Friday, September 17, 2021

 

ނޭނގިނުތިބެމާހޭ

ފުރަތަމަ މަންޒަރު:

އެނދުރުގެއްގައި އެނދުރު ދައިތަ ކުދިންނަށް ވޮށިފިލާ އަޅަންއިންދައި ފިލާ ހިފައިގެން ތިންކުދިން އެނދުރުގެއަށް ކިޔަވަން އައިސް ކިޔަވައި ވޮށިފިލާ ކިޔުމުގައި ބައިވެރިވުން

ބޭނުންވާ ތަކެތި:

 ވޮށިފިލައެއް.

 ދޮންވެލި ކޮޅެއް

 އިލޮށިކޮޅެއް

  3 ފިލާ

 ދަނޑިކޮޅެއް ( ގާތްގަނޑަކަށް އެއް ފޫޓްހުންނަވަރުގެ)

 ޑެސްކަކާއި ގޮޑިއެއް

މީހުން: އެނދުރު ދައިތަ. ފިލާހިފައިގެން ވޮށިފިލާކިޔަން އަންނަ ތިންކުދިން.

......................................................................................................

އެނދުރު ދައިތަ ވޮށިފިލާ އުނގުމަތީގައި ބަހައްޓައިގެން ވޮށިފިލާ ފުހެލަ ފުހެލާ އިނުން.

3 ކުދިން ފިލާ ހިފައިގެން އައުން

ކުދިން: އައްސަލާމް ޢަލައިކުމް  ( ތިންކުދިން އެއްފަހަރާ)

އެނދުރުދައިތަ: ވަޢަލައިކުމުއްސަލާމް. އަވަހަށް އާދޭ މިހާރު މާބޮޑަށް  ލަސް ވެސް ވެއްޖެ. އިއްޔެ ލިޔެދިން ފިލާ ދަސްވެއްޖެތަ!

ކުދިން: ލައްބަ އެނދުރު ދައިތާ.

އެނދުރު ދައިތަ: އެހެން ވިއްޔާ ހިނގާބަލަ ފިލާ ކިޔައިލަމާ

( ފަހަރަކު ކުއްޖަކު ކުރިއަށްޖެހިލާފައި ފިލާ ކިޔައިދިނުން- އެންމެފަހުން އަންނަ ކުއްޖާ ފިލާ ދަސްނުވާނެ)

ކުއްޖާ: ( ކުޑަކޮށް ރޮވޭގޮތް ދައްކަމުން) އަޅުގަނޑުގެ ފިލާ ދަހެއްނުވޭ.

އެނދުރު ދައިތަ: ( ހަމަޖެހިލާފައި) ދަސްނުވެޔޭ. ކީއްވެތަ ދަސްނުކުރީ؟

ކުއްޖާ: ލިޔެފައިހުރި އެއްޗެއް ކިޔަންނޭގުނީ. މަންމައަށް ވެސް ނޭގޭ ކިޔާކަށް. އެހެންވެ ދަސްނުވީ.

އެނދުރުދައިތަ: (ބޯޖަހަލަމުން) އެހެންދޯ މިވީ. ދެން ހިނގާ ވޮށިފިލާ އަޅަން.

ކުދިން: ( އެނދުރު ދައިތަ ކުރިމައްޗަށް އައިސް ހުއްޓި ހަށަމްބަނުން)

އެދުރު ދައިތަ: ( އިސްޖަހާލައިގެން އިނދެ) ވޮށިފިލާ އެޅަން ފެށުން.

 (رُ بَ عٍ بِ نْ بِ نَ قَ مْ ) ( يَفُــــقَــــــهُـــــــــوْنَ قَـــــــوْلأ)  " ވަޑަދީދީ ގަތަގުންޑަން" " ހަނޑަހުން ގުންތަރަ ގުންޑަން"  (ކޮންމެ ބައެއް ވޮށިފިލާގައި ލިޔަމުން ކިޔައިދިނުން- ދަރިވަރުން ކިޔާތޯ ނުކިޔާތޯ ނުބަލާ އަވަސް އަވަހަށް ވޮށިފިލާ ފުހެލުން)

ކުދިން: ވަރަށް ކޮށިކޮށް ވޮށިފިލާ ކިޔުން. ( އެއްކުއްޖަކަށް އެއްގޮތަކަށް ވެސް ކިޔަން ނޭނގުން)

އެނދުރު ދައިތަ: (ހިތްހަމަނުޖެހިފައި) ތިހެން އަބަދު ފިލާ ދަސްނޮކޮށް ވޮށިފިލާގައި ލިޔާއެއްޗެއް ނުކިޔާ ކިޔެވުމަށް ފަރުވާ ކުޑަކުރާނަމަ ދުވަހަކު ވެސް ލިޔަން ކިޔަން ނޭގޭނެ. ލިޔަން ކިޔަން ނޭގުމަށް ވުރެ ވަކިން ދެރަކަމެއް އޮންނާނެތަ. އެނދުރު ދައިތަ ތަންކކޮޅެއްބާރަށް ވޮށިފިލާގައި ލިޔުނު އަކުރުތައް ކަލިމަތައް ކިޔައިދިނުން.

އެނދުރު ދައިތަ: މާދަމާ އަންނަންވަނީ ފިލާވަޅުތައް ދަސްކޮށްގެން ކަމަށް ބުނެ ވޮށިފިލާ އެޅުން ނިންމާލައިފައި ކުދިން ގެއަށް ފޮނުވާލުން.

................................................................................................

ދެވަނަ މަންޒަރު

3 އެކުވެރިން ހީ ހީ ފައި ވަރަށް އޮލަވާހަކައެއްގައި ތިބޭ މަންޒަރު

ހަސަންފުޅު: ( ބާރަށް ހީގަންނަމުން އަނެއްދެކުދިންގެ ތެރެއިން ކުއްޖަކަށް އިޝާރާތްކޮށްފައި) ހުސްނީ ރަންކޮޅާ އިހަށް ދުވަހު ވަރަށް މަޖާ ކަމަކާއި ދިމާވިއޭ

ހުސްނީ: އެއީ އަނެއްކާ ކޮންކަމެއްބާ!

ހަސަންފުޅު: މިއުޅެނީ އެއްނު އުތުރުގޭ ދޮހޮއްކު ބެ. ހުސްނީ ދަންނަންތަ އޭނަ.

އިބުރާހިމްބެއަށް އެގޭނެ

އިބުރާހިމްބެ: (ބޯޖަހާލަމުން) އާނ. ދަންނަން. އަނެއްކާ ދޮހޮއްކުބެ ކީއްކުރީ.

ހަސަންފުޅު: ( ހެމުންހެމުން) ކީތްހޭވީ؟ ހޫ..... މަޑުކޮށްބަލަ. ދޮހޮއްކުބެ ގޯތިމީހުންނާއެކު މޫދަށް ގޮސް އުޅެނިކޮށް މޫދުން ކޮންމެއެއްޗެއް ދޮހޮއްކުބެގެ ފަޔަށް ކަށިޖެހީޔޯ.

ހުސްނީ: ( ވަރަށް އަޑުއަހާހިތުން ކަހަލަ ގޮތްދައްކަމުން) ދެންކިހިނެއްވީ؟

ހަސަންފުޅު: ދެންވާނީ ކިހިނެއް؟ ދެންދިޔައީ ސެންޓަރަށް. އެތަނުން ޑަކްޓަރު ބައްލަވާފައި ދެއްވީ ބޯ ބޭހަކާއި އުނގުޅާ ބޭހެއް.

އިބުރާހިމްބެ: (ވަރަށް ކެތްމަދުވެފައި) އަދިވެސް ވީގޮތެއް ނުބުނަމެއްނުން.

ހަސަންފުޅު: ބޭސް ނަގަން ދިޔައީ ދޮހޮއްކުބޭގެ އަންހެނުން ދަލޭކަދައިތަ. ދައިތައަކީ ލިޔަންކިޔަން ދަންނަމީހެއްނޫން. ބޭސްބޭނުންކުރާގޮތް ހަނދާންނެތިދާނެތީ ގެއާއިހަމައަށް ދެވެންދެން ބަންޖެއްހެން ކިޔަމުން ގޮވެލިފައްޗެއް ހެންގޮވަމުން ދިޔައީ ބޭސް ބޭނުންކުރަންޖެހޭގޮތް.

ގެއާހަމައަށް ދެވުނުއިރު ދަލޭކަ ދައިތަ ގޮވަމުން ދިޔައީ " އުނގުޅާ ބޭސް، ބޯ އުނގުޅާ" " އުނގުޅާ ބޯ، ބޯ އުނގުޅާ"

ހުސްނީ: ދެން ދެނޯ.

ހަސަންފުޅު: ދެންވާނީ ކިހިނެއް! އުނގުޅަން ދިން ބޭސް  ދޮހޮއްކުބެއަށް ބޯންދީފައި ބޯންދިން ބޭސް ދޮހޮއްކުބޭގެ ބޮލުގައާއި މުޅި ގައިގައި އުނގުޅީ. ދެން ދޮހޮއްކުބެ ޚަބަރު ހުސްވެ އަނެއްކާ ސެންޓަރަށް ދާންޖެހުނީ. ދޮހޮއްކުބެ ކިރިޔާ މަރުނުވީ.

ތިންމީހުން: ( އެއްފަހަރާ އެއް އަޑަކުން އުނގުޅާ ބޭސް ބޯ އުނގުޅާ)

ހުސްނީ: ވަރަށް ދެރަވެފައި އަސްލުވެސް ތިޔަހެން ވެދާނެ ލިޔަން ކިޔަންނޭގެންޏާ. ނޭގުމަށްވުރެ ވަކިން ދެރަކަމެއް ނޯއްނާނެ. އެހެން ވީމައޭ މަންމަގެ އުނގުން ފެށިގެން ކަށްވަޅާއި ހަމައަށް ވެސް ލިޔަން ކިޔަން ދަސްކުރަންވީ.

ހަސަންފުޅު: މިހާރުދެން ތިހުރިހާކަމެއް ނުކުރެވޭނެ. މީ 21 ވަނަ ގަރުނެއްނުން. މިޒަމާނުގަ ކޮންޕިއުޓަރުން ތި ހުރިހާކަމެއް ވެސް ކުރެވޭނެ.

އިބުރާހިމްބެ: ނޫން. ނޫން. ތިކަމަކާ އަހަރެން މުޅިން އެއްބަހެއް ނުވެވޭނެ. ކޮންޕިއުޓަރާއި ހަމައަށް ދެވޭނީ ވެސް އަދި ލިޔަންކިޔަން ވަކިވަރަކަށް އެނގިގެން. އެހެންކަމުން ތިވިސްނުން އަދި ރަނގަޅެއްނޫން. ރަނގަޅު ވާހަކައެއް. އަހަރެން ވެސް ގަބޫލުކުރަން ލިޔަންކިޔަން ތަދުމުގެ ތެރެއަށް މިހާރު ތިހުރިހާ ބައެއް ވެސް ވަދެގެންދާނެކަމަށް. އެހެވިޔަސް އެންމެ ފުރަތަމަކަމަކީ ލިޔަންކިޔަން ދަސްކުރުން.

ތިންކުދިން އެއްކޮށް. ދެންހިނގާ ގެއަށްދާން. މިހާރުދެން ނަމާދު ގަޑި ވެސް އެއޮތް ކައިރިވަނީނުން.

ނިންމާލުން:

ކުލާސް ކުދިންގެ ތެރެއިން " ކޮޔާ ގުރޫޕެއް" ނެގުމަށްފަހު " ނޭނގިނުތިބެމާހޭ މިތުރުނޭ އުނގެނެމާހޭ" މިލަވަ ކިޔުން ( ލަވައިގެ ރެކޯޑިންގ އަޑުއިއްވައި އަޑުދަށުން)


neygi nuthibemaahey





 

ލިޔަން ކިޔަން ދަތުމަކީ ޢިލްމު އުނގެނުމުގެ ބިންގަލެވެ.

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ބަވަނަ ވެފައިވާ ދުނިޔޭގެ ކަންކޮޅުތަކުގައި ލިޔަންކިޔަން ދަތުމުގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ކަނޑައަޅައިފައިވަނީ މީގެ 55 އަހަރު ކުރިންނެވެ. އެއީ 17 ނޮވެމްބަރ 1965 ގައެވެ. ލިޔަންކިޔަން ދަތުމުގެ ދުވަހެއް ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ލިޔަންކިޔަން ދަތުމުގެ މުހިއްމުކަން އަންގައިދިނުމާއެކު މުޅި މުޖުތަމަޢު އެކަމަށް ހޭލުންތެރިކުރުވައި ސަމާލުކުރުވުމެވެ.

އުނގެނުމަކީ ނުވަތަ ލިޔަންކިޔަން ދަތުމަކީ މުޅިޙަޔާތް އޭގެމައްޗަށް ބިނާވާ އުނގެނުމުގެ ބިންގަލެވެ. އެއީ އިންސާނާ ދުނިޔެއަށް ލޯ ހުޅުވައިދޭ ދުރުމިއެވެ. ޢިލްމުގެ ދޮރޯއްޓެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ކަންކޮޅުތަކުގައި "ލިޔަންކިޔަން ދަތުމުގެ ދުވަސް" މި ނަމުގައި ދުވަހެއް ފާހަގަކުރަމުންދާއިރު ލިޔަންކިޔަން ދަތުމުގެ މާނައަށް ބަލައިލުމަކީ ވެސް ނުހަނު ބޭނުންތެރިކަމެކެވެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ލިޔަންކިޔަން އެނގުމަކީ ލިޔެފައި ހުންނަ އެއްޗެހި ކިޔަންއެނގުމާއި ބުނަން ބޭނުންވާ އެއްޗެހި ލިޔަން އެނގުމެވެ. އެހެންނަމަވެސް މިއީ މިއަށްވުރެ މާ ފުޅާމާނައެއްގައި މާނަކުރެވިދާނެ އަދި މާނަކުރަންޖެހިފައިވާ ކަމެކެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ލިޓްރެސީ ނުވަތަ ލިޔަންކިޔަން ދަތުން ވަނީ ތަފާތުގޮތްގޮތަށް މާނަކުރެވި ތަރައްޤީ ކުރެވިފައެވެ. ޢާންމުގޮތެއްގައި ލިޔަންކިޔަން ދަތުން މާނަކުރެވިފައިވަނީ ތިމާގެ މާދަރީބަހުން ކޮންމެވެސް ވަރަކަށް ލިޔަންކިޔަން އެނގުމާއެކު ހިސާބުގެ އަދަދުތައް ވެސް ކަނޑައެޅިފައިވާ މިންވަރަކަށް ލިޔާށާއި ގުނަން އެނގުމަށެވެ. މީގެ އިތުރުން ޢާންމު ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތު އޮޅުންފިލާފައި ހުރުމަށެވެ. ނަމަވެސް ލިޔަންކިޔަން ދަތުމުގެ މި މިންވަރުން މިހާރު ފުއްދައިލެވޭތޯ މިއީ މިއަދު ވިސްނައިލަން ޖެހޭ ކަމެކެވެ.

މައިކްރޯ ސޮފްޓް ކޮމްޕެނީ އިސްވެރިޔާ ( ބިލްގޭޓްސް- 1994) ވަނަ އަހަރު ވިދާޅުވެފައިވަނީ " މަޢުލޫމާތު ވަނީ އިނގިލިކުރިއާއި ހިސާބަށް" ގެނެވިފައިކަމަށެވެ. މި ބަހުގެ ޙަޤީޤީ މަފުހޫމަށް ވިސްނާލުމުން ލިޔަންކިޔަން ދަތުމުގެ ތެރެއަށް ޑިޖިޓަލް ލިޓްރެސީގެ މުހިންމުކަން ހާމަވެގެންދެއެވެ. އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ ބޭނުންކުރަން އެނގުން މިވަނީ ލިޔަންކިޔަން ދަތުމާއި އެއްވަރުގެ ކަމަކަށް ބެލެވިފައެވެ. ސަބަބަކީ މިޒަމާނުގައި ޓެކޮނޮލޮޖީއާ ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސެން ނެތުމުންނެވެ. ޓެކްނޮލޮޖީގެ ލިޔެކިޔުން އެނގުމަކީ އެއްޗެއް ލިޔެ ކިޔަން ދަސްކުރުމަށް ވުރެ ގިނަ ކަންތައްތަކެއް އޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އޭގޭ ބޭނުންކުރުމުގެ މިންތަކެއް، ހުދޫދުތަކެއް، އިންތަކެއް، އަޚުލާޤިއްޔާތުތަކެއް، އަދި އުސޫލުތަކެއް ދަސްކޮށް އެއަށް ފަރިތަވުމަކީ ޑިޖިޓަލީ ލިޓްރޭޓް ނުވަތަ ޑިޖިޓަލް ލިޔެކިޔުން އެނގުން ކަމުގައި ( ޑރ. އާމިނަތު ޝާފިޔާއާދަމް -2020) ހާމަކުރައްވައެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ތަފާތުކުރުމެއްނެތި އުނގެނުމުގެ ޙައްޤު ކޮންމެމީހަކަށް ލިބިދޭ ހިނދު ލިޔަންކިޔަން ދަތުމުގެ ތެރެއަށް، އެސިސްޓިވް ޓެކްނޮލޮޖީއާއި އިޝާރާތުގެ ބަސް ނުވަތަ ސައިންލެންގުއޭޖް އަދި ބްރެއިލް ފަދަ ވަސީލަތްތައް ވެސް އެބައާދެއެވެ. މީގެ ކޮންމެ އާލާތަކީ ވެސް 21 ވަނަ ގަރުނުގައި ލިޔެކިޔުމާއި އެކަކުއަނެކަކާއި މުޢާމަލާތުކުރުމަށް  ބޭނުންކުރާ އާލާތެއް ކަމުން މީގެ ބޭނުންކުރާނޭގޮތް ދަސްކޮށްދިނުމަކީ ވެސް ލިޔަންކިޔަން ދަސްކޮށްދިނުން ކަމުގައި ބެލެވެއެވެ. އެހެންކަމުން ލިޔަންކިޔަން ދަތުމުގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާއިރު މި ބަޔާންކުރެވުނު ކަންކަމުގެ މަތިން ހަނދާންކޮށްލުމަކީ ނުހަނު މުހިންމުކަމެއްކަމުގައި ދެކެމެވެ.

  



އެސެމްބުލީ ޕްރޮގުރާމް 

ޕްރޮގުރާމުގެ ނަން: ފަންސަންގު

ރ. އައްސަލާމް ޢަލައިކުމް

ޒ. އައްސަލާމް ޢަލައިކުމް

ރ. މިއަދުގެ ފަންސަންގު ޕްރޮގުރާމަށް ތިޔަ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ކިޔަން. ޕޮރުގުރާމާއެކީ މިއަދު މި ބައްދަލުކޮށްލީ އަޅުގަނޑު ރޫތު އިސްމާޢީލް ފަޒީން.

ޒ. އަދި އަޅުގަނޑު އައިޝަތު ޒީކު އަދީމް.

ރ. މިއަދުގެ ތާރީޚަށް ބަލާއިރު މިއަދަކީ 9 ސެޕްޓެމްބަރ 2021 ، 2 ޞަފަރު 1443

ޒ. އުތުރު ނަކަތުން 3 ، ރޫތު، އިއްޔެއަކީ ކޮންދުވަހެއްކަން އެގޭތަ!

ރ. އިއްޔެއަކީ ވެސް ވަރަށް ޚާއްސަދުވަހެއް. ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަސް ދޯ.

ޒ. އާދެ، އެއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ކަންކޮޅުތަކުގާ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަދުވަހެއް.

ރ. ދެން ހިނގާ ދޯ މި ޕްރޮގުރާމުގެ ކުރިއަށް ހުރި ބައިތަކަށް ދަމާ. އާދައިގެ މަތިން އެންމެ ފުރަތަމަ ވެސް މިޕްރޮގުރާމްގައި ގެނެސްދެނީ ނަސޭޙަތުގެ ބަސްކޮޅެއް. މިއަދު ނަސޭޙަތުގެ ބަސްކޮޅާއެކު ބައްދަލުކޮށްލަނީ  6 ޑީގެ ދަރިވަރު އާދަމް އަދާން އިބުރާހީމް

ޒ. އަޅުގަނޑުމެންގެ މި ޕްރޮގުރާމަށް ވަގުތުކޮޅެއް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

ރ. އެހެންވީމާ އަޅުގަނޑުމެންގެ ދުލަކީ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ އަޅުގަނޑުމެންނަށް ވަރަށް ފައިދާލިބޭ ގުނަވަނެއްކަން ދެންމެ އިވިގެން ދިޔަ ނަސޭޙަތުގެ ބަސްކޮޅުން ވެސް އެނގިގެން ހިގައްޖެ. އެހެންނޫންތޯ.

ޒ. އާދެ. ރޫތު ޕްރޮގުރާމުގައި ދެންއޮތީ ކޮންބައެއްތޯ.

ރ. ޕްރޮގުރާމުގެ ދެންއޮތްބަޔަށް ދިއުމުގެ ކުރިން ރީތި މަދަހައެއް ކިހިނެއްތޯވާނީ!

ޒ. ވަރަށް ރަނގަޅުވާނެ. ޕްރޮގުރާމުގެ މި ބައި ފުރިހަމަކޮށްލުމަށް 6ޑީ ގެ ދަރިވަރު އީނާ ޙަސަން އިބްރާހީމަށް ފުރުސަތު ދެމާހިނގާ!

ރ. ވަރަށް ބޮޑަށް ޝުކުރިއްޔާ އީނާ!

ޒ. ރޫތު، ސުކޫލުގައި މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި ޙަރަކާތްތަކަށް ބަލާއިރު އެންމެ އަވަހަށް އޮތީ ކޮން ޙަރަކާތެއްކަން އެނގޭތަ! އާދެ. އަޅުގަނޑަށް އެގިފައިވާ ގޮތުގައި މިހާރު ކުރިއަށް ދާ ޙަރަކާތްތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަށްދާ އެއް ޙަރަކާތަކީ" ބޮޑުތަކުފާނު އެވޯޑު" އެ ޙަރަކާތުގެ ލަފުޒު ލިސްޓްވެސް މިހާރުވަނީ ހިއްސާކުރެވިފައި.

ރ. އަނެއްކާ ކިހެނެއްތޯ އެ ޙަރަކާތް ކުރިއަށް ގެންދަން ރޭވިފައި އޮތީ.

ޒ. ރޫތަކަށް ނޭގޭތަ. ލަފުޒު ލިސްޓާއެކު ދެއްވިއޭ އެހަރަކާތް ކުރިއަށްދާނޭގޮތް އެކުލަވާލެވިފައިވާ ފޮތެއް ވެސް. އެ ފޮތުގައިވާ ގޮތުން ޓެސްޓްތައް ކުރިއަށް ގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން. ފުރަތަމަ ފިޔަވަހީގެ ޓެސްޓް އޮންނަނީ މި ސެޕްޓެމްބަރު މަހުގެ – ވަނަ ދުވަހު.

ރ. އެހެންވީމާ ތިޔަ ބުނާ ފޮތް އެބަޖެހޭތާ ވަރަށް ރަނގަޅަށް ކިޔައި ދޭހަކުރަން. ތިޔަ ހުރިހާ އެކުވެރިން ވެސް ބޮޑުތަކުރުފާނު އެވާރޑުގެ ޤަވާއިދު ފޮތް ކިޔާލައްޗޭ. ޒީކް މިހާރު މާގިނަ ވާހަކަ ދެކެވިއްޖެ ހެންހީވަނީ. ހިނގާ ދޯ ޕްރޮގުރާމުގެ ދެން އޮތްބަޔާއިގެން ކުރިއަށް ދަމާ!

ޒ. ދެން އޮތީ މި ޕްރޮގުރާމުގެ ވަރަށް ޙާއްސަބައެއް. އާދެ ޙިކުމަތުގެ ބަސް. މި ބަޔާއެކީގައި ބައްދަލުކޮށްލަނީ 6ޑީ ގެ ދަރިވަރު އަޙުމަދު އަމްރު އަޒުމީލް ލުޠުފީ.

ރ. ޝުކުރިއްޔާ އަޒުމީލް، ޒީކު ދެން މިއޮތީ ޕްރޮގުރާމް ނިންމާލާ ގަޑިވެސް ޖެހިފައި. ވަކިވެލުމުގެ ކުރިން ސްޕޮންސަރުގެ މަތިން ހަނދާންކޮށްލުން ކިހިނެއްތޯ ވާނީ.

ޒ. ވަރަށް ރަނގަޅު ވާނެ

--------------------------------------------------------------------------------------

ދަރިފުޅާ އާދޭ އަވަހަށް ގެއަށްދާން. އަދި އެބަޖެހޭ ކޮއްކޮ ގޮވައިގެން ސުކޫލަށް އަންނަން. މަންމާ! މަންމާ! ތި ދޮރާއްޓަކުން ނޫނޭ ނިކުންނަނީ. ދަރިފުޅާ. މިހެން. ދިޔައިމައޭ އަވަހަށް ގެއަށްދެވޭނީ. މަންމާ! ތީ ވަންނަ ގޭޓް. ވަންނަ ގޭޓުން ނިކުތީމާ ކަމަކުނުދާނެ. އޭރުން ވަންނަމީހުންނާއި ނުކުންނަ މީހުން ތޮއްޖެހޭނީ. މަންމާ. މީ ކޮވިޑު ދުވަސްވަރު ކަމުން އެންމެ ވެސް އުޅެންވާނީ ވަރަށް ބޮޑަށް ބަލައިގެން. އެޗް. ޕީ. އޭ ގެ ގައިޑުލައިނާއި އެއްގޮތަށް.

ދަރިފުޅާ. މަންމަގެ ދަރިފުޅު ހާދަ ރަނގަޅޭ. ތިހުރިހާކަމެއް މަންމައަށް ހަނދާންކޮށްދިނީމަ. ކޮވިޑުގެ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް ފަރުދީ ޒިންމާ އަދާކުރައްވާ! 

...................................................................................................................