Friday, September 17, 2021

 

ނޭނގިނުތިބެމާހޭ

ފުރަތަމަ މަންޒަރު:

އެނދުރުގެއްގައި އެނދުރު ދައިތަ ކުދިންނަށް ވޮށިފިލާ އަޅަންއިންދައި ފިލާ ހިފައިގެން ތިންކުދިން އެނދުރުގެއަށް ކިޔަވަން އައިސް ކިޔަވައި ވޮށިފިލާ ކިޔުމުގައި ބައިވެރިވުން

ބޭނުންވާ ތަކެތި:

 ވޮށިފިލައެއް.

 ދޮންވެލި ކޮޅެއް

 އިލޮށިކޮޅެއް

  3 ފިލާ

 ދަނޑިކޮޅެއް ( ގާތްގަނޑަކަށް އެއް ފޫޓްހުންނަވަރުގެ)

 ޑެސްކަކާއި ގޮޑިއެއް

މީހުން: އެނދުރު ދައިތަ. ފިލާހިފައިގެން ވޮށިފިލާކިޔަން އަންނަ ތިންކުދިން.

......................................................................................................

އެނދުރު ދައިތަ ވޮށިފިލާ އުނގުމަތީގައި ބަހައްޓައިގެން ވޮށިފިލާ ފުހެލަ ފުހެލާ އިނުން.

3 ކުދިން ފިލާ ހިފައިގެން އައުން

ކުދިން: އައްސަލާމް ޢަލައިކުމް  ( ތިންކުދިން އެއްފަހަރާ)

އެނދުރުދައިތަ: ވަޢަލައިކުމުއްސަލާމް. އަވަހަށް އާދޭ މިހާރު މާބޮޑަށް  ލަސް ވެސް ވެއްޖެ. އިއްޔެ ލިޔެދިން ފިލާ ދަސްވެއްޖެތަ!

ކުދިން: ލައްބަ އެނދުރު ދައިތާ.

އެނދުރު ދައިތަ: އެހެން ވިއްޔާ ހިނގާބަލަ ފިލާ ކިޔައިލަމާ

( ފަހަރަކު ކުއްޖަކު ކުރިއަށްޖެހިލާފައި ފިލާ ކިޔައިދިނުން- އެންމެފަހުން އަންނަ ކުއްޖާ ފިލާ ދަސްނުވާނެ)

ކުއްޖާ: ( ކުޑަކޮށް ރޮވޭގޮތް ދައްކަމުން) އަޅުގަނޑުގެ ފިލާ ދަހެއްނުވޭ.

އެނދުރު ދައިތަ: ( ހަމަޖެހިލާފައި) ދަސްނުވެޔޭ. ކީއްވެތަ ދަސްނުކުރީ؟

ކުއްޖާ: ލިޔެފައިހުރި އެއްޗެއް ކިޔަންނޭގުނީ. މަންމައަށް ވެސް ނޭގޭ ކިޔާކަށް. އެހެންވެ ދަސްނުވީ.

އެނދުރުދައިތަ: (ބޯޖަހަލަމުން) އެހެންދޯ މިވީ. ދެން ހިނގާ ވޮށިފިލާ އަޅަން.

ކުދިން: ( އެނދުރު ދައިތަ ކުރިމައްޗަށް އައިސް ހުއްޓި ހަށަމްބަނުން)

އެދުރު ދައިތަ: ( އިސްޖަހާލައިގެން އިނދެ) ވޮށިފިލާ އެޅަން ފެށުން.

 (رُ بَ عٍ بِ نْ بِ نَ قَ مْ ) ( يَفُــــقَــــــهُـــــــــوْنَ قَـــــــوْلأ)  " ވަޑަދީދީ ގަތަގުންޑަން" " ހަނޑަހުން ގުންތަރަ ގުންޑަން"  (ކޮންމެ ބައެއް ވޮށިފިލާގައި ލިޔަމުން ކިޔައިދިނުން- ދަރިވަރުން ކިޔާތޯ ނުކިޔާތޯ ނުބަލާ އަވަސް އަވަހަށް ވޮށިފިލާ ފުހެލުން)

ކުދިން: ވަރަށް ކޮށިކޮށް ވޮށިފިލާ ކިޔުން. ( އެއްކުއްޖަކަށް އެއްގޮތަކަށް ވެސް ކިޔަން ނޭނގުން)

އެނދުރު ދައިތަ: (ހިތްހަމަނުޖެހިފައި) ތިހެން އަބަދު ފިލާ ދަސްނޮކޮށް ވޮށިފިލާގައި ލިޔާއެއްޗެއް ނުކިޔާ ކިޔެވުމަށް ފަރުވާ ކުޑަކުރާނަމަ ދުވަހަކު ވެސް ލިޔަން ކިޔަން ނޭގޭނެ. ލިޔަން ކިޔަން ނޭގުމަށް ވުރެ ވަކިން ދެރަކަމެއް އޮންނާނެތަ. އެނދުރު ދައިތަ ތަންކކޮޅެއްބާރަށް ވޮށިފިލާގައި ލިޔުނު އަކުރުތައް ކަލިމަތައް ކިޔައިދިނުން.

އެނދުރު ދައިތަ: މާދަމާ އަންނަންވަނީ ފިލާވަޅުތައް ދަސްކޮށްގެން ކަމަށް ބުނެ ވޮށިފިލާ އެޅުން ނިންމާލައިފައި ކުދިން ގެއަށް ފޮނުވާލުން.

................................................................................................

ދެވަނަ މަންޒަރު

3 އެކުވެރިން ހީ ހީ ފައި ވަރަށް އޮލަވާހަކައެއްގައި ތިބޭ މަންޒަރު

ހަސަންފުޅު: ( ބާރަށް ހީގަންނަމުން އަނެއްދެކުދިންގެ ތެރެއިން ކުއްޖަކަށް އިޝާރާތްކޮށްފައި) ހުސްނީ ރަންކޮޅާ އިހަށް ދުވަހު ވަރަށް މަޖާ ކަމަކާއި ދިމާވިއޭ

ހުސްނީ: އެއީ އަނެއްކާ ކޮންކަމެއްބާ!

ހަސަންފުޅު: މިއުޅެނީ އެއްނު އުތުރުގޭ ދޮހޮއްކު ބެ. ހުސްނީ ދަންނަންތަ އޭނަ.

އިބުރާހިމްބެއަށް އެގޭނެ

އިބުރާހިމްބެ: (ބޯޖަހާލަމުން) އާނ. ދަންނަން. އަނެއްކާ ދޮހޮއްކުބެ ކީއްކުރީ.

ހަސަންފުޅު: ( ހެމުންހެމުން) ކީތްހޭވީ؟ ހޫ..... މަޑުކޮށްބަލަ. ދޮހޮއްކުބެ ގޯތިމީހުންނާއެކު މޫދަށް ގޮސް އުޅެނިކޮށް މޫދުން ކޮންމެއެއްޗެއް ދޮހޮއްކުބެގެ ފަޔަށް ކަށިޖެހީޔޯ.

ހުސްނީ: ( ވަރަށް އަޑުއަހާހިތުން ކަހަލަ ގޮތްދައްކަމުން) ދެންކިހިނެއްވީ؟

ހަސަންފުޅު: ދެންވާނީ ކިހިނެއް؟ ދެންދިޔައީ ސެންޓަރަށް. އެތަނުން ޑަކްޓަރު ބައްލަވާފައި ދެއްވީ ބޯ ބޭހަކާއި އުނގުޅާ ބޭހެއް.

އިބުރާހިމްބެ: (ވަރަށް ކެތްމަދުވެފައި) އަދިވެސް ވީގޮތެއް ނުބުނަމެއްނުން.

ހަސަންފުޅު: ބޭސް ނަގަން ދިޔައީ ދޮހޮއްކުބޭގެ އަންހެނުން ދަލޭކަދައިތަ. ދައިތައަކީ ލިޔަންކިޔަން ދަންނަމީހެއްނޫން. ބޭސްބޭނުންކުރާގޮތް ހަނދާންނެތިދާނެތީ ގެއާއިހަމައަށް ދެވެންދެން ބަންޖެއްހެން ކިޔަމުން ގޮވެލިފައްޗެއް ހެންގޮވަމުން ދިޔައީ ބޭސް ބޭނުންކުރަންޖެހޭގޮތް.

ގެއާހަމައަށް ދެވުނުއިރު ދަލޭކަ ދައިތަ ގޮވަމުން ދިޔައީ " އުނގުޅާ ބޭސް، ބޯ އުނގުޅާ" " އުނގުޅާ ބޯ، ބޯ އުނގުޅާ"

ހުސްނީ: ދެން ދެނޯ.

ހަސަންފުޅު: ދެންވާނީ ކިހިނެއް! އުނގުޅަން ދިން ބޭސް  ދޮހޮއްކުބެއަށް ބޯންދީފައި ބޯންދިން ބޭސް ދޮހޮއްކުބޭގެ ބޮލުގައާއި މުޅި ގައިގައި އުނގުޅީ. ދެން ދޮހޮއްކުބެ ޚަބަރު ހުސްވެ އަނެއްކާ ސެންޓަރަށް ދާންޖެހުނީ. ދޮހޮއްކުބެ ކިރިޔާ މަރުނުވީ.

ތިންމީހުން: ( އެއްފަހަރާ އެއް އަޑަކުން އުނގުޅާ ބޭސް ބޯ އުނގުޅާ)

ހުސްނީ: ވަރަށް ދެރަވެފައި އަސްލުވެސް ތިޔަހެން ވެދާނެ ލިޔަން ކިޔަންނޭގެންޏާ. ނޭގުމަށްވުރެ ވަކިން ދެރަކަމެއް ނޯއްނާނެ. އެހެން ވީމައޭ މަންމަގެ އުނގުން ފެށިގެން ކަށްވަޅާއި ހަމައަށް ވެސް ލިޔަން ކިޔަން ދަސްކުރަންވީ.

ހަސަންފުޅު: މިހާރުދެން ތިހުރިހާކަމެއް ނުކުރެވޭނެ. މީ 21 ވަނަ ގަރުނެއްނުން. މިޒަމާނުގަ ކޮންޕިއުޓަރުން ތި ހުރިހާކަމެއް ވެސް ކުރެވޭނެ.

އިބުރާހިމްބެ: ނޫން. ނޫން. ތިކަމަކާ އަހަރެން މުޅިން އެއްބަހެއް ނުވެވޭނެ. ކޮންޕިއުޓަރާއި ހަމައަށް ދެވޭނީ ވެސް އަދި ލިޔަންކިޔަން ވަކިވަރަކަށް އެނގިގެން. އެހެންކަމުން ތިވިސްނުން އަދި ރަނގަޅެއްނޫން. ރަނގަޅު ވާހަކައެއް. އަހަރެން ވެސް ގަބޫލުކުރަން ލިޔަންކިޔަން ތަދުމުގެ ތެރެއަށް މިހާރު ތިހުރިހާ ބައެއް ވެސް ވަދެގެންދާނެކަމަށް. އެހެވިޔަސް އެންމެ ފުރަތަމަކަމަކީ ލިޔަންކިޔަން ދަސްކުރުން.

ތިންކުދިން އެއްކޮށް. ދެންހިނގާ ގެއަށްދާން. މިހާރުދެން ނަމާދު ގަޑި ވެސް އެއޮތް ކައިރިވަނީނުން.

ނިންމާލުން:

ކުލާސް ކުދިންގެ ތެރެއިން " ކޮޔާ ގުރޫޕެއް" ނެގުމަށްފަހު " ނޭނގިނުތިބެމާހޭ މިތުރުނޭ އުނގެނެމާހޭ" މިލަވަ ކިޔުން ( ލަވައިގެ ރެކޯޑިންގ އަޑުއިއްވައި އަޑުދަށުން)


neygi nuthibemaahey





No comments:

Post a Comment