Wednesday, February 5, 2020


އެސައިންމެންޓްގެ ތަޢާރަފު

އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ 21 ވަނަ ގަރުނުގެ ތަޢުލީމުގައި ހިމެނިފައިވާ މުހިންމު ކީ ކޮންސެޕިޓެންސީއެކެވެ. އެހެންކަމުން އެކަމަށް މުދައްރިސުން އަހުލުވެރިކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.  އެހެނީ ޓެކުނޮލޮޖީގެ ވަޞީލަތްތައް އުނގަންނައިދިނުމުގައި ބޭނުންކުރާމިންވަރު ބިނާވެފައި އޮންނަނީ މުދައްރިސް އެކަމަށް އަހުލުވެރިވެފައިވާ މިންވަރާއި، ކިޔަވަދިނުމުގައި އެފަދަ ވަސީލަތްތައް ބޭނުންކުރުމާމެދު މުދައްރުސުންނާއި ބެލެނިވެރިން ދެކޭގޮތުގެ މައްޗަށެވެ.
އަޅުގަނޑު މި މަސައްކަތަކީ " ތަފާތު ލާރނިންގ އެންވާރަމެންޓްގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތައް" މި މަޢުޟޫޢުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ކްރިޓިކަލް" ހުށަހެޅުމެކެވެ.  " މި މަޢުޟޫއަށް މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދެވިފައިވާ އިރުޝާދާއި އެއްގޮތަށް  ޔޫޓިއުބު ވީޑިއޯބަލައި، ސްލައިޑް ޝެއަރއިން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ބެލުމުގެ އިތުރުން މަޢުޟޫއާއިބެހޭގޮތުން ލިޔެފައިވާ ޖާނަލް އާޓިކަލްތައް ކިޔައިގެން މަޢުލޫމާތު އެއްކޮށްފައިވާނެއެވެ.
މި އެއްކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި އުނގަންނައިދިނުމުގައި އައި.ސީ.ޓީ ބޭނުންކުރެވިދާނެ ލާރނިންގ އެންވާރަމެންޓްތަކާއި އެތަންތާގައި އައިސީޓީ ބޭނުންކުރެވިގެންދާ ތަފާތުގޮތްތަކުގެ މައްޗަށް ބަލާލެވިފައިވާނެއެވެ.  އަދި ކުލާސްރޫމްގެ ކިޔަވާދިނުމާއި ގުޅުވައިގެން  އެމަޢުލޫމާތު ބޭނުން ކުރެވިދާނެގޮތްތަކާއި އެހެނިހެން ގޮތްގޮތުން އެމަޢުލޫމާތަށް ރިޢާޔަތް ކޮށްގެން އުނގެނުމާއި އުގަންނާދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މައްޗަށް ވެސް އަލި އަޅުވާލެވިފައިވާނެއެވެ. މީގެއިތުރުން އެ މާހައުލުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާއި ބެހޭގޮތުން ކަމުގެ ދެކޮޅަށް ބަލައި ވާހަކަދެކެވިފައިވާނެއެވެ. ހަމައެއާއެކު މި މަސައްކަތުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ އުނގެނުމަށްކުރި ފައިދާއާއި މަޢުޟޫޢުން ދަސްވިއެއްޗެއް ވެސް ޚުލާސާކޮށްދެވިފައިވާނެއެވެ.


މައުޟޫޢޫގެ ތަޢާރަފު

އައި. ސީ.ޓީ ނުވަތަ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީއަކީ ޒަމާނީ ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް އެކި ޙާލަތްތަކުގައާއި އެކި މާޙައުލުތަކުގައި ބޭނުންކުރުމެވެ. ސީދާ މިބަހަށް އަމާޒުކޮށްގެން ތާޢަރަފެއް ހެދިފައި ނެތަސް މި މާނައިގެތެރޭގައި އައި. ސީ.ޓީގެ ގޮތުގައި ބޭނުންކުރާ އާލާތްތަކާއި، އިންޓަރނެޓާއި ގުޅިފައިވާ، އިޖުތިމާޢީ ވިއުގަތަކާއި، ޕްރޮގްރާމުސްތަކާއި، އަދި އެޕްލިކޭޝަންތައް ވެސް މި މާނައިގައި ހިމެނޭކަމަށް ކަމާއިބެހޭ މާހިރުން އެއްބަސްވެލައްވައެވެ.
ތަފާތު ލާރނިންގ އެންވާރަމެންޓްތަކުގައި އައިސީޓީ ބޭނުންކުރެވޭ ގޮތްތަކަށްބަލާއިރު އަދުގެ ދުނިޔޭގައި އައިސީޓީ ބޭނުންކުރެވޭ އުނގެނުމުގެ މާޙައުލުތައް މިވަނީ ޢާންމުވެފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމުގެ މަޢުލޫމާތުތައް އެމާޙައުލެއްގައި ޙިއްސާކުރެވޭ ކޮންމެ މާހައުލަކީ ވެސް އުނގެނުމުގެ ވެއްޓެއްކަމުގައި ބެލެވެއެވެ. އޭގެތެރޭގައި ވައިބާރގުރޫޕްތަކާއި، ވަޓްސްއަޕާއި، ފޭސްބުކު ޕޭޖްފަދަ އިޖުތިމާޢީ ވިއުގަވެސް ހިމެނިގެންދަނީ ލާރނިންގ އެންވާރަމެންޓްގެ ތެރޭގައެވެ. އުނގެނުމުގައި އައިސީޓީ ބޭނުންކުރެވެނީ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާ ޓޫލްއެއްގެގޮތުގައި ލާރލިންގ އެންވާރަމެންޓް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށެވެ. މިގޮތުން އައިސީޓީ ބޭނުންކުރެވޭގޮތް ދައްކުވައިދޭގޮތަށް ގުޅިފައިވާ ތިންމަފުޙޫމެއް ކަމާއިބެހޭ މާހިރުން ފާހަގަކުރައްވާފައިވެއެވެ. އެއީ " ލާރިންގ އެބައުޓް އައިސީޓީ. ލާރނިންގ ވިތު އައިސީޓީ. އަދި ލާރނިންގ ތްރޫ އައިސީޓީއެވެ.
މި މަފުޙޫމުތަކުގެ މާނައަށްބަލާއިރު ލާރނިންގ އެބައުޓް އައިސީޓީއަކީ އުނގަންނައިދިނުމަށް މަގުފަހިކޮށްދޭ އައިސީޓީ ޓޫލްސްތައް ބޭނުންކުރުމުގެ ހުނަރާއި ގާބިލުކަން ތަރައްގީކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ލިއްބައިދުނުމެވެ.
ލާރިނިންގ ވިތު އައިސީޓީއަކީ އައިސީޓީ ރިސޯސްތައް ކުލާސްރޫމް ކަރިކިއުލަމްގެ ތެރެއިން މުދައްރިސުންނާއި ދަރިވަރުން ބޭނުންކުރުމެވެ.
ލާރނިންގ ތްރޫ އައިސީޓީއަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ކުރީގައިބޭނުންކުރަމުން އައިގޮތްތަކުގެ ބަދަލުގައި އައިސީޓީ ގެ ތެރއިން އުނގަންނައިދެވޭނެ އާގޮތްތަކެއް ފޯރުކޮށްދިނުމެވެ.

މަޢުޟޫޢުގެ ފަސްމަންޒަރު

އުންގަންނައިދިނުމުގެ އެހާރާއި މިހާރަށް ބަލާއިރު އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅި އަދުގެދުނިޔެ މިވަނީ ވަރަށްބޮޑަށް ކުރިއަރައި ތަރައްޤީވެފައި ކަމުގައި ދަންނަވަންޖެހެއެވެ. މާޒީގައި ވޮށިފިލައާއި އެނދުރުގެތަކުން ފެށިތަޢުލީމު މިއަދު މިވަނީ 21 ވަނަ ޤަރުނުގެ ތަޢުލީމަށް މިސްރާބުޖަހައި އެމަގަށް އަމާޒުހިފާފައެވެ. މުދައްރިސަށް ބަރޯސާވެގެން ކިޔަވައިދެމުން އައި އުނގަންނައިދިނުމުގެވެށި މިހާރު މިވަނީ ދަރިވަރުންނަށް ބަރޯސާވާ އުނގެނުމުގެ ވެއްޓަކަށް ބަދަލުވެފައެވެ. ކުލާސްރޫމުގެ ހަތަރުފާރުގެ ތެރޭގައި ތާށިވެގެންތިބެ ފޫހިކަމާއެކު އުނގެނެމުން ދިޔަ އުނގެނުން މިއަދު މިވަނީ ކުލާސްރޫމުން ބޭރުވެ އައުޓް ސޯސްކުރެވިފައެވެ. ޗޯކާއި ބޯޑުގެ ބަދަލުގައި މިހާރު އުނގެނުމުގެ ވެށިތަކުގައި ބޭނުންކުރެވެނީ ޒާމާނީ ޓެކޮނޮލޮޖީގެ ވަސީލަތްތެކެވެ.
އުނގަންނައިދިނުމުގެ އެހާރާއި މިހާރަށްބާލާއިރު ދިވެހިރާއްޖޭގައި އެންމެފުރަތަމަ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ތަޢުލީމް ފޯރުކޮށްދޭން ފެށިފައިވަނީ 1989ގެ އަހަރުތަކުގައި ދުރުންދޭ ތަޢުލީމުގެ ނިޒާމުގެ ތެރެއިންނެވެ. މިނިޒާމުގެ ދަށުން ނުރަސްމީ ތަޢުލީމްދޭ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރެވި ފުތަރަމަ ފަހަރަށް 3 ކޯހެއް އެމަރުކަޒުން ވަނީހިންގާފައެވެ  (އިސްމާޢީލް ޙާބީބު 2013).
ދުރުންދޭ ތަޢުލީމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި، ދުނިޔޭގެ ޤައުމުތަކުގައި ހިންގާފައިވަނީ، ތަޢުލީމު އުނގެނުމުގެ ފުރުޞަތު ގިނަޢަދަދެއްގެ ބަޔަކަށް ފޯރުކޮށްދިނުމަށެވެ. ދުރުންދޭ ތަޢުލީމުގެ ކާމިޔާބީގެގޮތުގައި، ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ވަޒީފާގައި ތިބެގެން ކިޔެވުމަށާއި، މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މި ނިޒާމުން ފަހިކޮށްދޭކަމެވެ. ދުރުންދޭ ތަޢުލީމުގެޒަރީއާއިން ކިޔެވުމަކީ، ވަޒީފާގައި ދެމިތިބުމަށްޓަކައި ބޭނުންވާ މުވައްޒަފުންނަށާއި، އެއްތަނުން އަނެއް ތަނަށް ދިޔުމުގައި އެކިސަބަބުތަކާއިހުރެ ރަށުން ބޭރަށްދާން އުޒުރުވެރިވާ ފަރާތްތަކަށް، ކިޔެވުމުގެ ފުރުޞަތު ލިބިދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ޕާޓްޓައިމްކޮށް މަތީތަޢުލީމު އުނގެނެންބޭނުންވާ މީހުންނަށްވެސް މިކަންވެގެންދިޔައީ ރަނުގެ ފުރުޞަތަކަށެވެ. މިނިޒާމުގެ ތެރެއިން އޭރު ތަޢުލީމް ފޯރުކޮށްދޭން ފެށިފައިވަނީ ރޭޑިއޯ ޓޭޕާއި، ކެސެޓްރޭޑިއޯފަދަ ވަސީލަތްތައް މެދުވެރޮކޮށްގެން ކަމަށްވިއަސް ވިއަސް މިއަދު މިވަނީ އެމަންޒަރު ބަދަލުވެފައެވެ. ހަލުވިކަމާއެކު ތަރައްޤީވަމުން އައި ޓެކޮނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ދުރުންދެމުންއައި ތަޢުލީމް މިހާރުވަނީ ކައިރިވެފައެވެ.
 މިނިވަންކަމާއެކު ބޭނުން ވަގުތަކު ބޭނުންތަނެއްގައި ޝައުގުވެރިކަމާއެކު އުނގެނުމުގެ ފުރުސަތު މިހާރު މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކަށަވަރުވެފައެވެ.  ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދަތިކަމެއްނެތި ލިބިގަތުމުގެ ފުރުސަތު އަދުވަނީ ފަހިވެފައެވެ. އަހަރުގެ ފަހު އިމްތިޙާނުން ފާސްނުވެދާނެކަމުގައި ބިރުވެރިކަން ފިލައިގޮސް ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނޭ ތަފާތުގޮތްތައް މިއަދުގެ ދަރިވަރުން ދަސްކުރަމުން ދަނީ އިވެންޓް ބޭސްޑް ނުވަތަ ބްރޮޖެކްޓް ބޭސްޑް ލާރނިންގެ ތެރެއިންން އައި.ސީ.ޓީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ހޯދުންތަކުގެ އަލީގައި އައި. ސީ.ޓީ ބޭނުންކުރުން.

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ތަރައްޤީވެ ކުރިއަރާފައިވާ މި ޒަމާނުގައި އުނގެނުމާއި އުނގަންނައި ދިނުމުގެ ތަފާތު އެންވާރަމެންޓްތަކުގައި ޓެކްނޮލޮޖީގެ ބޭނުން ދަނީ ކުރަމުންނެވެ. ދިރިއުޅުމުގެ ހުރިހާ މުހުތާދުތައް ފުއްދުމަށްޓަކައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު އައި.ސީ.ޓީގެ ވަސީލަތްތައް ވެސް މިވަނީ ތާޢުލީމީ ދާއިރާއާއި ވަރަށްބޮޑަށް ގުޅިލާމެހިފައެވެ. އެންމެ މިޒަމާނުގެ ޑިޖިޓަލް ސާމާނާއެކު އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލުތައް ދަނީ  އިތުރުވަމުންނެވެ. އެހެންކަމުން ކިޔަވައިދޭ ފަރާތްތައް ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އުނގަންނައި ދިނުމުގައި އައިސީޓީ ބޭނުންކުރެވޭ ތަފާތުގޮތްތައް ދަސްކުރަންޖެހެއެވެ. އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރުމުން، ކިޔަވއިދިނުމަށް ފަސޭހަވެ، ކިޔަވައިދޭ އެއްޗެއް ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުންފިލައެވެ. އެގޮތުން ކިޔަވައި ދިނުމާއި ގުޅޭ ތަފާތު މަޢުލޫމާތު ހޯދުމާއި، ކިޔަވައިދޭން ބޭނުންވާ ފިލާވަޅުތައް ތައްޔާރުކޮށް އޮޅުންފިލުވައިދިނުމާއި، ކިޔައިވައިދިނުމާއި ގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމާއި، ދަރިވަރުންނާއިގުޅޭ ރެކޯޑްސްތައް ރައްކާކޮށް ބެލެހެއްޓޭނެގޮތްތަކާއި އުނގެނުމާއި އުނގަނައި ދިނުމުގައި އެކިކަންކަން ރާވާހިންގުމުގައި އައ.ސީ.ޓީގެ  ބޭނުންދަނީ ކުރަމުންނެވެ. އެހެންކަމުން އައި.ސީ.ޓީ ބޭނުންކުރެވޭ ތަފާތުގޮތްތައް ދެނެގަތުމަކީ ނުހަނުބޭނުންތެރިކަމެކެވެ.
އިންގްލިޝް؛ ޔުނައިޓެޑް ސްޓޭޓްސް (2018)، ހާމަކުރައްވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަށް ފައިދާހުރި  އެޑިޔުކޭޝަނެއް ފޯރުކޮށްދެވޭކަމަށެވެ. މިހާރުގެ ކުލާސްރޫމުގެ މާހައުލަކީ ދަރިވަރުންނަށް ޕާސަނަލައިޒް ލާރނިންގ ތަޖުރިބާކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ މާހައުލަކަށް ހެދުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އެގޮތުން ޒަމާނީ ކުލާސްރޫމުގެ މާހައުލު ވާންޖެހެނީ ދަރިވަރުންގެ ކިބައިގައިވާ އިންޑިވިޖުއަލް ޑިފަރެންސަށް ބަލައިގެން ޒަމާނީ ޓެކްނޮލޮޖީގެ އާލަތްތައް ވެސް ބޭނުންކުރެވޭފަދަ ވެއްޓަކަށެވެ.  
ޒަމާނީކުލާސްރޫމް ޓެކްނޮލޮޖީއަކީ ހަމައެކަނި ކުލާހުގައި ބެނުންކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތަކެއްނޫނެވެ. މި މަފުހޫމުގެ މުޅިޖުމުލަ މާނައަށް ވިސްނާލުމުން އަޅުގަނޑަށް ފަހުމްވެގެންދަނީ ޒަމާނީ ކުލާސްރޫމްގެ ޓެކްނޮޖީގައި ވަރަށްގިނަ އާލާތްތައް ހިމެނިގެން ދާކަމެވެ. އެގޮތުން އައި.ސީ.ޓީ ޓޫލްސްތައް ބޭނުންކޮށްގެން ކުލާހާއި ކުލާހުންބޭރުގައި ގެންދެވޭ އުނގެނުމުގެ ކޮންމެ ޙަރަކާތަކީ ވެސް ޒަމާނީ ޓެކްނޮލޮޖީ ކަމުގައި ބެލެވެއެވެ. މިސާލަކަށް ކުލާސްރޫމުން ބޭރުގައި އެހެންމާހައުލެއްގައި ނަމަވެސް  އިންޓަރނެޓްގެ ސްފޮޓެއާރ ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ކުރިއަށްގެންދާ އުނގެނުމާއި ގުޅުންހުރި ކޮންމެކަމެއްވެސް ޒަމާނީ ޓެކްނޮލޮޖީ އެޑިއުކޭޝަންގެ ތެރެއަށްވަދެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެންވާރަމެންޓެއްގެ ސިފަތަކަށްބަލާއިރު އައި.ޓީ.ސީ ބޭނުންކޮށްގެން އުނގެނުމުގެ ޙަރަކާތް ގެންދެވޭ ވެއްޓެއްގައި 21ވަނަ ގަރުނުގެ ތަޢުލީމުގެ ހަރުފަތްތައް ހިމެނެންޖެހޭކަމަށް (Boie Tumaneng , 2016) ހާމަކުރައްވައެވެ. އެގޮތުން އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ސްޓްރެޓެޖީސްތަކުގެ ތެރޭގައި "ޓީޕެކް" ހިމެނެންޖެހޭކަން ވެސް ފާހަގަކުރައްވައެވެ. އަދި އުނގެނުމާއި އުނގަންނައިދިނުން ބައްޓަންވެގެންދާނީ ޕެޑަގޮޖިކަލް އެންގޭޖްމެންޓް އެންޑް ކޮންޓެންޓް ނޮލެޖްގެ އެކަތި އަނެކައްކާއި ގުޅިގެންދާ ގޮތަށް ކަމަށްވެސް ފާހަގަކުރައްވައެވެ. މިގޮތަށް ކިޔަވައިދިނުމުން އެން. ސީ. ބީ. ޓީ. އެސް އަށް މަގުފަހިވެ ދަރިވަރުންނަށް ޙާސިލުކޮށްދޭން ބޭނުންވާ ވަކިވަކި ގޯލްތައް ހާސިލުކުރުމަށް ވެސް މަގުފަހިކުރުވައެވެ. އެހެނީ މީގެތެރޭގައި ތަފާތުވައްތަރުތަކުގެ އުނގެނުމުގެ ތަޖުރިބާތައްކުރުމާއި، ކަންކަމާއިމެދު ސުވާލުއުފައްދައި އެކަމެއް މެދުވެރިވާން ދިމާވިސަބަބުތައް ދެނެގަތުމަށް ސުވާލުކުރުމުގެ ގާބިލުކަން ދަރިވަރުންނަށްއ ލިއްބައިދެއެވެ.

އައިސީޓީ ބޭނުންކޮށްގެން އުންގަންނައިދެވޭ ތަފާތު ޙާލަތްތައް.

އައި. ސީ . ޓީ ބޭނުންކޮށްގެން އުންގަންނައިދެވޭ ތަފާތު އެންވާރުމެންޓްތައް ދެނެގަތުމަށް ތަފާތު ރިސޯސްތަކުން ހޯދުނުނު މަޢުލޫމާތުން އައި.ސީޓީގެ ބޭނުންކުރެވޭ ވަރަށްގިނަ ހާލަތްތަކެއްވާކަންވަނީ އެނގިފައެވެ. މިއިންކޮންމެ ޙާލަތެއްގައި ވެސް އުނގަންނައިދުނުމުގައި އައި.ސީ.ޓީ ބޭނުންކުރެވިގެންދާނެގޮތް ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކޮންމެ މާހައުލެއްގައި ބޭނުންކުރަން އެންމެ އެކަށޭނަ އައި.ސީ.ޓީ ޓޫލްސްތަކާއި، އެޓޫލްސްތައް ބޭނުންކުރެވޭނެ ގޮތްތަކާއި ހާލަތްތައް ބަޔާންކުރުމުގެ އިތުރުން އޭގެސަބަބުން އުނގެނުމަށް ކުރާއަސަރުތައް ވެސް ބަޔާން ކުރައްވާފައިވެއެވެ.
ޑރ. ބްރެންޑާ. ބީ ކޯޕަޒް (2017)، ހާމަކުރައްވަނީ އައި.ސީ.ޓީއަކީ މަންފާކުރަނިވި އެއްޗެއްގެ ގޮތުގައެވެ. އަދި އެއީ ފަރުދުންގެ ގުޅުންދަމަހައްޓައިދޭ ވަރަށްއެކަށޭނަ އުނގެނުމުގެ ގޮތެއްކަމަށެވެ. އައި. ސީ.ޓީ ބޭނުންކުރުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަކަންކަން ހާސިލުކުރެވިގެން ދާކަމަށެވެ. "ބްރެންޑާ" އިތުރަށް ހާމަކުރައްވަނީ އައި. ސީ. ޓީ ބޭނުންކުރުމުގެ ސަބަބުން އިންސާނުންގެ ހަމަލޮލަށް ނުފެންނަ އެތައްކަމެއް ބަލައި ދަސްކުރުމުގެ ޤާބިލުކަން ލިބިގެންދާކަމަށާއި، ކާއިނާތުގައިވާ ކަންކަން ހޯދާބަލައި ދެނެގަތުމުގެ ކުޅަދާނަކަން ލިބިގެންދާކަމަށެވެ. މިސާލަކަށް އިންސާނުންގެ ހަމަލޮލަށް ނުފެންނަ ކުދިޖަރާސީމްފަދަ އެއްޗެހި، މައިކްރޮސްކޯޕްފަދަ އައި.ސީ.ޓީ ވަސީލަތްތައް ބޭނުންކޮށްގެން ދެނެގަނެވޭކަމަށެވެ. އެހެންކަމުން އުނގަންނައިދިނުމުގެ ކޮންމެ ވެއްޓަކީ ވެސް ޒަމާނާއި ގުޅޭގޮތަށް  ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުވެފައިވާ ވެށްޓަކަން ހަދަންޖެހެއެވެ.
ކުލާސްރޫމުގެ މާހައުލުގައި  އައިސީ.ޓީގެ ވަސީލަތްތައް ބޭނުންކުރުމުން މައުލޫމާތާއި އެހެނިހެން މުހިއްމު ވަޞީލަތްތައް ބޭނުންކުރުމަށް ދަރިވަރުންނަށް ފަސޭހަވެގެންދެއެވެ. މިގޮތުން އިންޓަރނެޓްގެ ވަޞީލަތް ތައާރަފް ކުރެވުމާއިއެކު ކުދިންނަށް ލިބގެންދިޔަ ފުރުޞަތުތަކުގެ ތެރެއިން އެކިއެކި ފަރާތްތަކުން ކޮށްފައިވާ ރިސަރޗްތަކާއި ކިވަޔާ މާއްދާތަކާއި ގުޅުންހުރި އެހެނިހެން ކަންކަން  ދަސްކުރުމަށް ފުރުޞަތު ލިބިގެން ދެއެވެ (ބޮސްޓޮން ޔުނިވާރސިޓީ އިންފޯމޭޝަން ސާރވިސް އެންޑް ޓެކްނޮލޮޖީ, n.d.)،. މިގޮތުން ސެކަންޑަރީ އެޑިއުކޭޝަންގައި އެކުދިން ކިޔަވާނެ ދާއިރާއެއް ކަނޑައެޅުމަށާއި ދުނިޔޭގެ އެހެންޤައުމުތަކުގައި ކިޔަވާކުދިންނާއި ބައްދަލުވެ ވާހަކަދައްކުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުތަކުގެ ތެރެއިން މި އެސައިންމެންޓްގައި މިބަލާލަނީ އައިސީޓީ ބޭނުންކޮށްގެން އުނގަންނައިދެވޭ ތަފާތު 7 (ހަތެއް) ހާލަތެއްގެ މައްޗަށެވެ.

ތަފާތު ލާރނިންގ އެންވާރަމެންޓްތަކާއި އެތަންތާގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތައް

1. ހާފުލެބް ލާރނިންގ އެންވާރަމެންޓް

ހާފު ލެބް ލާރނިންގ އެންވާރަމެންޓްގައި ދަރިވަރުން  އުނގެނޭނީ ގުޅިފައިވާ މާހައުލެއްގައި އެކަކު އަނެކާކާއި ގުޅިގެންނެވެ. މި މާޙައުލުގައި އުނގެނޭއިރު އެއްކުއްޖަކު އަނެއްކުއްޖަކަށް މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެއެވެ. މަސައްކަތް ކުރަނީ 3 ކުދިން ނުވަތަ 4 ކުދިންގެ ގްރޫޕްތަކުގައި ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއްގެ އެހީގައެވެ. މަޝްވަރާކުރުމާއި، ޚިޔާލުބަދަލުކުރުމުގެ ގޮތްތައް ބޭނުންކޮށްގެންނެވެ. އެހެންކަމުން މި މާހައުލުގައި ކޮންމެ ކުއްޖަކަށް އައިސީޓީގެ ވަކި ޓޫލްއެއް ބޭނުމެއްނުވާނެއެވެ (ޕޮވް ޓޫން 2015)،.

ފުލްލެބް ލާރނިންގ އެންވާރަމެންޓް

މި އެންވާރމެންޓްގައި ދަރިވަރުން ދަސްކުރާނީ ހުޅުވިފައިވާ މާހައުލެއްގައެވެ. މި އެންވާރަމެންޓްގައި ކޮންމެ ދަރިވަރަކަށް ވަކި ޑިވައިސްއެއް (ކޮމްޕިއުޓަރެއް/ލެބްޓޮޕެއް) ބޭނުންކުރާނެއެވެ. އެހެންކަމުން މިޕްލެޓްފޯމްގައި ދަރިވަރުން މަސައްކަތްކުރާނީ އަމިއްލައަށް ކަންކަން އެކްސްޕްލޯރކޮށްގެން އިންޑިވިޖުއަލްކޮށް މިނިވަން މާޙައުލެއްގައެވެ. ދަސްކުރުމަކީ ނުވަތަ އުނގެނުމަކީ އެކުއްޖެއްގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކިގެންނެވެ(ޕޮވް ޓޫން 2015)،.  

ލާރނިންގ ސެންޓަރ

މި ޕްލެޓްފޯމުގައި ދަރިވަރުން އުނގެނޭނީ  ގުރޫޕްކޮށްނާއި ވަކިވަކިންނެވެ. ތަފާތު ސްޓްރެޓެޖީސްތައް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި އެންވާރަމެންޓްގައި ކުދިން އުނގެނޭނީ ތަފާތު ލާރނިންގ ސްޓޭޝަންތަކުގައެވެ. މިގޮތުން އެކިސްޓޭޝަންތަކުގައި ކުރިއަށްދާނީ އެކިމަސައްކަތްތަކެވެ. ލާރނިން ސެންޓަރ އެންވާރމެންޓްގައި ދަރިވަރުންގެ ޕްރޮޖެކްޓް މަސައްކަތްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައްފަދަ ޕްރޮގްރާމްތަށް ވެސް ކުރިއަށް ގެނެދެވެއެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެސިސްޓިވް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ އައިސީޓީ ޓޫލްސްތައް ވެސް މި އެންވާރަމެންޓްގައި ކުރިއަށްގެންދެވެއެވެ. މިގޮތަށް ދަރިވަރުންގެ އަމިއްލަ އިޚުތިޔާރުގެ މައްޗަށް ބިނާކޮށް އުނގެނުމުގެ ފުރުސަތުދިނުމުން އަމިއްލަނަފުސު ތަރައްޤީވުމާއެކު ދިރިއުޅުމަށް ބޭނުންވާ ތަފާތުހުނަރުތައް ދަސްވެގެންދާނެއެވެ.

ވާރޗްއަލް ލާރނިންގ އެންވާރަމެންޓް

ވާރޗްއަލް ލާރނިންގ އެންވާރަމެންޓަކީ އޮންލައިންކޮށް އުނގެނުމާއި އުނގަންނައިދިނުން އިންތިޒާމްކުރެވިފައިވާ މާހައުލެކެވެ. މިއީ ގެއާއި މަދަރުސާއާއި ބެލެނިވެރިންގެ ގުޅުން ބަދަހިކޮށްދޭ އުނގެނުމުގެ ޚާއްސަ ވެއްޓެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ތަފާތު އޮންލައިން ކޯސްތައް ހިންގެއެވެ.  މިވައްތަރުގެ ލާރނިންގ އެންވާރަމެންޓް ކުރިއަށްގެންދަނީ ޚާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ މަސައްކަތްތައް ފޯރުކޮށްދީގެންނެވެ. މިގޮތަށް ބޭނުންކުރެވޭ ވަރަށް ގިނައެޕްލިކޭޝަންތައް މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ތެރޭގައި ޢާންމުފެވައެވެ. އެގޭތެރއިން ވެސް މޫޑްލްއާއި ކެންވާސް ފަދަ އެޕްލިކޭޝަންތައް ފާހަގަކޮށްލެވެއެވެ. މި އެޕްލިކޭޝަންތައް މެދުވެރިކޮށް ދަރިވަރުން އުނގެނޭއިރު ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން މިވެށީގެ ތެރެއިން ފޯރުކޮށްދެވެއެވެ. އެގޮތުން ޑިސްކަޝަން ފޯރަމްތަކާއި އޮންލައިން ޓާސްކުތަކާއި އެސައިންމެންޓްފަދަ މަސައްކަތްތައް ކުރިއަށް ގެންދެވެއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގަންޖެހޭ ހުރިހާ އެނގުންތަކާއި ދަރިވަރުންގެ މަސައްކަތްތަކުގެ ފިޑުބެކް ވެސް މި އެންވާރަމެންޓް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދެވެއެވެ. (Martin Dougiamas, 2003)

ވަން ކޮމްޕިއުޓަރ ކުލާސްރޫމް

ވަންކޮމްޕިއުޓާރ ކުލާސްރޫމް އެންވާރަމެންޓްގައި ބޭނުންކުރަނީ އެންމެ ކޮންމިއުޓަރެކެވެ. މި ފަދަކުލާސްރޫމްތަކުގައި ގެންދެވޭނީ ދަރިވަރުން ބައިވެރިކޮށްގެން ގެންދެވޭފަދަ ޙަރކާތްތަކެވެ. މިސާލަކަށް ގްރޫޕް ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އަދި ޕްރޮޖެކް ފަދަ މަސައްކަތްތައް ހުށަހެޅުންފަދަ ކަންކަމަށް މިފަދަ ކުލާސްރޫމްތައް ބޭނުންކުރެވެއެވެ. މި މާހައުލުގައި މަސައްކަތްކުރެވޭނީ ފަހަރަކު ދަރިވަރަކަށެވެ. ފިލާވަޅާއިގުޅޭ ވިޑިއޯދެއްކުމާއި އެކު ހުރިހާދަރިވަރުން އެއް އެކްޓިވިޓީއެއްގައި އެންގޭޖުކުރެވޭފަދަ އެކްޓިވީތައް ވެސް މިވައްތަރުގެ މާހައުލުގައި ކުރިއަށް ގެންދެވެއެވެ.

މޮބައިލް ލާރނިންގ އެންވާރަމެންޓް

މިއީ އެންމެފަހުގެ އައިސީޓީ ގޮތްތައް ބޭނުންކޮށްގެން އުނގަންނައިދެވޭ  ލާރނިންގ އެންވާރަމެންޓެކެވެ. މި އެންވާރަމެންޓްގައި އުނގަންނައިދޭއިރު ކަރުދާހާއި ޓެކްސްޓްފޮތް ބޭނުންކުރާކަށް ނުޖެހޭނެއެވެ. މި ޕްލެޓްފޯމްގައި އުނގެނުން ކުރިއަށްދާނީ އެންމެ ފަހުގެ އައި.ސީ.ޓީ ޓޫލްސްތައް ބޭނުންކޮށްގެންނެވެ. އެގޮތުން ސްމާރޓްފޯނާއި، ޓެބްލެޓާއި އައިޕެޓްގެ އިތުރުން އެންޑްރޮއިޑްގެ ހުރިހާ ޑިވައިސްތައް މި މާހައުލުގައި ބޭނުންކުރެވިގެންދާނެއެވެ. މީގެ އިތުރުން ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށްގެން ވެސް މި އެންވާރަމެންޓްގައި އުނގެނުން ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ކުލާސްރޫމުގެ އިތރުން އައުޓް ޑޯ ލާރނިންގ އެކްޓިވީސްތައް ގެންދެވޭ މިނިވަންކަމާއެކު ބޭނުންވަގުތަކު ބޭނުންތަނެއްގައި އުނގެނި ދަސްކުރާ މާހައުލެކެވެ. އިޖުތިމާއީ ވިއުގަތަތަކަކުން ގުޅިފައިވާ މި މާޙައުލުގައި އުނގެނުމުގެ އެންމެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެންދެއެވެ (ޕޮވް ޓޫން 2015).

ތަފާތު ވައްތަރުގެ ލާރނިންގ އެންވާރަމެންޓްތަކުގައި އައިސީޓީ ބޭނުންކުރުމުގެ ފައިދާތަކާއި ގެއްލުންތައް.

އައިސީޓީއަކީ އުނގެނުމާއި އުނގަންނައިދިނުމަށް ފަސޭހަ ވަސީލަތެކެވެ. މުދައްރިސުން ފިލާވަޅު ނަގައިދިނުމުގައި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ފިލާވަޅު ތައްޔާރު ކުރެވެއެވެ. ޓީޗަރުންގެ ހުނަރު ބޭނުން ކޮށްގެން ދަރިވަރުން ފިލާވަޅު ފަސޭހައިން ނަގައިގަންނަ ގޮތަށް އެކުދިންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފިލާވަޅު ކުރިއަށް ގެންދެވެއެވެ.  މިގޮތަށް ހެދުމުގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ފުރުޞަތު ލިބުމުގެ އިތުރުން ކުދިން ކިޔަވާ މާޙައުލަކީ އުފާވެރި އަދި ފައިދާކުރުވަނިވި މާހައުލަކަށްވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އުނގެނި ދަސްކުރުމުގެ 3 ގޮތެއްވެއެވެ. އެއީ އަޑުއަހައިގެން ދަސްކުރާކުދިންނާއި ބަލައިގެން ދަސްކުރަކުދިންނާއި އެކަމެއްކޮށްގެން ދަސްވާކުދިނެވެ. މި ތިންބަޔަށް ހަމަގޮތެއްގައި ތަޢުލީމުފޯރުކޮށްދިނުމަށް އައިސީޓީގެ ބޭނުންހިފަންޖެހެއެވެ. ހަމައެފަދައިން ޚާއްސައެހީއަށް ބޭނުންވާކުދިންނާއި، އުނގެނުމުގައި ޚާއްސަހާލަތްތައް ދިމާވެފައިވާ ކުދިންތައްވެސް އުނގަންނައިދޭ މާޙައުލުގައި ޝާމިލުވެގެންދާތީވެ އައި.ސީ.ޓީގެ ވަސީލަތްތައް ކިޔަވައިދޭ މާހައުލުތަކުގައި ބޭނުންކުރުމަކީ ނުހަނު ފައިދާހުރިކަމެކެވެ.
އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން  އުނގެނުމަކީ މާނަހުރުއެއްޗެއްކަމުގައި ދެކިގެން އުނގެނުމުގެ ޒިންމާ އަމިއްލައަށް ނަގައެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަކަންކަން ޙާސިލުކުރެވިގެންދިއުމުގެ އިތުރުން އިންސާނުންގެ ހަމަލޮލަށް ނުފެންނަ ކިތަންމެކަމެއް ދެނެގަނެވެއެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުންތަރައްގީވެ ދިމާވަ އެކިކަހަލަ މައްސަލަ ތައް ހައްލުކުރުމުގެ ޤާބިލުކަން ލިއްބައިދިނުމާއެކު، ދަރިވަރުންގެ ކްރިއޭޓިވް އެންޑް ކްރިޓިކަލް ތިންކިންގސްކިލް ތަރައްޤީވެ ކުރިއަރައިގެންދެއެވެ.

އައި.ސީ.ޓީ ބޭނުންކުރުމުގެ ސަބަބުން ލިބޭގެއްލުންތައް

އައިސީޓީގެ ސަބަބުންލިބޭގެއްލުންތައް ހާމަކޮށްދެއްވުމަށް ނަސްރުﷲ މުސްޠަފާ (2018)، ވިދާޅުވެފައިވަނީ "އައިސީޓީ ވަސީލަތަކީ ދެމިޔަލީ ކަނޑިއެކެވެ. ހެޔޮގޮތުގައި އައި.ސީ.ޓީގެ ބޭނުންހިފަން ދަސްކޮށް ނުދެވިއްޖެނަމަ ދަރިފުޅުގެ އަތަށް އެދެވެނީ ވަރަށް ތޫނު ކަނޑިއެކެވެ."  އެހެންކަމުން މިއީކިތަންމެ ފައިދާހުރި ކަމަކަށްވިއަސް މިކަމާއިމެދު ސަމާލު ނުވެވިއްޖެނަމަ ލިބޭފައިދާތަކަށްވުރެ ގެއްލުން މާބޮޑުކަމަށެވެ.
ނުރަނގަޅުގޮތުގައި އައިސީޓީ ބޭނުންކުރުމުން ލިބޭ ގެއްލުންތަކުގެތެރޭގައި އެހެންމީހުންގެ ފިކުރީ މުދަލަށް ރައްކާތެރި ނުވެވުން ހިމެނެއެވެ. އަދި އަމިއްލަ އަބުރާއި ކަރާމަތަށް އަސަރުފޯރުވާފަދަ މަންޒަރުތައް ސިފަކުރެވޭ ކަންކަންބެލުމާއި ދިރިއުޅުމުގެ އަގުހުރި ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަވުމުގެ އިތުރުން ދީނީގޮތުންނާއި، އަޚުލާގީގޮތުން ހިފަހައްޓަންޖެހޭ އުސޫލުތަކަށް ބުރޫއެރުން ހިމެނެއެވެ. އަދި ކަންކަމުގައި އެންމެ އެކަށޭނަ ތެދު ޚަބަރާއި މަޢުލޫމާތު ދެނެގަންނަން އުނދަގޫވުމާއި، އުމުރާއިނުގުޅޭތަސްވީރާއި ވީޑިއޯފަދަ ތަކެއްޗަށް އެކްސެސްދެވިފައިވުމުގެ ސަބަބުން ދަރިވަރުންގެ އަޚުލާގަށް ނޭދެވޭ އަސަރުފޯރުވައެވެ. ހަމައެހެންމެ ޙަރކާތްތެރިވެ އުޅުމަށް ލިބޭވަގުތު މަދުވެ ސްކްރީންޓައިމް ގިނަވުމުގެ ސަބަބުން އެންޒައިޓީއަށް މަގުފަހިވެ ތަފާތު ޑިސްއޯޑަރތައް ގިނަވެގެންދެއެވެ. އަދި އަގަބަހުން ކުރެވޭ މުޢާމަލާތު މަދުވުމުގެ ސަބަބުން ވާހަކަދެއްކުމުގެ ހުނަރު ދަށްވެ، އެކަކުއަނެކާއޮންނަ އިޖުތިމާއީ ގުޅުންކުޑަވެގެން ދިއުން ހިމެނެއެވެ. އަދި ގިނަވަގުތު އެއްކަމެއްގައި އެންގޭޖުވެގެން އުޅުމުގެ ސަބަބުން ސިއްހަތަށް ނޭދޭވޭ އަސަރުކުރެއެވެ. އަދި މިނޫނަސް މިފަދަ އެތައް ގެއްލުމެއް އައިސީޓިގެ ސަބަބުން އިންސާނުންނަށް ލިބިގެންދެއެވެ.

އުނގެނުމާއި އުނގަންނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާއި ބެހޭގޮތުގެ މަޝްވަރާ

އުނގަންނައިދިނުމުގައި އައި.ސީ.ޓީގެ ވަސީލަތްތައް ބޭނުންކުރުމުން ކުލާސްރޫމުގެ ޓިޗިންގ ފަހިވެގެންދާވަރު  މަތީގައިބަޔާންކުރެވިގެން ދިޔަ ވާހަކަތަކުން ވަރަށް ސާފުކޮށް އެގެއެވެ. އެހެނީ އުންގަނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުން ދަރިވަރުން ކިޔެވުމުގައި ޝާމިލުވެގެންދާވަރާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ ހުނަރުތައް ތަރައްގީވާކަން އެބައެގެއެވެ. ކުރީޒަމާނުގައި އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ހަދައިގެން ގޮސް ހަމައެކަނި އެދައްކާލުމުން އައި.ސ.ޓީ ބޭނުންކުރެވުނީކަމުގައެވެ. ނަމަވެސް އެޒަމާން މާޒީއާއިއެކުވެ މިހާރު މިވަނީ ޓެކްނޮލޮޖީގެ ވަރަށްގިނަ އާލަތްތައް ތަޢާރަފުވެފައެވެ. އެގޮތުން ވަން ލެބް އެންވާރަމެންޓުންފެށިގެން މޮބައިލް ލާރނިންގ އެންވާރަމެންޓާއި ހަމައަށް މިވަނީ އެންމެފަހުގެ ވަސީލަތްތައް ތަޢާރަފުވެފައެވެ. އެހެންކަމުން މިއަދު އަތުގައި ގެންގުޅޭ ސްމާޓްފޯން ބޭނުންކޮށްގެން ވެސް ކުލާސްރޫމް ޓީޗިންގ ގެންދިއުމަކީ އުނދަގޫކަމެއްނޫނެވެ. ހަމައެހެންމެ ގޫގްލް ކުލާސްރޫމާއި. މެންޓިމީޓާރ، ސްލައިޑޯފަދަ އެޕްލިކޭޝަންތައް  މެދުވެރިކޮށްވެސް ތަފާތު ވައްތަރުގެ އުނގަންނައިދިނުން ކުރިއަށް ގެންދެވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަދަ އެއްވެސް ވަސީލަތެއް އިންޓަރެނެޓާއިނުލައި ކުރިއަށް ނުގެންދޭވޭކަމެކެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އުނގަންނައިދިނުމަކީ ކިތަންމެ ފައިދާހުރިކަމަކަށް ވިއަސް އެކަމަކީ އޭގެސަބަބުން ވަރަށްގިނަ ނުރައްކާތަކާއިވެސް ކުރިމަތިލާންޖެހޭ ކަމެއްކަން އިސްވެދިޔަ ވާހަކަތަކުން އެގިގެންދެއެވެ. އެހެނީ މީގެ ސަބަބުން ލިބޭފައިދާއަށްވުރެ ލިބޭގެއްލުން ވެސް މަދުނޫންކަމެވެ. އެހެންކަމުން ކޮންމެގޮތަކަށް އައިސީޓީ ބޭނުންކުރިކަމުގައި ވިއަސް އޭގައި ސަމާލުކަން ދޭނެޖެހޭކަންކަން ވެސް ހުރިކަން ފާހަގަކޮށްލަންޖެއެވެ. އެގޮތުން އިންޓަރނެޓުން މަޢުލޫމާތު ހޯދުމުގައި އެންމެ އެކަށޭނަމަޢުލޫމާތު ހޯދުމަށާއި، ވަގުލުނުކުރުމަށް ސަމާލުކަން ދިނުމަށް ބާރުއެޅުމުގެ އިތުރުން ދީނީގޮތުންނާއި އަޚުލާގީގޮތުން ގެންގުޅެންޖެހޭ އުސޫލުތަކަށް ވެސް ސަމާލުވާންޖެހެއެވެ. އަދި ބޭކާރުގޮތުގައި އިންޓަނެޓް ބޭނުންނުކުރުމަށާއި، ތިމާއާއި އެހެންމީހުންގެ ކަރާމަތަށް ރައްތެރިވާނޭގޮތްވެސް ދަސްކޮށްދޭންޖެހެއެވެ. އެހެންކަމުން ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުން އުނގެނެމުންދާއިރު މުދައްރިސުންނާއި، ބެލެނިވެރިން ވެސް މިކަންކަން ރަނގަޅަށް ދެނެތިބެ މި ގެއްލުންތަކުން ދަރިވަރުން ރައްކާތެރި ކުރުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އިންޓަރނެޓް ބޭނުންކުރުމުގައި މިދެންނެވި ކަންތައްތަކަށް ސަމާލުކަން ނުދެވިއްޖެނަމަ ދަރިވަރުންނަށް ދާންވީ ރަނގަޅުމަގުއޮޅިގެން ދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
2015 ވަނައަހަރުން ފެށިގެން ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން އަންނަ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ މައިގަނޑު 8 ޤާބިލިއްޔަތުގެ ތެރޭގައި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން ހިމެނިފައިވީ ހިނދު ޓެކްނޮލޮޖީގެ ވަސީލަތްތައް އުނގަންނައިދޭ ކޮންމެ މާހައުލެއްގައި ވެސް ބޭނުންކުރަންޖެހެއެވެ. ސަބަބަކީ ހަލުވިކަމާއެކު ބަވަނަވަމުންދާ ދުނިޔޭގައި އުނގެނުމާއި މުޢާމަލާތުކުރުމުގެ ވަސީލަތެއްގެ ގޮތުން ތަފާތު ޓެކްނޮލޮޖީ ބޭނުންކުރުމުގެ ކުޅަދާނަކަން ދަރިވަރުންނަށް ލިއްބައިދިނުމަށެވެ. އެހެންކަމުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މާއުލޫމާތު ހޯދާނޭގޮތާއި އެމަޢުލޫމާތުތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރެވޭނެގޮތްތައް ދަސްކޮށްދިނުމަކީ މިއަދު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފާރާތްތަކެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ މަގުފަހިކޮށްދީ މުދައްރިސުންނާއި ދަރިވަރުން އެއަށް އަހުލުވެރި ކުރުވުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލުކަމުގައި ދެކެމެވެ.

No comments:

Post a Comment