Tuesday, March 14, 2023

 

ސްލައިޑޯއަކީކޮބައިހެއްޔެވެ؟

ސްލައިޑޯއަކީ ޓެކްނޮލޮޖީގެއެހީގައި މުޢާމަލާތުކޮށް ދޭދޭމީހުންގެ މެދުގައި ގުޅުން ދަމަހައްޓައިދޭ ވަސީލަތެއްގެ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އޮންލައިން ޕްލެޓްފޯމެކެވެ. މި ޓޫލް ބޭނުންކޮށްގެން އެކިއެކި ޕްލެޓްފޯމްތަކުގައި އިވެންޓްތަކާއި މީޓީންގތަކާއި، އެޖެންޑާތަކާއި ޑިސްކަޝަންތައް ކުރިއަށްގެންދެވެއެވެ. މީގެއިތުރުން ގިނަމީހުން ބައިވެރިގެން ކުރިއަށްގެންދެވޭ ފަދަ ލައިވް ޕޯލްސްތަކާއި ސުވާލާއި ޖަވާބުގެ ސެޝަންތައް ވެސް މި އެޕްލިކޭޝަންގެ އެހީގައި ކުރިއަށް ގެންދެވެއެވެ. (sli.do s.r.o. 2012-2018).

ސްލައިޑޯއަކީ  ގިނަބަޔަކަށް ފަސޭހައިން އެއްފަހަރާ މަސައްކަތް ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއަރއެކެވެ. އަދި މި ސޮފްޓްވެއަރ ތަރައްގީކޮށް ސްމާޓް ޑިވައިސްތަކުގައި، އޮންލައިން އެޕްލިކޭޝަނެއްގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ.  އެގޮތުން  އޮގަނައިޒްކުރާ ފަރާތްތަކުން ތަފާތު އިވެންޓެއް ތައްޔާރުކޮށް ގިނަމީހުންނަށް އެއިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައެވެ. މިގޮތުން ކޮންމެ އިވެންޓަކަށް ވެސް ވަކިކޯޑެއް ލިބުމުން އެކޯޑުގެ އެހީގައި އޮންލައިން ޑިވައިސްއެއް ބޭނުންކޮށްގެން ވެސް އެއިވެންޓަކަށް ޖޮއިންކުރެވެއެވެ. (Katy Mrvova 2019)، . އެހެންކަމުން މި ޓޫލްބޭނުންކުރުމަށް ކޮންމެ ދަރިވަރަކަށް ވަކި އައިޑީއެއް (އެކައުންޓެއް) ބޭނުންކުރާކަށް ނުޖެހެއެވެ.

ސްލައިޑޯގެ ތާރީޚް

ސްލައިޑޯގެ ތާރީޚަށްބަލާއިރު މި ޓޫލް ވުޖޫދު ވެފައިވަނީ 2012 ވަނަ އަހަރުގައެވެ. ސްލައިޑޯ އަކީ ސްލޯވަކް ޔުނިވާރސިޓީގެ ކިޔަވައިދޭ ގޮތްތައް، ކުރިއަރުވައި ތަރައްޤީކުރުވުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓެއްގެ ތެރެއިން އުފެދުނު ޓޫލް އެކެވެ. އަދި ހަމައެހެންމެ ސްލައިޑޯ މިހާހިސާބަށް އައިއިރު 160،000 އިވެންޓްސްގައި އެތައް މިލިއަން ބައިވެރިން ޝާމިލްކޮށްގެން ގިނަގުނަ ކޮންފަރެންސް ތަކާއި، ބައްދަލުވުންތައް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި، "ސްޕޮޓިފައި" "ލުފްތަންސާ" "ބީ.ބީ.ސީ" އަދި "އޮރެކަލް" ފަދަ މަޝްހޫރު އެތައް ކުންފުނިތަކުގެ ބައްދަލުވުންތައް ވެސް ހިމެނިފައިވެއެވެ (sli.do s.r.o. 2012-2018).

ކާމިޔާބީތައް

2012 ވަނަ އަހަރުން ފެށިގެން މިއަދާއިހަމައަށް މިޓޫލްވަނީ ވަރަށްގިނަ ކާމިޔާބީތަކެއްވެސް ޙާސިލުކޮށްފައެވެ. އޭގެތެރޭގައި ބެސްޓް އިވެންޓް ޓެކްނޮލޮޖީ އެވާރޑް2013، 2014، 2017، ބެސްޓް ޓޫލް އެޓް ދި ފްރެޝް 14 އެވާރޑް، އިވެންޓްސް އިންޑަސްޓްރީ ސަޕްލައަރ އޮފް ދަ އިޔަރ 2015، ބެސްޓް ކޮންފަރެންސް އިންޑަސްޓްރީ ސަޕްލައަރ 2016، އިވެންޓް ޓެކްނޮލޮޖީ އޮފް ދަ އިޔަރ 2016  އަދި ފޯރތު ފާސްޓެސްޓް ގްރޯވިންގ ޓެކްނޮލޮޖީ ކޮމްޕެނީ އިން ސެންޓްރަލް ޔޫރަޕް 2018 ލިބިފައިވެއެވެ. އެހެންކަމުން ސްލައިޑޯއަކީ ވަރަށްގިނަ ފަރާތްތަކެއްގެ މަޤުބޫލުކަން ލިބިގެން ދިޔަ އައި.ސީ.ޓީ ޓޫލްއެއްކަން ހާމަވެއެވެ.

އުނގެނުމާއި އުނގަންނައިދިނުމުގައި ސްލައިޑޯ ބޭނުންކުރަން ޖެހެނީ ކީއްވެ؟

ސްލައިޑޯއަކީ ދަރިވަރުން ވަރަށް ޝައުގުވެރިވާގޮތަކަށް އުފައްދާފައިވާ ޑިޖިޓަލް ޓޫލްއެއްކަމުން އުނގެނުމާއި އުނގަންނައިދިނުމުގައި ވަރަށްގިނަ ގޮތްތޮތަށް މިޓޫލް ބޭނުންކުރެވޭތީއެވެ.  އަދި 21 ވަނަ ގަރުނުގެ އުނގަންނައި ދިނުމުގައި ބޭނުންކުރާ އެހެނިހެން ޓޫލްސްތައް އިންޓަރ ގްރޭޑްކުރެވޭގޮތަށް އިންޓަރެކްޓިވް ފީޗަރސްތަކެއް މި ޓޫލްގައި ހިމެނޭތީއެވެ.

ކިޔަވައިދިނުމުގައި "ސްލައިޑޯ" ބޭނުންކުރާނޭ ގޮތްތައް.

އިވެންޓްސްތަކާއި މީޓިންގތައް އޮގަނައިޒު ކުރެވުމުގެ އިތުރުން އުނގެނުމާއި އުނގަންނައި ދިނުމުގައި ވެސް ތަފާތު އެތައް ގޮތަކަށް  މިޓޫލް ބޭނުންކުރެވެއެވެ. އެގޮތުން ފިލާވަޅުތަކާއި ގުޅުވައިގެން ލައިވްޕޯލް ގެންދިއުމާއި ސުވާލާއި ޖަވާބުގެ ސެޝަންތައް އުފައްދައިގެން ކުރިއަށް ގެންދެވެއެވެ (CBS 2017). މީގެއިތުރުން ފިލާވަޅާއި ގުޅޭގޮތުން ތަފާތު ޑިސްކަޝަން ފޯރަމްތައް އުފައްދައިގެން ކުލާސްތެރޭގައި ދަރިވަރުންގެ ބައިވެރިވުން ހޯދައި ފިލާވަޅުތައް ގެންދެވެއެވެ. އަދި ހަމައެހެންމެ "ސްލައިޑޯ އިންޓަރގްރޭޑް ސްފްޓްވެއަރ" މެދުވެރިކޮށް ގޫގްލް ސްލައިޑާއި، ގޫގްލްޝީޓްގައި ވެސް އުނގެނުމުގެ އެކިހަރާކާތްތައް ގެންދެވެއެވެ (ސްލައިޑޯ 2012-2019). މީގެއިތުރުން ކުލާހުން ބޭރުގައިވެސް އުނގެނުމުގެ ހަރާކާތްތައް ގެންދިއުމަށް މިޓޫލް ބޭނުންކުރެވެއެވެ. 

މިގޮތުން އުނގަންނައިދިނުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތަފާތުވައްތަރުގެ ލާރނިން ސްޓރެޓެޖީސްތައް ބޭނުންކުރެވެއެވެ. ސްލައިޑޯ ބޭނުންކޮށްގެން ފިލާވަޅު ކުރިއަށް ގެންދިއުމަށް މުދައްރިސް އެންމެ ފުރަތަމަ  ކުރަންޖެހޭ ކަމަކީ ސްލައިޑޯގެ އެކައުންޓެއް ކްރިއޭޓްކުރުމެވެ. އެއަށްފަހު އެއެކައުންޓުން ލޮގިންވެ ގެންދަން ބޭނުންވާ އިވެންޓެއް ކުރިއޭޓްކުރާނީއެވެ. މިގޮތަށް ގެންދަން ބޭނުންވާ ޙަރަކާތެއް ރަނގަޅަށް ރާވާލާނީއެވެ. އެއަށްފަހު ދަރިވަރުންނަށް ވެބްސައިޓަށް ވަންނާނެގޮތް ބުނެދީ އިވެންޓްގެ ކޯޑު ހިއްސާކުރާނީއެވެ. ކުލާހުގައި ގެންދާނަމަ މިކޯޑު އަގަބަހުން ނުވަތަ ބޯޑުގައި ލިޔެގެން ވެސް ހިއްސާކުރެވިދާނެއެވެ. ނުވަތަ ދަރިވަރުންގެ ވައިބާރ ގުރޫޕްގައި ވެސް ހިއްސާކުރެވިދާނެއެވެ.  އެއަށްފަހު ދަރިވަރުން އެކޯޑްގެ އެހީގައި އިވެންޓަށް ޖޮއިންކޮށްގެން އެހަރަކާތެއް ކުރިއަށް ގެންދާނެއެވެ. 

ދަރިވަރުން މަސައްކަތްކުރަމުން ގެންދާއިރު ވަގުތުން ދަރިވަރުންގެ މަސައްކަތްތައް މުދައްރިސަށް ފެންނާނެއެވެ. ކުލާހުގައި ޕްރޮޖެކްޓަރ ފަދަ އެއްޗެއް ހުންނަނަމަ ޕޯލްސްތަކުގެ ނަތީޖާ ނުވަތަ ސުވާލާއި ޖަވާބުގެ ނަތީޖާތައް ދައްކާލުމަށް ސްކްރީން ޝެއަރކުރެވެއެވެ. މިގޮތަށް ޑިސްކަޝަން ފޯރަމްތަކާއި މަލްޓިޕްލް ޗޮއިސްއާއި، އޯޕަން ޓެކްސްޓާއި ވޯޑް ކްލައުޑްގެ އިތުރުން ރޭޓިންގ ސްކޭލްވެސް ބޭނުންކުރެވޭނެއެވެ. މީގައި ފާހަގަކޮށްލަން ޖެހޭކަމަކީ ކޮންމެގޮތަކަށް މިޓޫލް ބޭނުންކުރި ކަމުގައި ވިއަސް އިންޓަނެޓްލިބޭ ޑިޖިޓަލް ޑިވައިސްއެއް ބޭނުންވާކަމެވެ.

ޓޫލް އެހެން ދަރިވަރަކަށް ދަސްކޮށްދިނުމުގެ ތަޖުރިބާ

މި ޓޫލް އެހެން ދަރިވަކަށް ދަސްކޮށްދިނުމުގެ ގޮތުން އަޅުގަނޑު އިޚުތިޔާރުކޮށްފައި މިވަނީ އަޅުގަނޑާއެކު މި މޮޑިއުލް ކިޔަވަމުންގެންދާ ދަރިވަރު ފާޠުމަތު ޝާމިލާއެވެ. މިޓޫލް އެދަރިވަރަށް ދަސްކޮށްދިނުމުގެ ގޮތުން ދަރިވަރު ޝައުގުވެރި ކުރުވުމަށް ޓޫލްއާއިބެހޭ ކުރުތަޢާރަފެއް ދިނީމެވެ. އެގޮތުން ސްލައިޑޯއަކީ ކޮބައިކަމާއި އޭގައި ހިމެނޭ ބައިތަކާއި، ކިޔަވައިދިނުމުގައި އޭގެ ބޭނުންކުރާނޭގޮތް ކިޔައިދީ، ސްލައިޑޯ ވެބްސައިޓަށް ވަންނަގޮތާއި ކޯޑު އެންޓާރ ކުރާނެގޮތާއި އިވެންޓަށް ޖޮއިންވާނޭގޮތް ދައްކަމުން ކިޔައިދިނީމެވެ. އެއަށްފަހު ދަރިވަރު އަމިއްލައަށް އެކަންކުރުމަށް ފުރުސަތުދިނީއެވެ. މިގޮތުން ފުތަރަމަ ފަހަރަށް ވެސް އަޅުގަނޑު ކިޔައިދިން ބައިތައް ހަނދާނުގައި ބަހައްޓައިގެން އަމިއްލައަށް ވެބްސައިޓަށް ވަދެ އަޅުގަނޑު ޝެއަރކުރި ކޯޑުގެއެހީގައި އިވެންޓަށް ޖޮއިންވިއެވެ. ދެން އަޅުގަނޑު ހަދާފައިވާ ލައިވް ޕޯލް އެކްޓިވް ކުރުމުން އޭގައިވާ މަލްޓިޕްލް ޗޮއިސް ސުވާލަށް ޖަވާބު ދިނެވެ. އަދި ޕޯލްގެ ނަތީޖާއަޅުގަނޑަށް ފެންނަމުން ދިޔަގޮތް އޭނާއަށް ދައްކަމުން ކިޔައިދެމުން ގެންދިޔައީމެވެ. 

ޓޫލް ދަސްކޮށްދިނުމުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ގެންދެވުނީ ސްލައިޑޯ އައިޑީއެއް (އެކައުންޓެއް) ކްރިއޭޓްކުރުމުގެ ބައެވެ. މިގޮތުން އައިޑީއެއް އުފައްދާނެ ގޮތާއި ލޮގިންގ ވާނޭގޮތާއި އިވެންޓް ކްރިއޭޓްކުރާނޭގޮތް ޑެމަންސްޓްރޭޓްކޮށްދިނީމެވެ. އެއަށްފަހު ދަރިވަރު އަމިއްލަ އައިޑީއެއް ކްރިއޭޓްކޮށް އެއަށް ލޮގިންވެ ލައިވްޕޯލްއެއް ތައްޔާރުކުރިއެވެ. 

ވަޒަންކުރިގޮތް

ދަސްކޮށްދިން ދަރިވަރަށް ދަސްވި މިންވަރު ވަޒަންކުރީ ދެކެވުނު ވާހަކަތަކާއި ހިގާދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރުބްރިކެއްގެ އެހީގައެވެ. މިގޮތުން އޭގައި ހިމެނޭކަންކަން، ތަރުތީބުން ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ގެންގޮސް ސްލައިޑޯއަށް ލޮގިންވެ އިވެންޓެއް ކްރިއޭޓްކޮށް ރުބްރިކްގައި ހިމެނޭ ހުރިހާކަމެއް ކާމިޔާބުކަމާއެކު ހާސިލްކުރިއެވެ. މިގޮތުގެމަތިން އަޅުގަޑު ކިޔައިދިން ބައިތައް އެގެނީ ކިހާމިންވަރަކަށްތޯ ވަޒަންކުރީމެވެ. އަޅުގަނޑުގެ މިފިލާވަޅު ވަޒަންކުރުމަށް ޓޫލްއެއްގެ ގޮތުގައި ބޭނުންކުރި ރްބްރިކް މި ރިޕޯޓްގެ އެޕެނެޑިކްސްގައި ހިމެނިފައިވާނެއެވެ.

ފާހަގަވި ގޮންޖެހުންތައް

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންމެވސް ވަރެއްގެ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ އިންޓަރނެޓް ސްލޯ ވުމުގެ މައްސަލައެވެ. އެކަމުގެ ސަބަބަބުން ޕޭޖް ލޯޑުނުވެގެން އެތައްވަގުތެއް ހޭދަކުރަންޖެހުނެވެ. އެންމެފަހުން އަޅުގަނޑުގެ ފޯނުން ހޮޓްސްޕޮޓް ދޫކޮށްގެން އިންޓަރނެޓް ކަނެކްޓް ކުރަންޖެހުން ވެސް ވެގެންދިޔައީ މިކަންކުރިއަށް ގެންދިއުމަށް ދިމާވި ގޮންޖެހުމަކަށެވެ. ހަމައެހެންމެ ސްލައިޑޯއަކީ ވަރަށްގިނަ ކަންކަން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެޕްލިކޭޝަނަކަށް ވިއަސް ފުރީކޮށް މަސައްކަތް ކުރެވެނީ ހަމައެކަނި ލައިވް ޕޯލްގައި ކަމުން ބޭނުން މަސައްކަތެއް ބޭނުންވާ ގޮތަކަށް ފަރުމާނުކުރެވި ދިއުމަކީ ވެސް ވަރަށްބޮޑު ގޮންޖެހުމަކަށް ވެގެންދިޔަކަމެކެވެ. އެގޮތުން އޯޑިޢޯންސްގެ ސުވާލާއި ޖަވާބުގެ އިވެންޓަކަށް އެކްސެސް ނުލިބުމާއި އެއްވެސް އިވެންޓެއްގައި ސޭވްކޮށްފައިވާ ޑޭޓާތަކެއް އެކްސްޕޯޓް ނުކުރެވުމަކީ ވަރަށް ބޮޑުގޮންޖެހުމެކެވެ. މިގޮތުން ސްލަޢިޑޯގައި ހިމެނޭ މުހިންމު ހުރިހާ ބައިތަކެއް ގަންނަންޖެހޭތީ ބޭނުވާ މިންވަރަށް މަސައްކަތް ކުރިއަށް ނުގެންދެވުނެވެ.

ޓޫލް ބޭނުންކޮށްގެން އަމިއްލަ ކުލާހުގައި ކިޔަވައިދިނުން

މިޓޫލް ބޭނުންކޮށްގެން އަމިއްލަ ކުލާހުގައި 70 މިނިޓްގެ ޕީރިއަޑެއް ގެންދިޔައީމެވެ. އެގޮތުން ފިލާވަޅު ގެންދިއުމަށްޓަކައި ލައިވް ޕޯލްގައި " ދިވެހި މާއްދާއާއިމެދު އަހަރެންގެ ޚިޔާލު، އަދި އެންމެ ރަނގަޅު ޖަވާބު ފާހަގަކުރުން" މި ދެނަމުގައި އިވެންޓްތައް ކްރިއޭޓްކުރީމެވެ. އަޅުގަނޑު މަސައްކަތްކުރީ ސްކޫލުގެ ކޮމްޕިއުޓާރ ލެބަށް ކުދިންގެންގޮސްގެން ފިލާވަޅު ގެންދިއުމަށެވެ. އެއީ އެއްވެސް ކުލާސްރޫމަކަށް އިންޓަރނެޓް ނުލިބޭތީއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވުމުން އަޅުގަނޑު އެފިލާވަޅު ގެންދިޔައީ ކުލާސްރޫމުގައެވެ. 

އެގޮތުން އަޅުގަނޑު ކުލާހަށް ގެންދިޔައީ ތިން ޓެބްލެޓާއި އަޅުގަނޑުގެ ފޯނާއި ލެޕްޓޮޕެކެވެ. އެއަށްފަހު ގްރޫޕެއްގައި 5 ކުދިންހިމެނޭ ގޮތަށް ކުލާސް ގުރޫޕްކޮށް ފިލާވަޅު ގެންދެވޭނެ އިންތިޒާމް ހަމަޖެއްސީމެވެ. މިގޮތުން ކޮންމެ ކުއްޖަކަށް ވެސް އައިސީޓީ ފިލާވަޅުގައި ބައިވެރިވުމުގެ ފުރަސަތު ލިބޭނެކަން ބުނެދީ ފަހަރަކު ގްރޫޕަކަށް ގެންދިޔަ ޑިވައިސްތައް ބޭނުންކޮށްގެން ފިލާވަޅުގެން ދިޔައީއެވެ.  އެއް ގުރޫޕުން އައިސީޓީ ޓޫލްބޭނުންކޮށްގެން މަސައްކަތްކުރި އިރު ދެންތިބި ގުރޫޕްތަކުން ގެންދިޔައީ ދިވެހި ފިލާވަޅުގެ މަސައްކަތް ކުރަމުންނެވެ. 

އައިސީޓީ ބޭނުންކުރާ ގުރޫޕަށް ޑިވައިސްތައް ޙަވާލުކޮށް އަޅުގަނޑުގެ ފޯނުން ހޮޓްސްޕްޓް ދީގެން ހުރިހާ ޑިވައިސަތަކަށް އިންޓެނެޓް ފޯރުކޮށްދިނީމެވެ. އެއަށްފަހު ސްލައިޑޯ ވެބްސައިޓަށް ވަންނަގޮތް ކިޔައިދީ ކޯޑު ހިއްސާކުރީމެވެ. ދެން އެ ކޯޑު ބޭނުންކޮށްގެން ދަރިވަރުން އިވެންޓަށް ޖޮއިންކުރިއެވެ. އެއަށްފަހު ފަހަރަކު ސުވާލެއް އެކްޓިވްކޮށް ދަރިވަރުންގެ ޑިވައިސްތަކުން ސުވާލުފެންންގޮތް ހެދީއެވެ. ދަރިވަރުން މަސައްކަތް ކުރަމުން ދިޔައީ ވަރަށް ހިތްހަމަޖެހިގެން ޝައުގުވެރިކަމާއެކުގައި ކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. މިގޮތުގެ މަތީން ކޮންމެ ގުރޫޕަކަށް ވެސް 10 މިނިޓް ވަންދެން މިޓޫލް ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ފުރުސަތުދީ ފިލާވަޅު ކުރިއަށް ގެންގޮސް ނިންމާލެވުނެވެ. މިއީ ގޮންޖެހުން ތަކަކާއެކު ވެސް  ގެންދެވުނު ކާމިޔާބު ފިލާވަޅެކެވެ. ފިލާވަޅު ނިންމާލެވުނު އިރު ދަރިވަރުންގެ ފަރާތުން ފެނިގެންދިޔަ ޝައުގުވެރިކަމާއި ހިތްހަމަޖެހުން ވެގެންދިޔައީ އަޅުގަނޑަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މި މަސައްކަތާއިމެދު އަޅުގަނޑުގެ ފަހުބަސް

އަހަރެންގެ ޓޫލް ޕްރޮޖެކްޓް ޕްރެޒެންޓޭޝަން ( އެސައިންމެންޓް2) މަސައްކަތް ކުރުމުގެ ތެރެއިން މި މާއްދާއާއި ބެހޭގޮތުން އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ދަސްވެގެން ދިޔައެވެ. އެގޮތުން އުނގެނުމާއި އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުގެ ފައިދާއާއި އައިސީޓީ ޓޫލްއެއް ބޭނުންކޮށްގެން ފިލާވަޅެއް ގެންދާނޭ ތާފަތު ގޮތްތައް ދަސްވެގެން ދިޔައެވެ.

ދަރިވަރުންގެ އުނގެނުން ބިނާވެގެންދަނީ އެދަރިވަރުން އެކަމަކަށް ޝައުގުވެރިކަންދޭ މިންވަރެއްގެ މައްޗަށެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން ދަރިވަރުންގެ ޝައުގުވެރިކަމާއި މޯޓިވޭޝަން އަޅުގަނޑަށް ފެނިގެން ދިޔައީ ހީވެސްނުކުރާފަދަ މިންވަރަކަށެވެ. އެހެންކަމުން އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުގެ މުހިންމުކަން އަޅުގަނޑަށް އެގިގެން ދިޔައެވެ.

މީގެއިތުރުން އަޅުގަނޑަށް ލިބުނު ޓޫލްފިޔަވައި އުނގަންނައި ދިނުމުގައި އައި.ސީ.ޓީގެ ގޮތުގައި، އެހެންޓޫލްއެއް ބޭނުންކުރާނޭ ގޮތް ވެސް ދަސްވެގެންދިޔައެވެ. އެގޮތުން "އެނިމޯޓޯ" އަކީ އަކީ ކޮބައިކަމާއި އޭގެބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ އެޑިޓްކޮށް ސްލައިޑް ޝޯވް ގެންދާނެގޮތާއި ދަރިވަރުންނަށް ޕްރޮޖެކްޓް މަސައްކަތް ގެންދެވިދާނެ ތަފާތުގޮތްތަށް ވެސް ދަސްވެގެންދިޔައެވެ.

ހަމައެއާއެކު މިއީ ކިތަންމެ ފައިދާހުރި ކަމަކަށް ވިއަސް މިކަން ކުރިއަށް ގެންދިއުމަށް ތަފާތު ގޮންޖެހުންތަކެއް ހުރިކަން ވެސް ފާހަގަ ކުރެވުނެވެ. އެގޮތުން ބޭނުންކުރާނެ ޓެކްނޮލޮޖީގެ ވަސީލަތްތައް މަދުކަމާއި ކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އެންމެއެކަށޭނަ ޓީޗަރުން ނެތްކަން ވެސް ފާހަގަވިއެވެ. 21 ވަނަ ގަރުނުގެ ތަޢުލީމުގެ މުހިންމު ކޮމްޕޯނެއްޓެއްގެ ގޮތުގައި ޓެކްނޮލޮޖީ ހިމެނިފައިވާތީ މިއީ މިއަދު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުން ވިސްނާލަންޖެހޭ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

އަޅުގަނަޑުގެ އުންމީދުކުރަނީ މި މާއްދާގެ ކުރިއަށް ހުރި ބައިތަކުންނާއި އަދިވެސް އިތުރުގޮތްގޮތުން އައިސީޓީއަށް އަހުލުވެރި ބަޔަކަށް މުދައްރިސުން ވެގެންދިޔުމެވެ. އަޅުގަނޑުގެ އިޚުލާސްތެރި ދުޢާއަކީ އަޅުގަނޑުމެންނަށް މިލިބޭ މަޢޫލޫމާތާއި ތަޖުރިބާގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ މަގު ތަނަވަސް ވެގެންދިއުމެވެ.

ރިފަރެންސް

CBS. (2017). Teaching and learning. Retrieved from Sli.do: https://blog.cbs.dk/teach/slido/

Katy Mrvova. ( 2019, ޖޫން 11). 13 Ways We at Slido Use Slido. Retrieved from https://blog.sli.do: https://blog.sli.do/slido-use-cases/

sli.do s.r.o. (2012-2018). About Slido. Retrieved from https://press.sli.do: https://press.sli.do/about/

slido (Director). (2018). How to use Slido at your event [Motion Picture].

ދިވެހިބަހުގެ އެކަޑެމީ. (2014). ބަސްފިރް. Retrieved from ރަދީފު.އެމް.ވީ: http://radheef.mv/index.php

ސްލައިޑޯ. (2012 - 2019). ސްލައިޑޯ އިންޓަރ ގްރޭޝަންސް. Retrieved from https://www.sli.do:













No comments:

Post a Comment