Saturday, February 10, 2024

ޗުއްޓީ ދަތުރު


ޗުއްޓީ ދަތުރު

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ މެދު ޗުއްޓީއެވެ. އަހަރެންނާއި އަހަރެންގެ އާއިލާ ރ. އުނގޫފާރަށް ދިއުމަށް ރޭވީމެވެ. އެދަތުރުގައި އަހަރެންނާއި އަހަރެންގެ އާއިލާގެ ދެމެންބަރަކު ވެސް ބައިވެރިވިއެވެ. އުނގޫފާރަށް ދިއުމަށް ޓަކައި އަހަރެމެން ފުރީ ހުކުރު ދުވަހުގެ ރޭ 11:45 ގައި މޯލްޑިވިއަން Q2288 ގެ  ފްލައިޓުންނެވެ. އަހަރެމެން ދަތުރުކުރި ފްލައިޓް އިފުރު އެއާޕޯޓަށް ޖެއްސީ އެރޭ 12:25 އެހައިކަށްހާއިރުގައެވެ.

އަހަރެމެން ބަލައި އެއާޕޯޓަށްދިއުމަށް ހަމަޖެހިފައިވާ ލޯންޗް އައުން ލަސްވެގެން އިފުރު އެއާޕޯޓުގެ ގިމަތައިގައި އިރުކޮޅަކު އަހަރެން މަޑުކޮށްލަންޖެހުނެވެ. ނަމަވެސް މާގިނައިރެއްނުވެ އެއަރޕޯޓުގެ ބަގީއެއްގައި އަހަރެމެންގެ ފޮށިތަންމަތި ޖެޓީއަށް ގެންދިޔައެވެ.

އަހަރެންނަށް އުނގޫފާރަށް ދެވުނީ އެރޭގެ 12:50 އެހައިކަށް ހައިއިރުކަމުން އެންމެފުރަތަމަ ވެސް އަވަސްވެގަތީ އަހަރެމެން ތިބެން ހަމަޖެހިފައިވާ ގެއަށް ދިއުމަށެވެ. އަހަރެމެންނަށް ގެއާއި ހަމައަށް ދެވުނުއިރު އިންތިޒާރުގައި އެގޭގައި ދިރިއުޅޭ އަހަރެންގެ އާއިލާގެ އެހެން ދެކުއްޖަކު މަގުމައްޗަށް ނިކުމެ ތިއްބެވެ.

މިދަތުރުގައި އަހަރެމެން ވަރަށް ގިނަކަންތައްތައް ކުރީމެވެ. އެންމެ ފުރަމަ ހެނދުނުގެ ސަޔަށް ފަހު އަހަރެމެނެ ދިޔައީ އަތިރިމައްޗަށެވެ. އެތާގައި ވަރަށްގިނަ ޖޯލިފައްޗާއި އޮނދޯލިތައް ވެސް އެލުވާފައި ހުއްޓެވެ. އަދި މޫދަށް އެރުމަށްފަހު ފެންވެރޭގޮތަށް ހަދާފައިވާ ފެން އިސްކުރުތަކުގެ އިތުރުން ކުޑަކުދިން މޫދަށް އެރެން ބޭނުންކުރާކަހަލަ ރިންގާއި އެފަދަ އެހެންސާމާނުތައް ވެސް ހުއްޓެވެ. އަހަންނާއި އެކުގައި ދިޔަ ކުދިން މޫދަށްއެރުމާއި ތަފާތު އެކިއެކި ކުޅިވަރުތައް ކުޅުމަށްފަހު އެނބުރި ގެއަށް އައީ 10:45 ހައިއިރުއެވެ. އެއަށްފަހު އެންމެން ފެންވަރައިގެން މެންދުރުނަމާދުކުރިއެވެ. އޭގެފަހުން ދެންއޮތީ މެންދުރުގެ ކެއުމެވެ. ކާންހުރީ ބަތާއި ގަރުދިޔައާއި ތެލުލި މަހެވެ.

އަހަރެމެން 5 ދުވަސް ވަންދެން އެރަށުގައި ހޭދަކުރުމަށްފަހު އެނބުރި މާލެއައީ ކްރިސްޓަލް ސްޕީޑު ލޯންޗްގައެވެ. އެ ދަތުރުގައި އެރަށުގައި ހޭދަކުރި ދުވަސްތަކަކީ އެތައް އާ ތަޖުރިބާތަކެއްކުރެވުނު ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދަތުރެކެވެ. 



`              


     ޤައުމިއްޔަތަކީ............

އާދެ، ޝައްކެއްވެސް ނެތް. ޤައުމެއް މިނިވަންކަމާއެކު ގައުމެއް ގައުމެއްގެ ގޮތުގައި ބިނާކުރެވޭނީ އެތަނެއްގައި ދިރިއުޅޭ މީހުން ކިބައިގައި ޤައުމިއްޔަތުގެ ރޫހާއި ވަޠަނިއްޔަތުގެ ސިފަތައް ހުރެގެން. ގައުމިއްޔަތުގެ ވާހަކަ ދައްކާއިރު  އެންމެފުރަތަމަ ވެސް ޤައުމިއްޔަތަކީ ކޮބައިތޯ ބަލާލަންޖެހޭ. އާދެ، ޤައުމިއްޔަތުގެ މާނަ އެއް ޖުމުލައިން ބުނާނަމަ ބުނެދެވޭނީ ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމޭ. ނުވަތަ ޤައުމުގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައި އޮންނަ ޤަދަރާއި ލޯތްބޭ.

ޤައުމިއްޔަތު ބިނާވެގެންވަނީ މައިގަނޑު ހަތަރުބަހާއެއްގެ މައްޗަށް. އެއީ މާތްވެގެންވާ އިސްލާމްދީން، ދިވެހިންގެ ޘަޤާފަތާއި އާދަކާދަ، އަދި ދިވެހިންގެ އެންމެބޮޑު ފަޚުރު ކަމުގައިވާ ދިވެހިބަހާއި ދިވެހިންގެ މިނިވަންކަން. މީގެތެރެއިން މިއަދު މިސް އަލިއަޅުވާލާނީ  މިދެންނެވި ބަހާތަކުގެ ތެރެއިން ދިވެހިންގެ ބަހާއި މިނިވަންކަމުގެ މައްޗަށް. އަމިއްލަ ބަހެއް އޮތުމަކީ އެބައެއްގެ މިނިވަންކަން ހާމަކޮށްދޭކަމުގެ އަލިގަދަ ހެއްކެއް. އެގޮތުން ބަހަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އެއްބައިވަންތަ ކުރުވައި އެއްބައެއްގެ ގޮތުގައި ހިފަހައްޓައިދޭ ބިންގާ. އަމިއްލަ ބަސްދެކެ ލޯބިވުމަކީ ޤައުމުދެކެ ލޯބިވުން، އެބަހުން ސާފުސީދާކޮށް މުޢާމަލާތު ކުރުމީ ޤައުމިއްޔަތު އިސްކުރުން.

 

ދިވެހި ޤައުމިއްޔަތަށް އާރޯކަމާއި ތާޒާކަން ގެނުވައިދެނީ ދިވެހިބަހުން. މިފަދަ ޚާއްސަ ލަފުޒުތަކެއް ދިވެހި ބަސްކޮށާރުގައި ހިމެނޭކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް. އެގޮތުން ބޭނުންކުރެވޭ ބައެއް ލަފުޒުތަކުގެ ތެރޭގައި ހިތްހެޔޮވުމާއި ހިތްތިރިވުން ހިނިތުންވުމާއި ހީވާގިވުން ހެޔޮވިސްނުމާއި ހަމަހަމަކަން، ޚުލްގުވެރިކަމާއި، ޝުކުރުވެރިވުން އެކުވެރިކަމާއި އޯގާތެރިކަން އަގުހިފެހެއްޓުމާއި، އަގުވަޒަންކުރުން ފަދަ ލަފުޒު ތަކަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ބޭނުންކުރެވޭ ވަރަށް މުހިންމު ލަފުޒުތަކެއް. އަދި މި ރީތި ހިތްގައިމު ލަފުޒުތައް އެހެނިހެން ބަސްބަހާ މަސްހުނިކޮށް، އެބަހަށް އިހާނާތްތެރިވުމަކީ ޤައުމިއްޔަތަށް ގޮންޖަހާލުން.

އެހެންކަމުން މިނިވަން ޤައުމެއް ބިނާކޮށް އެގޮތުގައި ދެމިތިބުމަށްޓަކައި ދިވެހިންގެ ބަސް އާދެ ދިވެހިބަސް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޤައުމިއްޔަތު ދިރުވައި އާލާކުރަން މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް. އަދި އެއީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއެއް.

އާދެ، ދެންއޮތީ ޤައުމިއްޔަތުގެ އެއްބަހާ ކަމުގައިހިމެނޭ ޤައުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމު މިނިވަންކަންމަތީ އަބަދަށް ދެމިއޮތުމަކީ ނާރުތަކުގައި ދިވެހިލޭހިނގާ ކޮންމެ ދިވެއްސެއްގެ އުންމީދު. އަޅުގަނޑުމެންނަކީ ފެއްސާ ރަތާއި ހުދު ރަމްޒުކޮށްދޭ މިނިވަން ދިދައެއްގެ ހިޔަލުގައި މިނިވަންކަމާއެކު ދިރިއުޅެމުންދާ މުސްތަގިއްލުބައެއް. ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ކާބަފައިން އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާއިން ޢިބުރަތް ލިބިގަނެ މިޤައުމު މިނިވަންކަންމަތީ ދެމެހެއްޓުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތިޔަކުދިން ތައްޔާރަށް ތިބެންޖެހޭނެ. ފުރާނަ އަތްމަށްޗަށް ލައިގެން އަލިރަސްގެފާނު ފަދައިން، އުތީމު މަހާރަދުން ފަދައިން އަދި ކީއްތޯ؟ ޝަހީދު ހުސައިން އާދަމްފަދަ ޤައުމީ ބަޠަލުން ޤައުމަށްޓަކައި އެބޭބޭފުޅުންގެ ލެއާއި ފުރާނައިން ޤުރުބާންވިފަދައިން ތިޔަކުދިން ވެސް މިނިވަން ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމީވަންތަކަން ކުރިއަށްނެރެ، ޤައުމީ ރޫޙު އިސްކުރަންޖެހޭ.

ކޮންމެއަކަސް ޤައުމިއްޔަތާއިބެހޭގޮތުން ކިތަންމެ ދިގުކޮށް ވެސް ވާހަކަ ދެއްކިދާނެ. އެހެން ނަމަވެސް ވަގުތުގެ ދަތިކަމާއެކު އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ ވެސް މިދިވެހި ޤައުމު މިނިވަންކަން މަތީ އަބަދުމެ ލެހެއްޓެވުން. ދިވެހިބަހަށް އާރޯކަމާއި ތާޒާކަން ލިބި އެބަސް ދިރިގެންދިއުން.

        މާޒީގެ އުޖާލާ މަންޒަރުތައް    މާރީތި އުފާވެރި ކުރެހުންތައް

         ދާތީއަދު ހާމަވަމުން ކުލަތައް   ތާރީޚުއަލު މިއިޢާދަވަނީ