Friday, September 17, 2021

 

ލިޔަން ކިޔަން ދަތުމަކީ ޢިލްމު އުނގެނުމުގެ ބިންގަލެވެ.

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ބަވަނަ ވެފައިވާ ދުނިޔޭގެ ކަންކޮޅުތަކުގައި ލިޔަންކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައަޅައިފައިވަނީ މީގެ 55 އަހަރު ކުރިންނެވެ. އެއީ 17 ނޮވެމްބަރ 1965 ގައެވެ. ލިޔަންކިޔަން ދަތުމުގެ ދުވަހެއް ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ލިޔަންކިޔަން ދަތުމުގެ މުހިއްމުކަން އަންގައިދިނުމާއެކު މުޅި މުޖުތަމަޢު އެކަމަށް ހޭލުންތެރިކުރުވައި ސަމާލުކުރުވުމެވެ.

އުނގެނުމަކީ ނުވަތަ ލިޔަންކިޔަން ދަތުމަކީ މުޅިޙަޔާތް އޭގެމައްޗަށް ބިނާވާ އުނގެނުމުގެ ބިންގަލެވެ. އެއީ އިންސާނާ ދުނިޔެއަށް ލޯ ހުޅުވައިދޭ ދުރުމިއެވެ. ޢިލްމުގެ ދޮރޯއްޓެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ކަންކޮޅުތަކުގައި "ލިޔަންކިޔަން ދަތުމުގެ ދުވަސް" މި ނަމުގައި ދުވަހެއް ފާހަގަކުރަމުންދާއިރު ލިޔަންކިޔަން ދަތުމުގެ މާނައަށް ބަލައިލުމަކީ ވެސް ނުހަނު ބޭނުންތެރިކަމެކެވެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ލިޔަންކިޔަން އެނގުމަކީ ލިޔެފައި ހުންނަ އެއްޗެހި ކިޔަންއެނގުމާއި ބުނަން ބޭނުންވާ އެއްޗެހި ލިޔަން އެނގުމެވެ. އެހެންނަމަވެސް މިއީ މިއަށްވުރެ މާ ފުޅާމާނައެއްގައި މާނަކުރެވިދާނެ އަދި މާނަކުރަންޖެހިފައިވާ ކަމެކެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ލިޓްރެސީ ނުވަތަ ލިޔަންކިޔަން ދަތުން ވަނީ ތަފާތުގޮތްގޮތަށް މާނަކުރެވި ތަރައްޤީ ކުރެވިފައެވެ. ޢާންމުގޮތެއްގައި ލިޔަންކިޔަން ދަތުން މާނަކުރެވިފައިވަނީ ތިމާގެ މާދަރީބަހުން ކޮންމެވެސް ވަރަކަށް ލިޔަންކިޔަން އެނގުމާއެކު ހިސާބުގެ އަދަދުތައް ވެސް ކަނޑައެޅިފައިވާ މިންވަރަކަށް ލިޔާށާއި ގުނަން އެނގުމަށެވެ. މީގެ އިތުރުން ޢާންމު ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު އޮޅުންފިލާފައި ހުރުމަށެވެ. ނަމަވެސް ލިޔަންކިޔަން ދަތުމުގެ މި މިންވަރުން މިހާރު ފުއްދައިލެވޭތޯ މިއީ މިއަދު ވިސްނައިލަން ޖެހޭ ކަމެކެވެ.

މައިކްރޯ ސޮފްޓް ކޮމްޕެނީ އިސްވެރިޔާ ( ބިލްގޭޓްސް- 1994) ވަނަ އަހަރު ވިދާޅުވެފައިވަނީ " މަޢުލޫމާތު ވަނީ އިނގިލިކުރިއާއި ހިސާބަށް" ގެނެވިފައިކަމަށެވެ. މި ބަހުގެ ޙަޤީޤީ މަފުހޫމަށް ވިސްނާލުމުން ލިޔަންކިޔަން ދަތުމުގެ ތެރެއަށް ޑިޖިޓަލް ލިޓްރެސީގެ މުހިންމުކަން ހާމަވެގެންދެއެވެ. އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ ބޭނުންކުރަން އެނގުން މިވަނީ ލިޔަންކިޔަން ދަތުމާއި އެއްވަރުގެ ކަމަކަށް ބެލެވިފައެވެ. ސަބަބަކީ މިޒަމާނުގައި ޓެކޮނޮލޮޖީއާ ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސެން ނެތުމުންނެވެ. ޓެކްނޮލޮޖީގެ ލިޔެކިޔުން އެނގުމަކީ އެއްޗެއް ލިޔެ ކިޔަން ދަސްކުރުމަށް ވުރެ ގިނަ ކަންތައްތަކެއް އޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އޭގޭ ބޭނުންކުރުމުގެ މިންތަކެއް، ހުދޫދުތަކެއް، އިންތަކެއް، އަޚުލާޤިއްޔާތުތަކެއް، އަދި އުސޫލުތަކެއް ދަސްކޮށް އެއަށް ފަރިތަވުމަކީ ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ލިޔެކިޔުން އެނގުން ކަމުގައި ( ޑރ. އާމިނަތު ޝާފިޔާއާދަމް -2020) ހާމަކުރައްވައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ތަފާތުކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެމީހަކަށް ލިބިދޭ ހިނދު ލިޔަންކިޔަން ދަތުމުގެ ތެރެއަށް، އެސިސްޓިވް ޓެކްނޮލޮޖީއާއި އިޝާރާތުގެ ބަސް ނުވަތަ ސައިންލެންގުއޭޖް އަދި ބްރެއިލް ފަދަ ވަސީލަތްތައް ވެސް އެބައާދެއެވެ. މީގެ ކޮންމެ އާލާތަކީ ވެސް 21 ވަނަ ގަރުނުގައި ލިޔެކިޔުމާއި އެކަކުއަނެކަކާއި މުޢާމަލާތުކުރުމަށް  ބޭނުންކުރާ އާލާތެއް ކަމުން މީގެ ބޭނުންކުރާނޭގޮތް ދަސްކޮށްދިނުމަކީ ވެސް ލިޔަންކިޔަން ދަސްކޮށްދިނުން ކަމުގައި ބެލެވެއެވެ. އެހެންކަމުން ލިޔަންކިޔަން ދަތުމުގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާއިރު މި ބަޔާންކުރެވުނު ކަންކަމުގެ މަތިން ހަނދާންކޮށްލުމަކީ ނުހަނު މުހިންމުކަމެއްކަމުގައި ދެކެމެވެ.

No comments:

Post a Comment