މަޑަވެލީގެ ކޯރު- ގުދުރަތުގެ ނަމޫނާއެއް
މުރަކައިގެ ޖަޒީރާތަކަކުން
އުފެދިފައިވާ ދިވެހިރާއްޖޭގެ ކޮންމެ ރަށަކީ ވެސް ޤުދުރަތުގެ ހިތްގައިމު
އަޖައިބެކެވެ. އަދި ކޮންމެ ރަށަކީ ވެސް ޤުދުރަތީ އެތައް ވަޞީލަތްތަކަކުން މުއްސަނދި
ވެފައިވާ ރަށެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނަކީ ރާއްޖޭގެ އެކި ރަށްރަށުގައި
އުފެދިފައިވާ ކުޅިތަކާއި، ކޯރުތަކެވެ. މި ތަންތަނަކީ
އެކި ބާވަތްތަކުގެ ދިރުންތައް ލައްވާފައިވާ ތަންތަނެވެ. މިގޮތުން މަޑަވެލީގެ
ކޯރަކީ ވެސް ޤުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ވަރަށް ތާރީޚީ ކޯރެކެވެ.
އެއް ފަރެއްގެ ގޮތުގައި އުފެދިފައިވާ ދިވެހިރާއްޖޭގެ
އެންމެ ދިގު ފަރުގައި އޮންނަ ގދ. މަޑަވެލީގެ ކޯރަކީ ޤުދުރަތީ މުއްސަދިކަމުން
ފުރިގެންވި ތާރީޚީ ކޯރެކެވެ. ކޯރުގެ އެކި ދިމަދިމާއިން ގޮނިތަކެއް ލެވިފައި އޮތް
މި ކޯރުގެ ދިގުމިނުގައި ގާތްގަނޑަކަށް 1500 ފޫޓު ހުންނައިރު ފުޅާމިނުގައި 500 ފޫޓް ހުރެއެވެ. ބޮޑު ދިޔާގައި ކޯރުގެ އެންމެ ފުން ހިސާބުގެ
ފުންމިނުގައި 5 ފޫޓް ހުންނައިރު 3 ފޫޓަށްވުރެ ހިކި ދިޔަ ތިލައެއްނޫނެވެ. ރަށުގެ އިރުން ދެކުނަށް ދެމިގެން ގޮސްފައިވާ މި
ކޯރު ގުޅިފައިވަނީ ރަށުގެ ދެކުނު ފަރާތުގެ ދެ ފަސް ބެދުނު ހިސާބުން ފެށިގެން ގޮސް
މޫދާއެވެ. ވަރަށް ހަނި ރޮނގަކުން ފެން ދައުރުވުމުގެ ނިޒާމެއް އެކެލެވިފައިވާ މި
ކޯރުގައި ވަރަށް ގިނަ އަދަދަކަށް މޫދު ވިނަ ހެދިފައިވެއެވެ.
އިރުމަތީފަރާތުގައި އެއްވަރަކަށް ހެދިފައިވާ ކުރެދި
ގަސްތަކާއި ހެލެބެނލި ގަސްތަކުން މި ކޯރުގެ ރީތިކަން ހާމަވެއެވެ. އަދި އައްސޭރި
ފަށުގައި ހެދިފައިވާ ރުށްތަކުގެ ހިޔަނި ކޯރަށް އެޅިފައި އޮންނައިރު އެ މަންޒަރުން ހިތްތަކަށް
އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެއެވެ. ދުރުދުރަށް ފެންނަ ހިސާބުގެ
ހޭޅިފަށުގައި ހެދިފައިވާ ބޯށިގަސްތަކާއި، ކަށިކެޔޮ ގަސްތަކުގެ ސަބަބުން އެ މާޙަލުގެ
ރީތިކަން، އިތުރަށް ހާމަވެގެން ދެއެވެ.
ރާޅުބަނީގެ އަސަރެއް އެއްގޮތަކަށް ވެސް އެކުލެވިފައި
ނުވާ މި ކޯރުގެ ފެންގަނޑުގެ ހަމަހިމޭން ކަމުން އެތަން
ބަލާމީހުންގެ ލޯތައް ތަރަތަރަ ޖަހާހައި ވެއެވެ.
ކޯރުގެ ނަލަކަމާއި ރީތިކަން ގުދުރަތުގެ އަޖައިބަކަށްވަނީ ކޯރުގެ ދިރުން ކަމުގައިވި މަސްމަހާމެހީގެ
ސަބަބުންނެވެ. ކޯރުގައިވާ ބައެއް މަސްމަހާމެއްސަކީ އެ ތަނަށް އުފަންވެ އެތާގެ
ރައްކާތެރިކަމާއި ޙިމާޔަތުގައި ތިބެގެން ބޮޑުވި މަސްމަހާމެއްސެވެ. ހަމައެހެންމެ ކޯރުގައި
ހެދިފައިވާ މޫދުވިނަތަކުގެ މަތީގައި ޚިޔާލެއް ފިކުރެއްނެތި ދުވެލަދުވެލާ ތިބޭ އެކި
ބާވަތްތަކުގެ ބޮއްޔަކީ ވެސް މި ކޯރުގެ އަޖާއިބުތަކުން އެއް އަޖައިބެވެ. މީގެއިތުރުން
ގަސްގަހާގެހީގެ ހިޔަލުގައި ކޯރުގެ އައްސޭރިފަށުގެ ޗަކަބިމުގައި މިނިވަންކަމާއެކު ދިރިއުޅެމުން
އަންނަ ކުލަކުލައިގެ ކަކުނިތައް ވެސް ހަމައެފަދައެވެ. އެ ބިމުން ކާނާހޯދުމަށް
ކޮޅުކޮޅަށް އުދުހިފައި އުޅޭ ދޫނި ސޫފާސޫފީގެ ސަބަބުން މި މާޙައުލަށް އިތުރު
ހިތްގައިމުކަމެއް ގެނެސްދެއެވެ. މި ކަންކަމަކީ ކޯރުގައިވާ ޤުދުރަތީ މުއްސަދިކަން އިތުރަށް
ރަމްޒުކޮށްދޭ ކަންތައްތަކެވެ.
ހަމައެހެންމެ ކޯރުގެ ނަލަކަމާއި
ޗާލޫކަން ގުޅިފައިވަނީ މޫސުމާއެވެ. ހުޅަނގު މޫސުމުގައި ކޯރުގެ ވަށައިގެން
ހެދިފައިވާ ގަސްގަހާގެހީގެ ފެހިކަން ގަދަވެ ގަސްތަކަށް އާރޯކަމާއި ތާޒާކަން
ގެނުވައިދެއެވެ. އަދި އެމޫސުމުގައި ދިޔަވަރު ބޮޑުވުމުގެ ސަބަބުން ކޯރުގެ ފެން
ދައުރުވުން އިތުރުވެއެވެ. މިކަމުގެ ސަބަބުން ކޯރުގެ ފެންގަނޑުގެ ސާފުވެ ކޯރުގެތެރޭގައި
ހެދިފައިވާ މޫދު ވިނަތަކުގެ ފެހިކަން ގަދަވެގެން ދެއެވެ. ކޮންމެ އަހަރެއްގެ
ނޮވެމްބަރު މަސް ނިމި އިރުވައި މޫސުމް ފެށޭހިސާބުގައި ތަފާތު ވައްތަރުގެ ދޫނިތައް، ކޯރާއި ގުޅިފައި އޮންނަ ތުނޑިއަށް ޒިޔާރަތް ކުރެއެވެ. މި ގޮތަށް
ޒިޔާރަތްކުރާ ދޫނިތައް އެ ސޮރުމެންގެ ކާނާ ހޯދުމަށް ޓަކައި ކޯރުގެ އެކި ހިސާބުތަކަށް
ގޮސް އުޅެއެވެ. ކޯރުގެ އައްސޭރި ފަށުން ކިލާ ފަންޏާއި ކަކުނި ހޮވައިގެން
ކައިހަދައެވެ. އަދި އެ ދޫނިތައް ލައްވާ އަޑުތަކުގެ ސަބަބުން މާޙައުލުގައި ހިތްގައިމު
ރީތި މިއުޒިކެއް އުފައްދައެވެ.
ކޮންމެއަކަސް
މަޑަވެލީގެ ކޯރަކީ ޤުދުރަތުގެ އަގުބޮޑު
ޚަޒާނާއެކެވެ. އެހެނީ އެ ކޯރުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ
ގިނަ މުހުތާދުތައް ފުދެއެވެ. މަޑަވެލީގެ ގިނަ އަންހެނުންނަކީ ރޯނުވެށުމާއި
ފަރުހިލުމުގެ މަސައްކަތުން އާމްދަނީ ހޯދަމުން އައިބައެކެވެ. މި މަސައްކަތްކުރުމަށް
ބޭނުންވާ ލީލި ހޯދުމަށް ބޮބި ފާކުރަނީ ކޯރުގެ އައްސޭރި ފަށުގެ ޗަކަ ބިމުގައި
ވަޅުލައިގެންނެވެ. އަދި ބޮލިހިލުން ވެސް ހަމަ މިފަދައެވެ. މިގޮތުން ބޮލިހިލުމަށް
ޓަކައި ރަށުގެ އަންހެން ވެރިން މޯހި ހިފައިގެން ދެއިރު ދެ ދަޅައަށް ކޯރަށް އެރި
ބޮލިހިލައި އެއިން އާމްދަނީ ހޯދަމުން ދިޔައެވެ.
މީގެ އިތުރުން ކޯރަށް ލިބިފައިވާ ޤުދުރަތީ
މުއްސަދިކަމުގެ ތެރޭގައި މަސްވެރިކަމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ކޯރުގައި
ދިރިއުޅޭ މަސްމަހާމެހީގެ ތެރޭގައި އުނިޔައާއި، ތަންމަސް، އޮރިއާއި ފިލޮޅު،
ކޮރަކައްޔާއި ބޭނގު ފަދަ މަސްތައް ހިމެނެއެވެ. އެހެންކަމުން މަޑަވެލީގެ ކޯރަކީ،
ވެހިމަހުގެ ކޮށާރެކެވެ. އަދި ފުރާވަރުގެ ކުދިން އެ ކުދިންނަށްލިބޭ
ހުސް ވަގުތު ތަކުގައި
ކޯރުގެ ގޮނޑުދޮށުން ކިލާފަނި ނަގައިގެން
އެފަނި އެންމަހުގެ ގޮތުގައި ބޭނުންކޮށްގެން ގިނައަދަދެއްގެ އުނިޔަ ބާނައި ހަދައެވެ.
ބޮޑެތި ފިރިހެނުން ލާނދާ އެއްލައިގެންނާއި ދިގުދާ ޖަހައިގެން ތަފާތު ބާވަތްތަކުގެ
މަސްހިފައެވެ. އެހެންކަމުން މަޑަވެލީގެ
ރައްޔިތުން ލައިގެން ކާނެ އެއްޗެއް ނުލިބިގެން އުޅޭކަށް ނުޖެހެއެވެ.
ކަން އޮތީ މިހެންކަމުގައި ވިޔަސް މަޑަވެލީ ގެ މި ހިތްގައިމު ކޯރަކީ ހަމައެކަނި ތާރީޚީ ފަތްފުތްތަކުގައި ލިޔެވިފައިވާ
ވާހަކައަކަށް މިއަދު ވަނީ ވެފައެވެ. މި ތާރީޚީ ކޯރުގެ ބަދަލުގައި މިހާރު އެ ތަނުން
ފެންނަމުންދަނީ އެކިކަހަލަ ކުޅިވަރު އެކުވެނި ތަކާއި ސިނާއީ ސަރަހައްދު ތަކާއި،
ރޯހައުސް ތަކެވެ. އަދި މިނޫނަސް ސަރުކާރާއި ރައްޔިތުންގެ އެތަކެއް ޢިމާރާތްތަކެވެ.
ކޮންމެއަކަސް ރަށުގެ ތިމާވެއްޓާއި ސީދާ ގުޅިފައިވާ މިފަދަ މުހިންމު ތަންތަން
ޢުމްރާނީ ތަރައްޤީއަށް ޓަކައި ނެތިކޮށްލުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ލިބެމުންދަނީ
ކޮންފަދަ ބޮޑު ގެއްލުމެއްތޯއެވެ؟ ރަށުގެ އެކި ދިމަދިމާއިން ބިންގަނޑު ކަނޑައިގެން ގޮސް
ރަށަށް އުދަ އެރުމާއި ހޭޅިފަށުގައި ހެދިފައިވާ ގަސްތައް ނެތިގެން ދަނީ
ކޮންސަބަބަކާއި ހުރެތޯ މިއީ މިއަދު ކުރެވޭ ސުވާލެކެވެ. މިއީ މަޑަވެލީގެ އެންމެހާ
ރައްޔިތުން އިންތިހާއަށް ކަންބޮޑު ވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެކެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ރަށްރަށުގައި ޤުދުރަތުން ލައްވާފައިވާ މިފަދަ ބޭނުންތެރި
ވަސީލަތްތައް ހަމައެކަނި ރަށްރަށުގެ ޢުމުރާނީ ތަރައްޤީއަށް ޓަކައި ހަލާކުކޮށް
ނުލަމާތޯއެވެ؟ އަދި އެފަދަ ތަންތަން ޙިމާޔަތްކޮށް ދެމެހެއްޓުމަކީ
އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމުގައި ހަދަމާތޯއެވެ؟
No comments:
Post a Comment