނުކުތް ގިނަ މީހުންނަކީ ކަންނުވެ ނަންވި މީހުންނެވެ. އިމާރާތްތަކުގައި ރޯކޮށްލި އެކަކު ވެސް ނެތެވެ.
ނުބީހެންޏާ ކަނޑާ ހަމަތާއެވެ. ކުރެވުނު ކަމުގެ ދެރަކަން
އިޙުސާސްކުރެވެން ފެށީ ކެޔޮ ކޭވަރު ބަލަން ބިތުފަންގި
ނަގަންފެށީމައެވެ. މި ކަމުގައި
ތުހުމަތު ކުރެވުނު އެންމެން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން
ފިލަން ދުވި މީހުންގެ މަސައްކަތްވީ ފޫނެތް ފަޔަކަށް ފެންފުރުންފަދަ ކަމަށެވެ. ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުމުގެ ނަތީޖާ
އަކަށްވީ ރަށުގެ ގިނަބަޔަކު ހައްޔަރުކޮށްގެން ގެން ގޮސް ޖަލުގައި ބަންދު
ކުރުމެވެ. ކީހާ
ޅެމެއް ފަރިއްސަށް ނުހެދުނު ނަމައޭ ބައެއް މީހުންގެ ހިތަށް އެރިއެއް
ކަމަކު ވަޤުތު
ވަނީ ފާއިތުވެފައެވެ. އަދި މަގުމައްޗަށް މަންޒަރުބަލަން ދިޔަ ކޮންމެ
މީހެއްގެ ބޮލުގައި ވެސް އެކިވަރުގެ ބަދުނާމެއް އެޅުނީ
ކަނބުރުގެއަކަށް ވަނިއްޔާ އަޅި ބުރާނެއޭ ބުނާފަދައިންކަން އެމީހުންނަށް
ވިސްނުނެވެ. ކާޅު ކެޔަސް 'ސޮއް' ނުގޮވާށޭ ބުނެއުޅޭ
އުޞޫލުން މިކަންކަމާއި ނުބެހުވުނު ނަމަ 'ރަނގަޅުވީހޭ' މިބައިމީހުންގެ ހިތަށް ވެސް
އަރާނެތާއެވެ.
އިއްޔެ ނިމި ގޮސް އާ
ދުވަހަކަށް އަލިވިލުނު އިރު ދުނިޔެ ހިނގަނީ ތޮށަލި
ދުޅަޔަށް ކަމުން މުޅިރަށް އޮތީ ފިތުނައިގެ ހާއްޔަކަށް ވެފައެވެ. ގިނަ މިތުރުން ވަނީ ހަތުރުންނަށް ވެފައެވެ. އަމިއްލަ ގެދޮރެއް
އަދި ރަށުގެ ރަށްވެއްސެއްކަން ވެސް އެނގޭނެ ގޮތެއްނެތެވެ. ވެއްޖެކަމަކާ ހައްޖާކާއި އެއްވަރެވެ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން
ކަމުން މި ހާދިޘާގައި މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައި ނުވާކަމީ
ތިނަދޫ ރައްޔިތުންގެ ނަސީބެވެ.
ދެން ފެނިގެން ދިޔައީ
މުޅިން އާ މަންޒަރެކެވެ. މުޅި ރަށުގައި ސިޔާސީ ކޯޅުންގަނޑު ބޮޑުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދުކުރަމުން ގެންދިޔައީ
ބަހުގެ ޙަމަލާތަކެވެ. އެއް ތުނޑި ވޮޑެންޏާ އަނެއް ތުނޑި
ގިރާނެއޭ ބުނާ ބީދައިން އެއް ބަޔަކު މޮޅުވެ އަނެއް ބަޔަކު ދެރަވީއެވެ.
ވެރިކަން ވައްޓާލީ ބަޣާވާތަކުންކަމަށް ބުނެ ވަކާލާތުކޮށް ބަދަލަށް ބަދަލު
ހިފާނެކަމަށް ގަދަބަސް ބުނެ، އަޑުގަދަ ކުރިއެވެ.
މި ހާދިޘާގައި
ކުށްވެރިން ބަންދުކުރެވި، ޢާއިލާތަކަށް
ލިބުނު ގެއްލުން ވެގެންދިޔައީ ތިނަދޫގެ ރައްޔިތުންގެ ރިހޭ
ފައިމައްޗަށް ފޮއިވެއްޓުން ފަދަ ކަމަކަށެވެ. ކޮންމެއަކަސް ވަޅު ނުތެޅި ތެޅޭނީ ދާނިކަން ތިނަދޫގެ ރައްޔިތުންނަށް އެނގުނީ
ދެނެވެ. އެހެނީ މި ތަޙުޤީގު ނިމުނުއިރު ކަންކުރި މީހުން ތިބީ ކައިފި އެއްޗަކާ ބޭރިވެސް ނުވާ ފަދައިންނެވެ. ނަން ވާނީ
އަބަދުވެސް ހައިވަކަރު އޮޑިކަމުން، މިފަހަރު ވެސް މުގުލުގައި
ތިބީ އެހެންޏާ މިޒާތުގެ ކަންކަން ކުރުވުމުގައި ވެސް ތިބޭ މީހުންކަމަށް
ބުނެވެއެވެ. އަނިޔާ ލިބުނީ ކަމާއި ނުބެހޭ މީހުންނަށެވެ. އެ މީހުން ކަން ނުވެ ނަންވީއެވެ.
އަޑިގަނޑަކަށް
ފަހު އުސް ގަނޑެއް އަންނާނެއޭ ބުނާ އުސޫލުން އާ
ހިތްވަރަކާއެކު ތިނަދޫގެ ރައްޔިތުން އަވަސް ވެގަތީ
ވެހޭއިރު ފެންނެގުމަށް ސަރުކާރާއި
ގުޅިގެން ތިނަދުއަށް ލިބުނު ގެއްލުން ފޫބެއްދުމުގެ މަސައްކަތަށެވެ. ވަރުހުންނާނީ ވަނާޖްބޭސައަކު ނޫނެވެ. ފައިސާގައި ކަމަށް
ވާތ، ރަށުގެ ތަރައްޤީއަށް ޓަކައި ބަނޑަށްވިއްޔާ ބަނޑަށް ފަދައިން މަސައްކަތް ފަށައިގަތް
އިރަކު އިނދިކޮޅަށް އަޑުއުފުލާނެ އެކަކުވެސް ރަށަކު ނެތެވެ. ހުރިހާ މަހެއް ދިޔައީ ފެންއޮތް ތަނާއި ދިމާލަށެވެ.
ތިނަދޫގައި ތިބި ހަރު
ކުލައިގެ މީހުން އިސްވެތިބެ ހުޅުޖެހި އިމާރާތްތައް އާރާސްތު ކުރުމުގެ މަސައްކަތް
ފެށުނުއިރު، ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން އެކިއެކި
ފަރާތްތަކުން އެހީ ލިބެން ފެށިއެވެ. މަސައްކަތް ކުރަމުން ދިޔައީ އެއްރޮއްޖަކަށް ފޫގަޅައިގެންތިބެ، ވަރަށް ހަލުވި
ކަމާއެކުގައެވެ. ނަމަވެސް އެ އަސަރު އަދި އަދަށް ދާންދެން ވެސް ތިނަދޫގެ ބިމުން
ފެންނަމުން ދެއެވެ
މި ދުވަހަކީ މީރު
ފެން ފަށަލައެއް ލިބިފައިވާ ތިނަދޫ
ރައްޔިތުންގެ ރީތި ނަމަށް ކޮންމެވެސް މިންވަރެއްގެ ކިލަނބު ކަމެއް އައި
ކަމަކަށެވެ. ކޮންމެ ގޮތަކަށް މިކަން ސިފަކުރިޔަސް
އެންމެނަށް އެނގޭހާ ވެސް ކަމަކީ
ތިނަދޫގެ ތާރީޚީ ޞަފުޙާތަކުގެ ތެރެއިން ޞަފުޙާ އެއްގައި "ތިނަދޫގައި
ހުޅުޖެހި ޙާދިޘާ" ކަޅު ދުވަހެއްގެ ގޮތުގައި ފެވިފައި ވާނެކަމެވެ.
No comments:
Post a Comment