Tuesday, December 31, 2019

ޢެކުލެވިފައިވާ ބައިތަކާއިމެދު ޢިލްމީ ނަޒަރަކުން:

2.1- ޖުމުލައިގެ ބާވަތްތައް:

   ޖުމުލައަކީ ފުރިހަމަ މާނައެއްދޭހަވާގޮތަށް އަތުރާލެވިފައިވާ ބަސްތަކެކެވެ. (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1984). ދިވެހި ބަހާއި ތާރީޚަށް ޚީދުމަތްކުރާ ޤައުމީ މަރުކަޒު (1984) އިން ދިވެހި ބަހުގެ ޤަވާއިދު ފޮތުގައި ޖުމުލައިގެ ބާވަތްތަކުގެ ގޮތުގައި، ބަޔާނާއި، ސުވާލާއި، އަމުރު ތަފްސީލްކޮށްދީފައިވެއެވެ.
ބަޔާނަކީ، މީހަކާއިމެދު، އެއްޗަކާއިމެދު، ތަނަކާއިމެދު، ވަގުތަކާއިމެދު، ނުވަތަ ކަމަކާއިމެދު އެއްޗެއް އަންގައި ދިނުމަށް ބުނާ ބުނުމެކެވެ.
ސުވާލަކީ، ކަމެއް އޮޅުންފިލުވުމުގެ ގޮތުން އަހާ އެހުމެކެވެ.
އަމުރަކީ ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ގޮތުން ބުނާބުނުމެކެވެ.

 ތާވަލް 1: ޖުމުލައިގެ ބާވަތްތައް ހާމަކޮށް ދޭން ސާނަވީ ދިވެހި ފޮތުގައި މުހައްމަދު އާމިރު، (2006) ބޭނުންކޮށްފައިވާ މިސާލު

ޖުމުލައިގެ ބާވަތް
މިސާލު
އިތުރު ތަފްސީލް
ބަޔާން
1 - ޝަކީލް އަކީ އަހަރެންގެ ބޭބެއެވެ.
ފުރަތަމަ ޖުމުލައިގައި އެވަނީ މީހަކާއިމެދު އެއްޗެއް އަންގައިދީފައެވެ.
ސުވާލު
1- މިހާރު ގަޑިން ކިހާއިރެއްތަ؟
 ފުރަތަމަ ޖުމުލައިގައި އެވަނީ ވަގުތު އޮޅުންފިލުވައިދިނުމުގެ ގޮތުން އަހާފައިވާ އެހުމެކެވެ.
އަމުރު
1- ތިޔަކުދިން ކުލާހުގައި އަޑުގަދަ ނުކުރާށެވެ!
މިއީ ކުލާހެއްގެ ކުދިންނަށް އަޑުގަދަ ނުކުރުމަށް އަންގާފައިވާ އެންގުމެކެވެ.

ނަންއިތުރު

            މުޙައްމަދު އަމީން (1368) އާއި ޢަބްދުﷲ ޞާދިޤު (1993) އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރައްވާފައި ވަނީ ނަންއިތުރަކީ ނަމަކަށް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. ވީމާ، އެއީ މީހެއްކަން ތަނެއްކަން ނުވަތަ އެއްޗެއްކަން ދޭހަކޮށްދޭ ބަހަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފްޒެއްގެ އިތުރުން ސިފަ ގެނެސްދޭ ބަސްތަކަކީވެސް ނަންއިތުރެވެ. (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒް, 1993)
މިސާލު: ހީވާގި ކުއްޖެއް     ސާފު މޫދެއް  
    އަދި ނަންއިތުރަކީ ނަމެއްގެ ސިފަ ނުވަތަ ބަޔާނެއް ގެނައުމަށްޓަކައި އެ ރައްދުވާ ނަމުގެ ކުރިއަށާއި އެ ނަމުގެ ފަހަތަށް ވެސް ގެނެވޭ ލަފުޒެކެވެ. އެގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ބަޔާންކުރައްވާފައިވާ ނަންއިތުރު ގެނެވޭ ގޮތްތަކާއި ބައެއް މިސާލު ތާވަލް 2ގައި އެވަނީއެވެ. ޖުމުލައިގައި ދަށު ރޮނގަކުން ދަމާފައި  އެ ވަނީ ނަންއިތުރުތަކުގައެވެ.
     ދިވެހިބަހުގެ ޤަވާއިދު ފޮތްތަކުގައާއި ސާނަވީ ދިވެހި ފޮތުގައި ވާގޮތުގައި، ނަންއިތުރު؛ ސިފަ ބަޔާންކުރާ ނަންއިތުރާއި،  މިންވަރު އަންގައިދޭ ނަންއިތުރާއި، ވަނަ ބަޔާންކުރާ ނަންއިތުރަކީ ދިވެހިބަހުގައި ބޭނުންކުރެވޭ ތިން ބާވަތުގެ ނަންއިތުރެވެ. މިސާލަކަށް "ރަތް މަލެއް" މިހެން ބުނުމުން "ރަތް" މި ލަފްޒު މިބަޔާންކޮށްދެނީ މަލުގައިވާ ސިފައެކެވެ. "ތިން މީހުން" މިހެން ބުނުމުން (ޢަބްދުﷲ ޞާދިޤް، 1993)"ތިން" މި ލަފްޒު ބަޔާންކޮށްދެނީ މީހުން ތިބި މިންވަރެވެ. އަދި "ހަވަނަ ފިލާވަޅު" މިހެން ބުނުމުން "ހަވަނަ" ބަޔާންކޮށްދެނީ އެއީ ކިތައްވަނަ ފިލާވަޅުކަމެވެ. މީގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރެވޭ ބާވަތަކީ ސިފަ ބަޔާންކުރާ ނަންއިތުރު ކަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރައްވާފައި ވެއެވެ.

ތާވަލު 2ސިފަ ބަޔާންކޮށްދިނުމުގެ ގޮތުން ނަންއިތުރު ބޭނުންކުރެވޭ ތަފާތު ގޮތްތައް


ނަންއިތުރު ބޭނުންކުރެވޭ ގޮތްތައް
މިސާލު
ނަމުގެ ކުރިޔަށް
ފުޅާ މަގެއް
ނަމުގެ ފަހަތަށް / ޖުމުލައިގެ ޚަބަރުގެ ގޮތުގައި
އޭނާ ކުޅަދާނައެވެ.
އެތައް ނަންއިތުރެއް އެކުގައި
ރީތި، ފުރިހަމަ، އާ ގެއެއް
އިބާރާތުގެ ގޮތުގައި (ފްރޭޒް)
މިއީ އަހަރެން ދިހަ އަހަރު ކުރިން ދެކެފައިވާމީހެކެވެ
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު 1،2،3،4. މާލެ: މުޞައްނިފް.
  އަދި މީގެ އިތުރުން ދެ ނަން އެކުވެގެން އުފެދިފައި ހުންނަ ނަންނަމަށް ތަފާތު ހަތަރު ގޮތަކަށް އަދަދު/މިންވަރު ބަޔާންކުރާ ނަންއިތުރު ގެނެވިދާނެކަމުގައި ޢަބްދުﷲ ޞާދިޤު (1993) ހާމަކުރައްވައެވެ. މިގޮތުގެ މިސާލުތައް ތާވަލު 2ގައި އެވަނީއެވެ.

ތާވަލު 3ދެ ނަން އެކުވެގެން ހެދިފައި ހުންނަ ނަންނަމާއެކު އަދަދު ބަޔާންކުރާ ނަންއިތުރު ބޭނުންކުރެވޭ ގޮތްތައް

ނަންއިތުރު ބޭނުންކުރެވޭ ގޮތް
މިސާލު
ފަހަތަށް އޮންނަ ނަމުގެ ކުރިޔަށް
ފިނިފެން ތިން މާ
ދެ ނަން އިސްފަސްކޮށްގެން އެ ނަމުގެ ކުރިޔަށް
ތިން މާ ފިނިފެން
މިބާވަތުގެ ނަމުގެ ކުރިޔަށް
ތިން ފިނިފެންމާ
ބާވަތް ބަޔާންކުރުމާއެކު ފަހަތަށް އޮންނަ ނަމުގެ ކުރިޔަށް
ފިނިފެން މަލުގެ ތިންމާ
ސޯސް: ޢަބްދުﷲ ޞާދިޤު. (1993) ބަހުގެ ހަމައިގެ އަތްމަތީ ފޮތް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ނަންއިތުރުގެ ގޮތުގައި ބައެއް ފަހަރަށް "ކަން" ބޭނުންކުރެވޭ ކަމުގައި މުޙައްމަދު ޖަމީލް (1970) އަދި ރާމިޒު އަލީ (2011) ހާމަކުރައްވާފައިވެއެވެ. މިގޮތުން ގެނެވޭ ވާކަމުގެ ފަހު އަކުރުގުބައެއްގޮތުގައި އަބަފިލި ދެފިލި،  ބައެއް ގޮތުގައި ފުށަތުފިލި ދެފިލި، ބައެއްފަހަރަށް އޯބޯފިލި،  އަދި ކަމުގެ ފަހަތަށް އިބިފިލި ޖެހިގެންވާ ނޫނަކާއި އިބިފިލި ޖެހިގެންވާ ވާވެއް އިތުރުކުރެވޭ ކަމުގައި ރާމިޒު އަލީ (2011) ހާމަކުރައްވާފައިވެއެވެ. އަދި މިސާލުގެ ގޮތުގައި "ލިޔާ ގަލަން"، އިވޭ އަޑު" "ބޯ ފެން" އަދި "ވަނިވިހައިތަކެތި" މި ލަފްޒުތައް ބަޔާންކުރައްވާފައިވައިވެ.
ހަމަމިއާއެކު ނަންއިތުރުގެ ގޮތުގައި ބައެއް ފަހަރަށް ނަމުގެ ބޭނުން ކުރެވެ އެވެ. މިގޮތުން "ބަނބުކެޔޮގަސް"، މި ލަފުޒުގައި ބަލާއިރު "ބަނބުކެޔޮ" މިއީ ނަންއިތުރެވެ (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2004).

2.3- ލަފުޒު ވަކިކުރުން:

      ލަފުޒުތައް ވަކިކޮށްގެން ލިޔުމަކީ ލިޔާލިޔުމުގެ މާނަ އޮޅުންނާރާ ގޮތަށް އަދި ލިޔުންތެރިޔާ ފާޅުކުރަން ބޭނުންވާ ޚިޔާލުތައް ފުށުނާރާގޮތަށް ލަފުޒުތައް ވަކިތަރުތީބަކުން އަތުރައިލުމެވެ. މިގޮތުން ލަފްޒު ވަކިކޮށް ލިޔުމުގެ ޤަވާއިދުގައި ދިވެހިބަހުގެ އެކަޑަމީ (2013) ބަޔާންކޮށްދެއްވާފައިވާ ތަފާތު 19 ހަމައެއް ތާވަލު 4ގައި އެވަނީއެވެ.

ތާވަލުލަފުޒުވަކިކޮށް ލިޔުމުގެ ހަމަތަކާއި އޭގެ މިސާލު

###
ލަފުޒު ވަކިކޮށް ލިޔުމުގެ ހަމަ
މިސާލު
1
ދިވެހި ބަސް ބެހިގެންވާ މައިގަނޑު ބައިތަކުގެ ތެރެއިން އަކުރު ފިޔަވައި   އެހެން ބައިތައް ވަކީން ލިޔުން.
ރީތި ލިޔުމަކީ ލޮލުގެ މިޔުޒިކެވެ.
2
އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް މެހޭ ލަފުޒާ ވަކި ނުކޮށެވެ. ވަކިން ލިޔާނީ އެއްވެސް ހާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ.
- އޭނާ ވެސް (މެހޭ އަކުރެއް ނޫން)
- އޭނާއަށް (މެހޭ އަކުރެއް)
3
ގިނަ ކުރުމުގެ އަކުރުކަމުގައިވާ "ތައް"، "މެން"، "ފަހަރު"، "އިން"، "ން" މި އަކުރުތައް ގިނަކުރާ ލަފުޒާ ގުޅުވައިގެން ލިޔުން
ފޮތްތައް، އަހަރެމެން، ދޯނިފަހަރު، މައިން، މުދިމުން
4
ލަފުޒެއް ތަކުރާރުކޮށް ލިޔާއިރު އެ ދެ ލަފުޒު ގުޅުވައިގެން ލިޔުން
ގަސްގަސް، ރީތިރީތި، ލަސްލަހުން،
5
ނަމެއް އެކަހެރި ކުރުމަށް ނަމުގެ ފަހަތަށް އިތުރުކުރާ "އެއް" މި އަކުރު ނަމާ ވަކިނުކޮށް ލިޔުން
ގޮނޑި-ގޮނޑިއެއް
6
އިޝާރާތުގެ ނަން ކަމުގައިވާ "އެ"، "މި"، "ތި"، "ތިޔަ" ފަދަ ނަންތައް ވަކީން ލިޔުން
އެ މީހާ، ތި ފޮތް، މި ފިހާރަ
7
"ހަމަބަސް" ލިޔާއިރު ދެ ލަފުޒު އެކުގައި ލިޔުން
ގޮތެއްފޮތެއް، ތަނެއްދޮރެއް
8
"އިދިބަސް" ލިޔާއިރު ދެ ލަފުޒު އެކުގައި ލިޔުން
ވާނުވާ، އުޅޭނޫޅޭ
9
މީހަކަށް ނުވަތަ އެއްޗަކަށް ނިސްބަތްކުރުމުގެ އަކުރު ކަމުގައިވާ "ގެ" އެ ނިސްބަތްކުރާ ފަރާތާ ގުޅުވައިގެން ލިޔުން
ފޮތުގެ ގަނޑެއް، ކަނޑުގެ ލޮނުގަނޑު
10
ޖުމުލަ ފުރިހަމަކޮށްދޭ އަކުރު "އެވެ" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން
އަންނާނެއެވެ. ދޮށްޓެވެ.
11
"އަށް" ފަދަ ކުރީގައި އޮންނަ ލަފުޒާ މެހޭ އަކުރުތައް އެ ލަފުޒަކާ ގުޅުވައިގެން ލިޔުން
ބަދިގެއަށް، އިތުރަށް. ދޯންޏަށް
12
ކަންއިތުރު ހެދުމަށްޓަކައި އިތުރުކުރެވޭ "މުން"، "ގެން"، "ފައި" މި އަކުރުތައް ކަމާ ގުޅުވައިގެން ލިޔުން
ބަލަމުން، ގޮވައިގެން، ދުވެފައި
13
"އިން"، "އަކީ"، "އަކު" ފަދަ އަކުރުތައް އޭގެ ކުރީގައި އޮންނަ ލަފުޒާއި ގުޅުވައިގެން ލިޔުން
ގެއިން، އޭނާއަކީ، މީހަކު
14
ނަފީގެ އަކުރުތައް ނަފީކުރެވޭ ލަފުޒާ ވަކިނުކޮށް ލިޔުން
ރަނގަޅު-ނުރަނގަޅު، ހަދާނެ-ނަހަދާނެ
15
ސުވާލުގެ އަކުރުތައް ކަމުގައިވާ "ތަ"، "ތޯ"، "ހޭ" މި އަކުރުތައް އޭގެ ކުރިއަށް އަންނަ އަކުރާ ގުޅުވައިގެން ލިޔުން
ކިހިނެއްތަ؟ ކިހިނެއްތޯ؟ ކާކުހޭ؟
16
އާނ ބަސް ބުނުމުގެ ގޮތުންނާއި ބަސް ގަދަކުރުމުގެ ގޮތުން ބޭނުންކުރާ "ދޯ"، "އުތަ"، "ތާ" ފަދަ އަކުރުތައް އޭގެ ކުރިޔަށް އަންނަ ލަފުޒާ ވަކީން ލިޔުން
އަންނާނަން ދޯ؟ މަ ބުނިން ތާ! އެހެން ބުނިން އުތަ؟
17
ހ. އަދަދު ލިޔާއިރު އަދަދު ކުރެވޭ ނަމާ ވަކީން އަދަދު ލިޔުން
ށ. ހިސާބު އަދަދު ލިޔާއިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ.
ނ. ވަނަ ބަޔާންކުރާ އަދަދު ލިޔާއިރު އަދަދުގެ ވަނައާ ގުޅުވައިގެން ލިޔުން
ދެ ކުދިން، ފަސް މީހުން
ފަސް ސަތޭކަ، ހަތަރު ހާސް
އެއްވަނަ، ބާރަވަނަ
18
އެންމެ މާތް ދަރަޖައިގެ ގޮތަށް ނަން ބޭނުންކުރާއިރު ބޭނުންކުރާ "ފުޅު"، "ކޮޅު"، ފޮދު" އެ ނަމާ ގުޅުވައިގެން ލިޔުން
ވިސްނުންފުޅު، ގަމީސްކޮޅު، ސައިފޮދު
19
މިންވަރެއް ދޭހަކުރުމަށް ބޭނުންކުރާ "ކޮޅު"، "ފޮދު"، "ގަނޑު" އޭގެ ކުރިއަށް އަންނަ ނަމާ ގުޅުވައިގެން ލިޔުން
ފެންފޮދު، ބަތްކޮޅު، ހިލަގަނޑު
ސޯސް: ދިވެހިބަހުގެ އެކެޑަމީ. (2013). ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު. މާލެ: މުޞައްނިފް.

 3.1- ޖުމުލައިގެ ބާވަތްތައް

ވާހަކަ "ގޯޅިތެރެ":
ޖުމުލަ ގޮތެއްގައި ލިޔުމުގައި ބޭނުންކޮށްފައި ވަނީ ޖުމުލައިގެ ބާވަތްތަކުގެ ތެރެއިން ބަޔާނެވެ. ނަމަވެސް ސުވާލާއި އަމުރު ކަމަށް ބެލޭވޭ ޖުމްލަ މަދުކަން ވަނީ ފާހަގަ ކުރެވިފައެވެ.

ތާވަލް 5؛ "ގޯޅިތެރެވާހަކައިން ނަގައިފައި ވާ ބައެއް ޖުމުލަ


ބަޔާން
ސުވާލު
އަމުރު
އުކަމުން އައީ ޙަޔާތުގެ ބައެއް ސަފްޙާތެކެވެ.  
ލީނާޒު ކިހިނެއްތަ؟
ހަމަ މިހާރު ގެއަށް ހިނގާ!

ތާވަލް 5 ގައި ހިމަނައިފައި ވާ ފުރަތަމަ ޖުމުލައަކީ ބަޔާނެކެވެ. އެހެނީ ޖުމުލައިގައި އެ ވަނީ ކުރަމުންއައި ކަމަކަށް (އުކަމުން) އަށް އިޝާރާތް ކޮށްފައެވެ. ފަހެ، އުކަމުން އައީ ކޮންއެއްޗެއްކަން އަންގައިދީފައެވެ. އަދި ހަމައެހެންމެ 2 ވަނަ ޖުމުލައިގައި އެވަނީ ކޮންމެވެސް ކަމެއް އޮޅުން ފިލުވަން މަސައްކަތް ކޮށްފައެވެ. މިސާލަކަށް "ލިނާޒް ކިހިނެއްތަ؟" މި ޖުމުލައިން ދޭހަވަނީ ލިނާޒްގެ ހާލު އޮޅުން ފިލުވަން އުޅޭކަމެވެ. އަދި "ހަމަ މިހާރު ގެއަށް ހިނގާ!" މިއިބާރާތުން އެއީ އަމުރުގެ ޖުމުލައެއްކަން ދޭހަކޮށްދެއެވެ. އެހެނީ އެ ޖުމުލައިގައި ކަމެއް ކުރުމަށް (ގެއަށް އަންނަން) އަންގައެވެ. 
ވާހަކަ 2 "ވިސްނުނީ މާފަހުންނެވެ"

ތާވަލް 6؛ "ވިސްނުނީ މާފަހުންނެވެ." ވާހަކައިން ނަގައިފައިވާ ބައެއް ޖުމުލަ


ބަޔާން
ސުވާލު
އަމުރު
ދަރިފުޅުގެ ބައްޕަވީތަނެއް މަންމަ އަކަށް ނޭގެ އެވެ.
ވީއިރު ބައްޕަގެ ލޯތްބާއި ބައްޕަގެ ތަނަވަސްކަމުން އަޙުމަދު މަޙުރޫމު ކުރަން މަންމަ މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟
"ދެން އަވަސް ކުރަމާ އުޅޭ" ކޮންމެވެސް ދިމާލަކުން ކަތީބުބެ ބުނުއްވި އަޑު އިވުނެވެ.
     
ތާވަލް 6 ގައި އެކުލެވޭ "ވިސްނުނީ މާފަހުންނެވެ." މިވާހަކައިން ނަގާފައިވާ ޖުމުލައިގެ ބައެއް މިސާލުތަކެވެ.  ފުރަތަމަ ޖުމުލައިގައި "ދަރިފުޅުގެ ބައްޕަވީތަނެއް މަންމަ އަކަށް ނޭގެ އެވެ." މި އިބާރާތުން ބައްޕަވީތަނެއް މަންމައަށް  ނޭގޭކަން އަންގައިދެއެވެ. އެހެން ކަމުން އެއީ ބަޔާނުގެ ޖުމުލައެއްކަން ދޭހަކޮށްދެއެވެ. އަދި ދެވަނަ ޖުމުލައިގައި "ވީއިރު ބައްޕަގެ ލޯތްބާއި ބައްޕަގެ ތަނަވަސްކަމުން އަޙުމަދު މަޙުރޫމު ކުރަން މަންމަ މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟" މިފަދައިން ސުވާލުކޮށް ބައްޕަގެ ލޯބިން މަޙުރޫމު ކުރީ ކީއްވެގެންތޯ އޮޅުން ފިލުވަން މަސައްކަތް ކަތްކޮށްފައިވުމުން މިއީ ސުވާލުގެ ޖުމުލައެއްކަން ދޭހަވެއެވެ. ތިންވަނަ ޖުމުލަ "ދެން އަވަސް ކުރަމާ އުޅޭ!" މި އިބާރާތުން ކަތީބު ކަމެއް އަވަސްކުރުމަށް އިޝާރާތްކޮށްފައިވާ އަމުރެއްކަން ދޭހަކޮށްދެއެވެ. ވީމާ،  ދިވެހިބަހުގެ ޤަވާއިދު ފޮތުގައި ވާގޮތުން ތާވަލް 5 އަދި  6 ގައި ހިމަނައިފައި އެވަނީ ބަޔާނަކާއި، ސުވާލަކާއި އަމުރެއްކަން ސާބިތުވެއެވެ.
އެހެންކަމުން މި ދެ ވާހަކައިގައި ވެސް ޖުމުލައިގެ ބާވަތްތައް ދިވެހިބަހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގެނެސްފައިވެއެވެ.

3.2- ނަންއިތުރު

ތާވަލް 7: ވާހަކަ1. "ގޯޅިތެރެ" ނަންއިތުރު:



ނަންއިތުރު ހިމެނޭ ޖުމުލަ
 ނަންއިތުރު
1
ޢާއިލާއާއި ރަށްޓެހިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށެވެ.
އުފާވެރި+ވަގުތުކޮޅެއް
2
ކޫރުމެއް އެޅިފައިނުވާ "އެ ވާހަކަ" އާއި ދިމާއަށެވެ.
ކޫރުމެއް އެޅިފައިނުވާ + ވާހަކަ
3
ފުރަތަމަ ދެ ހަފުތާއެއްހައި ދުވަހު އިސްކޫލަށް ގޮސް އައިސް އުޅުނީ ދޮންތަގެ ޠޮލްޙަތާ އެކުގައެވެ.
ފުރަތަމަ ދެހަފުތާއެއްހައި + ދުވަހު
4
ފުރަތަމަ 2 ހަފްތާއެއްހާ ދުވަހު އިސްކޫލަށް ގޮސް އައިސް އުޅުނީ ދޮންތަގައި ތޮލްހަތާއި އެކުގައެވެ.
ދޮންތަގެ ޠޮލްޙަތުގެ

     ތާވަލް 7ގެ  ފުރަތަމަ ޖުމްލައިގައިވާ "އުފާވެރި ވަގުތުކޮޅެއް" މި އިބާރާތުގެ "ވަގުތުކޮޅު" މި ނަމަށް އުފާވެރިކަމުގެ ސިފަ ގެނެސްދޭ ނަންއިތުރަކަށް "އުފާވެރި" މި ލަފްޒު ފެތެއެވެ. އަދި ދެވަނަ ޖުމުލައިގައި ވާ "ކޫރުމެއް އެޅިފައިނުވާ" މި އިބާރާތް ގެންނަވާފައިވުމުން "އެ ވާހަކަ" މި ނަމުގެ ސިފަ ވެސް ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއެވެ. ނަމަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދިނުމުގެ ގޮތުން، ނަންއިތުރުގެ ގޮތުގައި އިބާރާތް ވެސް ބޭނުންކުރެވޭ ކަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ދިވެހި ބަހުގެ ޤަވާއިދުގައި ބަޔާންކުރަށްވާފައިވާ އުސޫލުތަކަށް ބަލާއިރު "ގޯޅިތެރެ" މި ވާހަކައިގައި ލިޔުންތެރިޔާ ބޭނުންކޮށްފައިވާ  "ފުރަތަމަ ދެހަފުތާއެއްހައި" މި ލަފުޒުތަކަކީ ނަންއިތުރެވެ. އެހެނީ  އެ ލަފުޒުތަކަކީ ތާވަލް 7 ގެ 3 ވަނަ ޖުމުލައިގައި ލިޔުންތެރިޔާ ގެންނަވައިފައިވާ "ދުވަހު" މި ނަމަށް ރައްދުކޮށް އިތުރު ބަޔާން އަދި ސިފަ ލިއްބައިދޭ ނަންއިތުރު ތަކެކެވެ. އަދި ހަމަ އެހެންމެ  މި ލަފުޒުން ވަނަ ބަޔާންކޮށް ދިނުމާއިއެކު "ދެ ހަފްތާ" އިން މިންވަރު ބަޔާން ކޮށްދެއެވެ.  ފިޔަވަޅު ފޮތުގައި ނަންއިތުރުގެ ބާވަތްތަކުގެ ތެރޭގައި ވަނަ އަދި މިންވަރު ބަޔާންކޮށްދޭ ނަން އިތުރު ތަފްސީލުކޮށްދީފައިވާ ގޮތަށް ބަލާއިރު "ފުރަތަމަ" މި ލަފުޒަކީ ވަނަ ބަޔާންކޮށްދޭ ނަންއިތުރެކެވެ. އަދި "ދެހަފްތާ" މިއީ  މިންވަރު ބަޔާން ކޮށްދޭ ނަންއިތުރެކެވެ. މީގެ އިތުރުން މި ލިޔުމުގައި ނަންއިތުރުގެ ގޮތުގައި ނަންވެސް ގެނެސްފައިވެއެވެ. މިސާލަކަށް ތާވަލް 7ގެ ފަހު ޖުމްލައިގައި ހިމެނޭ "ދޮންތަގެ ތޮލްޙަތު" މި އިބާރާތަށް ބަލާއިރު "ދޮންތަގެ" ރައްދުވަނީ ތޮލްޙަތުއަށެވެ. އެހެނީ "ދޮންތަގެ ތޮލްހަތު އޮތުމުން ނަންއިތުރު ރައްދުވާ ނަން "ތޮލްހަތު" އަށް އިތުރު ބަޔާނެއް ނުވަތަ ސިފައެއް ލިއްބައިދެއެވެ. ވީމާ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ މަރިކަޒު (2004) ގައި އަދި ރާމިޒު އަލީ (2011) ހިމަނުއްވަވައިފައިވާ އުސޫލުތަކުގެ މަތިން "ދޮންތަގެ" މިއީ ނަމުން އުފެދިފައިވާ ނަންއިތުރެކެވެ.
    ޖުމުލަގޮތެއްގައި "ގޯޅިތެރެ"  މި ވާހަކަ ސިފަކޮށްދިނުމުގެ ގޮތުން ނަންއިތުރުގެ 4 ބާވަތް ހިމަނައިފައިވާއިރު ނަންއިތުރުތައް ގެނެސްފައިވަނީ ރައްދުވާ ނަމުގެ ކުރިއަށް ޖުމުލައިގެ އިސްބައިގައެވެ. ނަމަވެސް "ކުދިން ވަރަށް މަދެވެ." މި ޖުމުލައިގައިވާ އިބާރާތުގެ ނަންއިތުރު "ވަރަށް މަދެވެ." މި މިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ މަރުކަޒު (2004) ތަފްސީލްކޮށްދީފައިވާ ފަދައިން ނަމުގެ ފަހަތަށް ގެންނަވާފައެވެ.



ތާވަލް 8:"ވިސްނުނީ މާފަހުންނެވެ." އިން ނަގައިފައިވާ ބައެއް ޖުމްލަ

ނަން އިތުރު ހިމެނޭ ޖުމްލަ
ނަން އިތުރު
މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި ތުނޑީގެ ކޮޅުގައި ރާޅުޖަހާ ފަށުގައި އަޙުމަދު އިށީނދެލިއެވެ.
މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި + ތުނޑީގެ
މި ނިކަމެތި މަންމައަށް މަޢާފު ކުރާށެވެ.
ނިކަމެތި + މަންމަ
ތުރުތުރުއަޅާ އަތަކުން ކަރުދާސް ގަނޑުގައި ހިފާ ނިއުޅައިލިއެވެ.
ތުރުތުރުއަޅާ + އަތަކުން

      "ވިސްނުނީ މާފަހުންނެވެ" މި ވާހަކައަކީ ވެސް އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. ވާހަކަ ސިފަކޮށް ދިނުމުގައި ސިފަބަޔާންކޮށްދޭ ގިނަ ނަންއިތުރުތައް ތަފާތުގޮތްގޮތަށް ބޭނުންކޮށްފައިވާ ކަން ފާހަގަ ކުރެވުނެވެ. ތާވަލް:8 ގެ ފުރަތަމަޖުމްލައިގައި މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި + ތުނޑީގެ ސިފަ ބަޔާންކޮށްދޭން "މުޅިއަތޮޅަށް މަޝްހޫރު ރީތި ބޮޑު ދޮންވެލި" މިއިބާރާތް ބޭނުންކޮށްފައި ވެއެވެ. އަދި ހަމައެހެންމެ މި އިބާރާތުގައިވާ މަޝްހޫރު، ރީތި، ބޮޑު، ދޮންވެލި މި ލަފުޒުތަކަކީ ހައްތާވެސް ނަންއިތުރެވެ. ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުގައި ސިފަބަޔާންކޮށްދިނުމުގެ ގޮތުން އެތައް ނަންއިތުރެއް އެކުގައި ބޭނުންކުރެވޭކަމަށް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން "ދޮންވެލި ތުނޑި" މިއީވެސް ނަމުގެ ނަންއިތުރެކެވެ. އެހެނީ މި ދެ ލަފުޒަކީވެސް ނަމެވެ. އަދި ތާވަލް8 ގައިވާ "މި ނިކަމެތި މަންމައަށް މަޢާފު ކުރާށެވެ." މި އިބާރާތުގެ ދަށުރޮނގު ދަމާފައިވާ ލަފުޒު "ނިކަމެތި" މިއީ ސިފައެކެވެ. އެހެންކަމުން "ނިކަމެތި މަންމައަށް" މިހެން ބުނުމުން "ނިކަމެތި" މި ލަފުޒު ބަޔާންކޮށްދެނީ މަންމަގެ ސިފައެކެވެ. ހަމަ މިއާއެކު މުހައްމަދު ޖަމީލު (1970) އާއި ރާމިޒު އަލީ (2011) ހާމަކުރައްވާފައިވާ ފަދައިން ވާހަކައިގެ ލިޔުންތެރިޔާ ނަންއިތުރުގެ ގޮތުގައި ކަންވެސް ބޭނުންކޮށްފައި ވެއެވެ. އެގޮތުން ތާވަލް8 ގެ ތިންވަނަ ޖުމުލައިގައިވާ މި އިބާރާތް "ތުރުތުރުއަޅާ + އަތަކުން" މިފަދައިން ސިފަކޮށް ދެއްވާފައި ވެއެވެ.
މި ދިރާސާގައި ބޭނުންކުރެވުނު ދެ ވާހަކަ "ވިސްނުނީ މާފަހުންނެވެ" އަދި " ގޯޅިތެރެ" އަޅާކިއާއިރު "ގޯޅިތެރެ" މި ވާހަކައިގައި ނަންއިތުރު ގެންނެވަފައިވާ މިންވަރު މަދު ކަމުގައިވިޔަސް ދިވެހިބަހުގަ ޤަވާއިދު ފޮތްތަކުގައި ތަފްސީލްކޮށްފައިވާ ތިން ބާވަތުގެ ނަންއިތުރު ވެސް ބޭނުންކޮށްފައިވެއެވެ. ހަމައެހެންމެ މި ދެ ވާހަކައިގައި ވެސް  ސިފަބަޔާންކޮށްދޭ ނަންއިތުރުތަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)ގައި ބަޔާންކޮށްފައިވާ ފަދައިން ނަމުގެ ކުރިއަށް އެތައް ނަންއިތުރެއް އެކުގައި އަދި އިބާރާތުގެ ގޮތުގައި ގެންނަވާފައިވެއެވެ. ހަމައެހެންމެ "ގޯޅިތެރެ" ވާހަކައިގައި ނަމުގެ ފަހަތަށް ވެސް ނަންއިތުރު ގެނެސްފައިވެއެވެ.

3.3- ލަފުޒު ވަކިކުރުން

ލަފުޒުތައް ވަކިކޮށްގެން ލިޔުމަކީ ލިޔާލިޔުމުގެ މާނަ އޮޅުންނާރާ ގޮތަށް އަދި ލިޔުންތެރިޔާ ފާޅުކުރަން ބޭނުންވާ ޚިޔާލުތައް ފުށުނާރާގޮތަށް ލަފުޒުތައް ވަކިތަރުތީބަކުން އަތުރައިލުމެވެ. ތިރީގައި ވާ ތާވަލުގައި އެވަނީ މި ދިރާސާގައި ބޭނުންކުރި ދެ ވާހަކައިން ނަގާފައިވާ މިފަދަ ބައެއް މިސާލުތަކެވެ.

ތާވަލް:9: ދެ ވާހަކައިން ނެގިފައިވާ ލަފުޒުވަކިކޮށްފައިވާ ގޮތުގެ ބައެއް މިސާލު


ވިސްނުނީ މާފަހުންނެވެ.
ގޯޅިތެރެ
ގާތަށްގޮސް، އަށާރައަހަރު، ހުދުކުލައިގެ ދޮންވެލި ތުނޑިމަތީގައި، ހުއްޓެވެ. އަބަދުވެސް މަންމައަކަށް، މީހުންތައް، މިގަޑީގައި، ބަލިބަލި، އެ ޖިފުޓިގަނޑުގައި، އެއްޗެހިކިޔާފައި، ބާރުކަމުން
އެ ވާހަކަ، ލިޔެފައި، ބޭނުންވެގެންއުޅޭތާ، ދެ ވާހަކަ، އަހަންނަކީ، އެރޭވެސް، ލީނާޒަކީވެސް،
ދެމީހުންނަކީ ވެސް، ގޮޑުދޮށަށް، ދުވަހުންފެށިގެން
ގޮތްގޮތުން، ކުޑަހުވަދޫގައިވެސް، ދިމާއަށެވެ. އެކުގައެވެ.

ލިޔުންތަކުގައި ލަފުޒު ވަކިކޮށްފައިވާ ގޮތަށް ބަލާއިރު، ދެ ވާހަކައިގައިވެސް ވެސް ޖުމްލަ ގޮތެއްގައި ބަހުގެ މައިގަނޑު ބައިތައް ވަކީން ލިޔެފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް މި ދެ ވާހަކައިގައި ވެސް ކަމާއި، ކަންއިތުރާއި، ނަންއިތުރާއި ބައެއް ލަފުޒުތަކާއި މެހޭ އަކުރުތަކާއި، ބައެއް އިޝާރާތުގެ ނަމާއި، ހިސާބު އަދަދު ލިޔުއްވާފައިވާ ގޮތް ރަނގަޅުނޫންކަމުގައި ދަންނަވަމެވެ. އެހެނީ "ވިސްނުނީ މާފަހުންނެވެ." މިވާހަކައިގައި  "ގާތަށްގޮސް" އަދި  "އަށާރައަހަރު" ލިޔެފައިވާއިރު މި ދެ ލަފުޒު އެވަނީ ވަކިނޮކޮށް ލިޔެފައެވެ. ދިވެހިބަހުގެ އެކެޑަމީ (2013) ބަޔާންކޮށްފައިވާ ގޮތުން އަކުރުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި ލަފުޒުތަކާ މެހޭ އަކުރެއް ލިޔާނަމަ ލިޔާނީ ލަފުޒާ ވަކި ނުކޮށެވެ. ވަކިން ލިޔާނީ އެއްވެސް ހާލަތެއްގައި ލަފުޒަކާ ނުމެހޭ އަކުރުތަކެވެ. މިޤަވާޢިދުގައި ހާމަކުރާ ގޮތުންނަމަ "ގާތަށްގޮސް" މިލަފުޒުގެ ފަހަތަށް އެއޮތް "ގޮސް" އަކީ މެހޭ އަކުރެއްގެ ގޮތުގައި ނުބެލެވެއެވެ. ވީމާ މިލަފުޒު ލިޔަންޖެހޭ ރަގަޅުގޮތަކީ " ގާތަށް ގޮސް" މިހެންނެވެ. އަދި  ހަމައެހެންމެ ހިސާބު އަދަދުން ލިޔާއިރު ލިޔާނީ ކޮންމެ އަދަދެއް ވަކީންނެވެ. މިހެން ފާހަގަކޮށްފައި ވުމުން"ވިސްނުނީ މާފަހުންނެވެ." ވާހަކައިގެ ލަފުޒެއްގައި  "އަށާރައަހަރު" މިލަފުޒު ލިޔެފައިވާ ގޮތުން މިޤަވާޢިދަށް ފުށުއަރައެވެ.
އަދި ހަމައެހެންމެ "ގޯޅިތެރެ" މިވާހަކައިން ފާހަގަކޮށްފައިވާ "ލީނާޒަކީވެސް" މިލަފުޒުގައިވާ "ވެސް" އަކީ އެއްވެސް ޙާލަތެއްގައި ލަފުޒަކާއި ނުމެހޭ އަކުރެއްކަމުން " މިލަފުޒުވެސް ލިޔަންވާނީ " ލީނާޒު ވެސް" މިހެންނެވެ.
މަތީގައިވާ ތާވަލުގައި ފާހަގަކޮށްފައި  އެ ވަނީ އަޅުގަނޑު ބެލި ދެވާހަކައިގައި ލަފުޒުވަކިކުރުން ގެނެސްފައިވާ ގޮތުގެ ބައެއް މިސާލުތަކެވެ. މި މިސާލުތަކަށް ބަލާލުމުން މި ދެ ވާހަކައިގައި ވެސް ބައެއް ހާލަތްތަކުގައި ލަފުޒު ވަކިކުރުމުގައި ޤަވާޢިދާއި ޚިލާފުވެފައިވާ ކަން ފާހަގަކުރަމެވެ. ވީމާ، ދެ ވާހަކައިގައި ވެސް ލަފުޒު ވަކިކޮށްގެން ލިޔުމުގެ ޤަވާޢިދުގެ  ބައެއް ހަމަތައް ހިފަހައްޓަވާފައިވާއިރު އަނެއްބައި ހަމަތައް ވަނީ ދޫކޮށްލެވިފައެވެ.



4- ނިންމުން:

ދިވެހި ލިޔުންތަކުގައި، ދިވެހި ބަހުގެ ޤަވާއިދުގެ ހަމަތައް ބޭނުންކުރައްވާފައިވާ ގޮތް ބެލި ބެލުމަށް ކުރެވުނު މި ދިރާސާއިން ހާމަވީ، މި ދެ ލިޔުމުގައިވެސް ދިވެހިބަހުގެ ޤަވާޢިދާއި ހަމަތައް މުޅިން ފުރިހަމަނުވިކަމުގައި ވިޔަސް އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްފައިވާ ކަމެވެ. އެގޮތުން ދިރާސާ ކުރެވުނު ދެ ވާހަކައިގައި ވެސް ޖުމުލައިގެ ބާވަތްތައް ދިވެހި ބަހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގެނެސްފައިވެއެވެ. ހަމައެހެންމެ މިދިރާސާގައި ބޭނުންކުރެވުނު ދެވާހަކައިގައި ނަންއިތުރު ގެންނަވާފައިވާ ގޮތަށް ބަލާއިރު "ވިސްނުނީ މާފަހުންނެވެ." މި ވާހަކައަށްވުރެ "ގޯޅިތެރެ" ވާހަކައިގައި ސިފަކޮށްދޭ ނަންއިތުރާއި، މިންވަރު/އަދަދު ބަޔާންކުރާ ނަންއިތުރާއި ވަނަ ބަޔާންކޮށްދޭ ނަންއިތުރު ގެންނަވާފައިވާ ގޮތާއި ނަންއިތުރުގެ ބާވަތް ފުރިހަމަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް " ވިސްނުނީ މާފަހުންނެވެ." މި ވާހަކަ ސިފަކޮށް ދިނުމަށްޓަކައި ވަރަށް ގިނަ ސިފަކުރާ ނަންއިތުރު ބޭނުންކޮށްފައިވެއެވެ. އެހެންކަމުން ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުގައި ނަންއިތުރު ބޭނުންކުރުމުގެ ޤަވާޢިދަށް މި ދެ ވާހަކަ ވެސް ފެތެއެވެ.
އެހެންނަމަވެސް ދިވެހިބަހުގެ އެކަޑެމީ (2013) ގައި ބަޔާންކޮށްފައިވާ ލަފުޒު ވަކިކުރުމުގެ ބައެއް ހަމަތައް ލިޔުންތަކުގައި ހިފަހައްޓަވައިފައވާއިރު އަނެއްބައި ހަމަތައް ބޭނުންކޮށްފައިވާ ގޮތުގައި ޚިލާފު އެބަހުއްޓެވެ.
 ނަންއިތުރުގެ ތަފާތު ބާވަތްބާވަތާއި ގޮތްތައް ލިޔުންތެރިންގެ ލިޔުއްވުންތަކުގައި އިތުރަށް ހިމެނިފައިވީނަމަ ވާހަކަތަކުގެ އަސަރުގަދަވެ ލިޔުންތެރިކަން އިތުރަށް ފުރިހަމަވީހެވެ. އަދި ހަމައެހެންމެ ލަފުޒު ވަކިކުރުމުގެ ޤަވާޢިދަށް އެކަށީގެންވާ ގޮތެއްގައި އަހުލުވެރިވެ، ފަރުވާތެރިކަމާއިއެކު ގެންނެވިފައިވީނަމަ މި ވާހަކަތައް ދިވެހިބަހުގެ ހަމަތަކަށް ފެތި، ފުރިހަމަ ލިޔުމަކަށްވީހެވެ.




ރެފަރެންސް


ޢަބްދުﷲ ޞާދިޤް. (1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް. މާލެދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަޝްރަފް ޢަބްދުއްރަޙީމް. (2006). ސާނަވީ ދިވެހި 1. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
މުހައްމަދު އާމިރު. (2006). ސާނަވީ ދިވެހި 2 (Vol. 1). މާލެ: ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު.
މުޙައްމަދު ޖަމީލް. (1970). ފިޔަވަޅު 2(ދިވެހިބަހުގެ ޤަވާއިދު). މާލެ؛ ދިވެހިރާއްޖެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު.
ދިވެހިބަހުގެ އެކެޑަމީ. (2013). ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދު. މާލެ: ދިވެހިބަހުގެ އެކަޑެމީ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު. (2004). ދިވެހިބަހުގެ ގަވާއިދު. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1984). ދިވެހިބަހުގެ ޤަވާޢިދު ދެވަނަބައި. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒް. (1993). ބަހުގެ ހަމަ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒް.