Friday, October 15, 2021

 




c

މާތްވެގެންވާ އިސްލާމްދީނަކީ، މިނިވަންކަމާއި އިންސާނީ ކަރާމަތުގެ ދީން ކަމުގައި ލެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. އެ މާތް ދީނާއިގެން ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި، ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި  މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހ

އާދެ ރަބީޢުލް އައްވަލުމަހަކީ އެތައްގޮތަކުން އަޅުގަނޑުމެންނަށް ޚާއްސަވެގެންވާ މައްސަރެއް. އަޅުގަނޑުގެ ވާހަކަ ފަށައިގަންނަމުން ވެސް ފާހަގަކުރި ފަދައިން އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އެމަހެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ވެސް ރަބީޢުލްއައްވަލުމަހެއްގައި. ހަމައެހެންމެ އަޅުގަނޑުމެން އެހިޔާވައްސެއްގެ ދަށުން ތަޢުލީމާއި ތަރުބިއްޔަތު ލިބިގަންނަމުން މިދާ ސުކޫލް، އެބޭފުޅަކަށް ނިސްބަތްވާ ޣާޒީ ރަދުން، މިޤައުމު، ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކޮށްދެއްވި ތާރީޚީ ދުވަސް ވެސް ގުޅިގެންދަނީ ރަބީޢުލް އައްވަލުމަހާއި. އާދެ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަކުރަމުން ދަނީ ވެސް އެދުވާހާ ގުޅުވައިގެން މި މަހުގައި. އަޅުގަނޑު މިއަދު ވާހަކަ ދައްކަން ހަމަޖެހިފައި މިވަނީ ވެސް ޤައުމީ ދުވަހާ ބެހޭގޮތުން.

ޝައްކެއް ވެސް ނެތް. ޤައުމީ ދުވަހަކީ ވަރަށް ތާރީޚީ ދުވަހެއް. ޕޯޗުގީޒުން ދިވެހިރާއްޖޭގެ ވެރިކަން ފޭރިގަނެގެން ވަރަށް އަނިޔާވެރިގޮތަކަށް އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނެތިކޮށް، އެބައިމީހުންގެ އަޅުވެތި ކަމުގައި ދިވެހި ޤައުމު ވަނިކޮށް ދިވެހިންގެ މި ލޮބުވެތި ވަޠަން އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވި ދުވަސް. އާދެ. ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަސް.

ޕޯޗްގީޒުންގެ 17 އަހަރުގެ އަނިޔާވެރި، ވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި ޖާނާއިމާލުން ޤުރުބާންވެ ވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ލަޝްކަރުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އުތީމު ތިންބެއިންނާއި ދެހާޖީން، އަދި ދުވާފަރު ދަންޑަހެލު ހިމެނޭ. ކަޅުއޮށްފުންމި ނަމަކަށް ކިޔާ އަނގަމަތި މަސްއޮޑިއެއްގައި ދޭހާ އަތްވަކަށް، ވެހޭހާ ވާރެއަކަށް، ޖެހޭހާ ވަޔަކަށް ބެއްލެވުމެއްނެތި އިޚުލާސްތެރިކަމާއެކު ކުރެއްވި މަތިވެރި ޖިހާދު ވެގެންދިޔައީ ދިވެހި ލަޝްކަރަށް ނަސްރާއި ފަތަޙަ ލިބިގެންދިޔަ ޖިހާދަކަށް. ހިޖުރައިން 981 ( ނުވަސަތޭކަ އަށްޑިހަ އެއް ވަނަ އަހަރު)ގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ ގެއްލިފައިވާ ދިވެހި ޤައުމުގެ ވެރިކަމާއި، މިނިވަންކަމާއި އިސްލާމްދީން ޙިމާޔަތްކުރެވިގެން ދިޔަ ދުވަހަށް.

އެހެންކަމުން ދިވެހި ޤައުމު ދެމިއޮތްހާ ހިނދަކު އެބޭފުޅެއްގެ ޛިކުރާ މި ފަސްގަނޑުން ފަނޑުވުމެއްނެތި އާވެއާލާވެ ހުންނަ ޣާޒީރަދުންގެ މަތިވެރިޖިހާދުން ހިތްވަރު ލިބިގެން އަޅުގަނޑުމެން ކޮންމެ ދަރިވަރަކީ ވެސް މި ޤައުމު ޙިމާޔަތްކުރެވޭފަދަ ހިތްވަރުގަދަ ދަރިއަކަށް ވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އަޒުމް.  ޚާއްޞަކޮށް ޣާޒީސުކޫލުން ތަޢުލީމު ޙާޞިލުކުރާ ކޮންމެ ދަރިވަރަކީ ވެސް ޣާޒީރަދުންފަދައިން ޤައުމުދެކެލޯބިވާ ދިވެހި ޤައުމާއި އިސްލާމްދީނުގެ ޙައްޤުގައި ޤުރުބާންވާންކެރޭ ހިތްވަރުގަދަ ޢަޒުމްވަރުގަދަ ދަރިވަރަކަށް ވުމަކީ އަޅުގަނޑުމެންގެ އަމާޒުކަމުގައި ހަދަމާތޯ؟

މި މަޢުޟޫއަށް ދައްކަންޖެހޭ ވާހަކަތައް ކިތަންމެހާ ވެސް ގިނަ. އެހެންނަމަވެސް މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެހުރިހާވާހަކަތަކެއް ނުދެއްކޭނެތީ މިހާ ހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

އަޅުގަނޑު އެދެނީ ޣާޒީސުކޫލުން ތަޢުލީމާއި ތަރިބިއްޔަތު ލިބިގެން މިޖުތަމަޢަށް ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް ޣާޒީރަދުން ފަދައިން މި ޤައުމުދެކެ ލޯބިވާ ޤައުމަށް ދިމާވެދާނެ އެންމެހައި ނުރައްކާތަކަށް ސަމާލުވެތިބެ  ސަލާމަތުގެ އައްސޭރިއަކަށް މިޤައުމު ގެންގޮސްދޭނެ ހިތްވަރުގަދަ ބަޠަލުންތަކަކަށް ވެގެންދިއުން. ނިންމާލަމުން ވެސް އަޅުގަނޑު ދަންނަވާނީ

               "އަހަރެންގެ މޭ ގައުމަށްޓަކާ އައްޑަނައަކަށް ދިއްކޮށްލުމީ

ފަހުނޭވަޔަށް ދާންދެން މޮޓޯ ކަމުގައި ހިޔާރު ކުރާނަމޭ"

އަޅުގަނޑުގެ ވާހަކަކޮޅު އަޑުއެއްސެވީތީ ތި ހުރިހާފަރާތްތަކަށް ޝުކުރު ދަންނަވަން. ބާއްޖަވެރި ދުވަހަކަށް އެދެން.

ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހ.

 

 

 

 

No comments:

Post a Comment